ދިރާގު ރޯޑްރޭހަށް ބައިނަލްއަގުވާމީ އެވޯޑެއް

ދިރާގު ރޯޑް ރޭސްގެ އެސިސްޓެންޓް ރޯޑް ޑިރެކްޓަރު ނައްޔާ ޝަރީފް އެވޯޑާއެކު -- ފޮޓޯ: ދިރާގު

ދިރާގު ރޯޑްރޭހަށް ބައިނަލްއަގުވާމީ އެވޯޑެއް ލިބިއްޖެއެވެ.

އޭޝިއާގެ ކުޅިވަރު އިންޑަސްޓްރީގެ އެންމެ ޝަރަފުވެރި އެއް އެވޯޑް، އެސްޕީއައިއޭ އޭޝިއާ އެވޯސްޑްގެ "ބެސްޓް ޔޫސް އޮފް ޓެކްނޮލޮޖީ އިން ސްޕޯޓްސް" ކެޓަގަރީއިން ބްރޯންޒް އެވޯޑް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ދުވުމަށް ލިބުނީ ސައުތު އީސްޓް ގޭމްސްގެ ރަސްމީ ހަރަކާތްތަކުގެ ހަވާސާގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ދުނިޔޭގެ ތަރިންނާ އެކު 600 އަށް ވުރެ ގިނަ ޑެލިގޭޓުން ބައިވެރިވި މި އެވޯޑް ހަފުލާ އޮތީ ފިލިޕީންސްގެ ވެރިރަށް މެނީލާގެ ގްރޭންޑް ހަޔާޓް މެނީލާ ހޮޓަލުގައެވެ.

އޭޝިއާގެ ލީޑިން ސްޕޯޓްސް ބިޒްނަސް ކޮންފަރެންސް އަދި އެވޯޑް ޕްލެޓްފޯމުގެ މި ޝަރަފްވެރި އެވޯޑުގެ އެކި ކެޓަގަރީތަކަށް ދިރާގުގެ އިތުރުން އޭޝިއާގެ 47 ގައުމަކުން 500 އެއްހާ ނޮމިނޭޝަންސް ހިމެނުނެވެ. މި ވާދަވެރި އެވޯޑްތަކަށް ދިރާގު މޯލްޑިވްސް ރޯޑް ރޭސް ބައިނަލްއަގުވާމީ ބޮޑެތި ދުވުންތަކާއެކު ވަނީ ވާދަކޮށްފައިއެވެ. ހުރިހާ ކެޓަގަރީއެއްގެ ދުވުންތައްވެސް އިންސާފުކޮށްފައިވަނީ ކުޅިވަރުގެ ދާއިރާގެ ތަޖުރިބާކާރު ޖަޖިން ޕެނަލަކުން ބައިނަލްއަގުވާމީ ކުޅިވަރު އެވޯޑުތަކުގެ މިންގަޑުތަކަށް ފެތޭގޮތަށެވެ.

މި އެވޯޑުގެ އިތުރުން ދިރާގު މޯލްޑިވްސް ރޯޑް ރޭސް ވަނީ އިތުރު ހަތަރު ކެޓަގަރީ އަކުން ނޮމިނޭޓް ވެފައިއެވެ. އެއީ

  • ބެސްޓް ސްޕޯޓްސް ފޭން އެންގޭޖްމަންޓް ކެމްޕެއިން އޮފް ދަ އިޔާ
  • ބެސްޓް އިންޓަގްރޭޓެޑް މާކެޓިން ކެމްޕެއިން ފޮ އަ ސްޕޯޓިން އިވެންޓް
  • ބެސްޓް ސްޕޯޓްސް ސީ .އެސް .އާރް އިނީޝިއޭޓިވް އޮފް ދަ އިޔާ
  • ބެސްޓް ސްޕޯޓްސް ޓޫރިޒަމް ޑެސްޓިނޭޝަން ކެމްޕެއިން އޮފް ދަ އިޔާ

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2019 އަކީ 5ޖީ/އައިއޯޓީ ބޭނުންކޮށް ޑިޖިޓަލް ވަސީލަތްތަށް މެދުވެރިކޮށް ބޭއްވާ އެންމެ ބޮޑު އަދި ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގުވާމީ ރޭހުގެ އިތުރުން ހަރަކާތެވެ.

