ފްރާންސްގެ ލަގްޒަރީ ފެއާއެއްގައި ރާއްޖެ އިޝްތިހާރުކުރަނީ

އައިއެލްޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑް--- ފޮޓޯ: އެމްއެމްޕީއާރުސީ

ފްރާންސްގެ ކާންގައި މިދިޔަ ހޯމަ ދުވަހު ފްރާންސްގެ ކާންގައި ފެށި އިންޓަނޭޝަނަލް ލަގްޒަރީ ޓްރެވަލް މާކެޓް (އައިއެލްޓީއެމް)ގައި މޯލްޑިވްސް މާކެޓިންގް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ގެ ފަރާތުން ބައިވެރިވެއްޖެ އެވެ.

މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ އެ ފެއާގައި ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ 13 ކުންފުނީގެ 17 މަންދޫބުން ވަނީ ބައިވެރިވެފަ އެވެ.

ރީޑް އެގްޒިބިޝަންގެ ފަރާތުން އިންތިޒާމު ކުރާ އައިއެލްޓީއެމް ފެއާއަކީ ދުނިޔޭގައި ބާއްވާ ލަގްޒަރީ ފެއާތަކުގެ ތަރެއިން އެންމެ މަގްބޫލު އެއްފެއާ އެވެ.

މިއީ މި ފެއާ ބާއްވާ 18 ވަނަ ފަހަރަށް ވުމާ އެކު، މި އަހަރުގެ ފެއާ ހުރިހާ ގޮތަކުން ވެސް ހާއްސަ ވާނެ ކަމަށް ރީޑް އެގްޒިބިޝަން އިން ބުންޏެވެ.

އެގޮތުން މިފަހަރުގެ ފެއާއަށް 5000 އަށް ވުރެ ގިނަ މީހުން ޒިޔާރަތްކުރާނެ ކަމަށް ވެސް ލަފާކުރެވޭ ކަމަށް ރީޑްއިން ބުންޏެވެ.

މިދިޔަ އަހަރުގެ އައިއެލްޓީއެމް ފެއާގައި 80 ގައުމާއި 1880 ކުންފުނީން، 72000 އަށް ވުރެ ގިނަ ބައްދަލުވުންތައް ވަނީ ބާއްވައިފަ އެވެ.

އައިއެލްޓީއެމް ފެއާގައި ރާއްޖޭގެ ސްޓޭންޑް--- ފޮޓޯ: އެމްއެމްޕީއާރުސީ

އެމްއެމްޕީއާރުސީ އިން ބުނީ އެ ފެއާގައި ރާއްޖޭގެ ފަތުރުވެރި ކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތައް، ފްރާންސްގެ މަތީފަންތީގެ ފަތުރުވެރި ކަމުގެ އިސްފަރާތްތަކާ ބައްދަލުކޮށް ފްރާންސްގެ މަތީފަންތީގެ ފަތުރިވެރީންނަށާއި ދާއިރާގެ މަންދޫބުންނަށް ދިވެހިރާއްޖެ އިތުރަށް އިސްތިހާރުކުރުމުގެ މަސަތްކަތްތައް ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ސްޑޭންޑް ފަރުމާކުރެވިފައި ވަނީ 60 މީޓަރުގެ ޖާގައެއްގައި ރާއްޖޭގެ ގުދުރަތީ އެތައް މަންޒަރުތަކެއް ދައްކުވައިދޭ ގޮތަށެވެ. މިއާ އެކު މި ސްޓޭންޑްގައި ބައިވެރިވި ކޮންމެ ކުންފުންޏަކަށް ހާއްސަކުރެވިފައިވާ ބައްދަލުވުން ބާއްވާނެ ޖާގަ އެކުލެވިގެންވެ އެވެ.

ފްރާންސްއަކީ ރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރާ މައިގަނޑު އެއް ޤައުމެވެ. މި އަހަރުގެ ޖަނަވަރީ މަހުން ފެށިގެން އޮކްޓޫބަރު މަހާ ހަމަޔަށް ތަފާސް ހިސާބުތަކަށް ބަލާ އިރު، ފްރާންސްއަކީ ރާއްޖެއަށް ހަތް ވަނަޔަށް އެންމެގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ. އެއީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ މުޅި ޖުމްލަ ނިސްބަތަށް ބަލާއިރު 3.5 ޕަސެންޓެވެ.

comment ކޮމެންޓް