ގާސިމްގެ މަރާ ގުޅިގެން އަދި މީހަކު ހައްޔަރު ނުކުރޭ: ފުލުހުން

ޑިސެމްބަރު 4، 2019 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު ހަތިޔާރުން ހަމަލާދީ މަރާލި ގާސިމް ހަސަން ހުޅުމާލެ ހޮސްޓަލުން ނެރެ އެމްބިއުލާންސަށް އަރުވަނީ - ސަން ފޮޓޯ/ ފަޔާޒު މޫސާ

ރޭ ހުޅުމާލޭގައި ކަރަށް ވަޅި ހަރައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލި މައްސަލާގައި އަދި މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.

ހުޅުމާލެ ހިތިގަސްމަގުގައި ގާސިމް ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ފުލުހުނަށް ލިބިފައި ވަނީ، ރޭ 9:07ގަ އެވެ. އޭނާ މަރާލީ ކަރަށް ވަޅި ހަރައިގެންނެވެ.

ގާސިމް މަރާލި މައްސަލަ ފުލުހުންގެ ސީރިއަސް ކްރައިމް ޑިޕާޓްމަންޓް އާއި ފޮރެންސިކްސް ޑިޕާޓްމަންޓު ގުޅިގެން މިހާރު ދަނީ ބަލަމުންނެވެ. އެެހެންނަމަވެސް، އެ މަރާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން "ސަން"އަށް ވަނީ ބުނެފަ އެވެ.

ގާސިމްގެ ރައްޓެހި ޓެކްސީ ޑްރައިވަރަކު "ސަން"އަށް ބުނި ގޮތުގައި އިއްޔެ މެންދުރު ގާސިމް ކާރު ޒުވާނެއްގެ ސައިކަލެއްގައި ޖެހުމުން މަގުމަތީގައި ސައިކަލު ދުއްވަން އިން ޒުވާނާ އޭނާއަށް އިންޒާރު ދިނެވެ. އެ މަންޒަރު ފެނުނު މީހަކާ ހަވާލާދީ ރައްޓެހިން ބުނި ގޮތުގައި އެ އިންޒާރުތަކަށް ގާސިމް މާބޮޑު ރައްދެއް ނުދެ އެވެ.

ގާސިމްގެ ރައްޓެހިން އިތުރަށް ބުނި ގޮތުގައި، ރޭ އަށެއްގެ ފަހުން ވެސް އޭނާ ހެންވޭރުގައި ހުންނަ ކޭމާޓު ސައިހޮޓަލުގައި އެހެން ޓެކްސީ ޑްރައިވަރަކާ އެކު ކާން އިނެވެ. އޭނާ ހުޅުމާލެއަށް ދިޔައީ މާލެއިން ކަމަށާއި، 8:30 އެހާކަންހާއިރު ހުޅުމާލޭގައި ހުރި ކަމަށް ފޯނުން ގުޅާފައި ބުނި ކަމަށް ވެސް ރައްޓެއްސަކު ބުންޏެވެ.

ގާސިމް މަރާލާފައި އޮތް ސީން ދެކުނު މީހަކު ބުނި ގޮތުގައި އޭނާގެ ކަރަށް ވަޅި ހަރާފައި ހުރީ ކަރުގެ ފުއްކިބައިންނެވެ. އަދި އޭނާގެ ބޮލަށްވެސް ހަމަލާދީފައި ހުއްޓެވެ. އެކަމަކު، ހަމަލާ ދިން ބަޔަކު ކާރުތެރޭގައި އޮތް އޭނާގެ ފޯނާއި ގަމީހުގެ ޖީބުގައި ހުރި ފައިސާ ނުގެންދެ އެވެ.

މިއަދު މެންދުރު ނަމާދަށް ފަހު ގާސިމްގެ ކަށުނަމާދު ވަނީކޮށްފަ އެވެ. އަދި އޭނާގެ ހަށިގަނޑު މިހާރު ވަނީ އާސަހަރާގައި ވަޅުލައިފަ އެވެ.

comment ކޮމެންޓް