ރޭހުގައި ބައިވެރިވާން ރެޖިސްޓްރީކުރާ ހިސާބުން ފެށިގެން ރޭސް ނިންމުމާ ހަމައަށް ދިރާގުން ދަނީ ދުވުންތެރިންނަށް ޑިޖިޓަލް ވަސީލަތްތަކުން ލުއިފަސޭހަތަށް ފޯރުކޮށްދެމުނެނެވެ.

ދިރާގުން ވަނީ މި ރޭހަށް ހާއްސަ ކޮށްގެން މޮބައިލް އެޕްލިކޭޝަނެއްވެސް ތައާރަފު ކޮށްފައިއެވެ. މި އެޕްގެ ޒަރިއްޔާއިން ދުވުންތެރިންގެ ބިބުގައި ހަރުކޮށްފައިވާ ޗިޕް މެދުވެރިކޮށް ނަގާ ޑޭޓާތައް ދުވުންތެރިއާ ހަމައަށް ގެނެސްދޭނެއެވެ.

މީގެ އިތުރުން، މިއަހަރުގެ ރޭހުގައި ދިރާގުން ވަނީ ސައުތު އޭޝިއާގައިވެސް އަލަށް 5ޖީ ޓެކްނޮލޮޖީ މެދުވެރިކޮށް މި ރޭސް ޓީވީ އަދި ސޯޝަލް މީޑިއާ މެދުވެރިކޮށް ލައިވް ކޮށްފައިއެވެ.

ދިރާގުގެ ޗީފް މާކެޓިން އޮފިސަރު، މަހުމޫދް ދައްސަރު ވިދާޅުވީ އެސްޕީއައީއޭ ފަދަ މި ސަރަހައްދުގެ ކުޅިވަރު އިވެންޓްތަކުގެ އެވޯޑް ޕްލެޓްފޯމެއްގައި ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާބިޔާބީއެއް ލިބުމަކީ ދިރާގާއި މުޅި ރާއްޖެއަށްވެސް ލިބޭ ވަރަށް ބޮޑު ފަހުރެއް ކަމަށެވެ.

އަދި އޭޝިއާގެ ގަދަ 10 ކުޅިވަރުގެ ހަރަކާތްތަކާއި ބްރޭންޑްތަކާއެކު ދިރާގު މޯލްޑިވްސް ރޯޑް ރޭހަށް މިފަދަ ކާމިޔާބީއެއް ލިބިގެން ދިޔުމަކީ ރޭހަށް ހާސިލްކުރެވުނު ވަރަށްވެސް ބޮޑު އަދި މުހިންމު ލަނޑުދަޑިއެއްކަމަށެވެ. މަހުމޫދު އިތުރަށް ވިދާޅުވިގޮތުގައި، މިއަދު މި ހާސިލުކުރެވުނު އެވޯޑަކީ މި އިވެންޓުގައި ހަރަކާތްތެރިވާ ދިރާގުގެ ޓީމްތަކުން ޒަމާނީ ޓެކްނޮލޮޖީ ބޭނުންކޮށްގެން ރޭސް އިތުރަށް ފުރިހަމަކުރަން ކެނޑިނޭޅިކުރަމުންދާ މަސައްކަތުގެ ނަތީޖާކަމަށާއި އަދި އަންނަ އަހަރުގެ އިވެންޓް އިތުރަށް ފުރިހަމަކުރުމަށް ޓީމްތަކަށް ލިބިގެންދާ ވަރަށް ބޮޑު ހިތްވަރެއް ވެސް ކަމަށެވެ.

ދިރާގު މޯލްޑިވްސް ރޯޑް ރޭހަކީ ދުނިޔޭގެ ފެންވަރުގައި ވިދާލަމުން އަންނަ ދުވުމެކެގެ. އެގޮތުން 2018 ވަނަ އަހަރު އިޖުތިމާއީ ހަރަކާތްތަކަށް ބިނާކޮށް، އެސޯސިއޭޝަން އޮފް އިންޓަނޭޝަނަލް މެރަތަންސް އެންޑް ޑިސްޓެންސް (އެއިމްސް) އިން ދޭ ބައިނަލްއަގުވާމީ ސޯޝަލް އެވޯޑްގެ ގަދަ ތިނެއްގައި ވެސް މި ރޭސް ވަނީ ހިމެނިފައެވެ.

comment ކޮމެންޓް