މާދަމާ ހުޅުމާލޭގައި ފިޝަރީޒު އެކްސްޕޯއެއް ބާއްވަން ނިންމައިފި

މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިދިޔަ އަހަރު ބޭއްވެވި މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން -- ފޮޓޯ/ ރައީސް އޮފީސް

ކޮންމެ އަހަރަކު ވެސް ފާހަގަކުރަމުން އަންނަ މަސްވެރިންގެ ދުވަހާ ގުޅިގެން މާދަމާ ހުޅުމާލޭގައި ފިޝަރީޒު އެކްސްޕޯއެއް ބޭއްވުމަށް ޝަރީޒް މިނިސްޓްރީ އިން ނިންމައިފި އެވެ.

ފިޝަރީޒު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ހުރަވީ ސްކޫލް ހޯލްގައި މާދަމާ ފިޝަރީޒް އެކްސްޕޯއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. އަދި އެ އެކްސްޕޯ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.

މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ. ޑިސެމްބަރު މަހު 10 ވަނަ ދުވަހަކީ ބައިނަލައަގުވާމީ ގޮތުން ފާހަގަ ކުރާ އިންސާނީ ހައްގުތަކުގެ ދުވަސް ވެސް މެ އެވެ.

އެ އެކްސްޕޯގައި މަސްވެރިކަމާ ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ލިބި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.

އޭގެ އިތުރުން މަސްވެރިކަމުގައި، ހާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން މަސް ދަތުރެއް ވެސް ބާއްވަން ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންނެވެ. އެ ދަތުރުގައި ދެ ދޯންޏަކަށް ބަހާލެވިގެން ޖުމްލަ 30 ޒުވާނުން މަހަށް ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

އޭގެ އިތުރުން މަސްވެރިންގެ ދުވަހާ ގުޅިގެން އަންނަ ހޮނިހިރު އަދި އާދިއްތަ ދުވަހު ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް މަސްވެރިކަމުގެ ފޯރަމެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

އެ ފޯރަމްގައި މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މައުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާ ބެހޭ ގޮތުން މައުލޫމާތު ބަދަލުކުރުމާއި، މިސިނާޢަތު ތަރައްގީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށް މިނިސްްޓްރީން ބުންޏެވެ.

މަސްވެރިންގެ ދުވަހާ ގުޅިގެން އަންނަ ހޯމަ ދުވަހު ދެ ޖިންސަށް ހުޅުވާލައިގެން މަސް ކެނޑުމުގެ މުބާރަތެއް ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. އެ މުބާރާތް ބޭއްވުމަށް ހަމަޖައްސައިފައި ވަނީ އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީގަ އެވެ. ހަމަ އެ ދުވަހު އެ ފެކްޓްރީ އާއި ފިޝަރީޒް ހާބާރުގައި އަލަށް ގާއިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓު ހުޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް