އަނިޔާވެރިކޮށް މަރާލި ގާސިމް ވަޅުލައިފި

ގާސިމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ރޭ ހުޅުމާލޭގައި އަނިޔާވެރި ގޮތަކަށް މަރާލި ޓެކްސީ ޑްރައިވަރު، ގާސިމް ހަސަން،59، ވަޅުލައިފި އެވެ.

ގާސިމް ވަޅުލާފައި ވަނީ، މިއަދު އާސަހަރާ މިސްކިތުގައި މެންދުރު ނަމާދަށްފަހު އެވެ. ގާސިމްގެ ޖަނާޒާގައި އޭނާގެ އާއިލާ އާއި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ.

ގާސިމް ހުޅުމާލެ ހިތިގަސްމަގުގައި ޒަހަމްތަކަކާ އެކު ވެއްޓިފައި އޮތް ކަމުގެ ރިޕޯޓް ފުލުހުނަށް ލިބިފައި ވަނީ، ރޭ 9:07ގަ އެވެ.

ގާސިމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

ބަޔަކު ހަމަލާ ދީފައި ވަނީ އޭނާ ޓެކްސީގެ އެތެރޭގައި އިންދަ އެވެ. އޭނާގެ ކަރާއި އަތުގައި ފުން ޒަހަމްތަކެއް ހުއްޓެވެ.

ގާސިމްއާ ގާތް ޓެކްސީ ޑަރައިވަރުން "ސަން" އަށް ބުނީ، ގާސިމް އަކީ ސަކަ މިޒާޖެއް މީހެއް ކަމަށާއި ބަޔަކު އޭނާ އަށް ހަމަލާ ދޭން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. ގާސިމްގެ މަރުން ޓެކްސީ ޑްރައިވަރުން އަދިވެސް ތިބީ ކުއްލި ސިހުމެއްގަ އެވެ.

ގާސިމްގެ ޖަނާޒާގެ ތެރެއިން --- ސަން ފޮޓޯ

އެނގިފައިވާ ގޮތުގައި، އިއްޔެ ސޯސަން މަގުން ގާސިމްގެ ކާރު ދުއްވާފައި ދަނިކޮށް ސައިކަލެއްގައި ޖެހުނު އެވެ. އަދި އެ ސައިކަލްގައި ތިބި ދެމީހުން ގާސިމަށް އިންޒާރު ދިން ކަމުގެ މައުލޫމާތު ވަނީ ލިބިފ އެވެ.

މިހާތަނަށް މި މަރާ ގުޅިގެން އެއްވެސް މީހަކު ހައްޔަރު ކުރި ކަމެއް ފުލުހުން އަދި ކަށަވަރުކޮށް ނުދެ އެވެ.

ގާސިމް މަރާލި އިރު، ފަސް ދަރިން ދުނިޔޭގައި އެބަތިއްބެވެ. އޭނާ ވަނީ، ދެ މީހަކާ ކައިވެނިކޮށްފަ އެވެ.

comment ކޮމެންޓް