ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހުކުރަން މަޖިލީހުން އިސްނަގައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ކުދި ކުށްތަކުގައި ދިގު މުއްދަތަކަށް ޖަލުގައި ބަންދުވެފައި ތިބި މީހުންނާއި ޕެރޯލް ނުލިބުމުގެ މައްސަލަތައް ހައްލު ކުރުމަށް ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީހުން އިސްނަގައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އެކި ގޮތްގޮތުން މިނިވަންކަން ގެއްލިފައިވާ ގިނަ އަދަދެއްގެ މީހުންގެ އާއިލާތަކުން، އެމީހުންގެ ކުށުގެ އަދަބަށް ލުޔެއް ލިބޭނެ ގޮތެއް ހޯދުމަށް، އެމަނިކުފާނަށް ސިޓީ ފޮނުވަމުން އަންނަ ކަމަށެވެ.

ކުދިކުދި ކުށްތަކުގައި ވެސް، ދިގު މުއްދަތަކަށް ޖަލު ހުކުމް އިއްވާފައިވާ ގައިދީންގެ ޝަކުވާތައް ހިމެނޭ، 12 ސިޓީއެއް މިދިޔަ އޮކްޓޫބަރު މަހު މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ފޮނުއްވި ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

އެ ސިޓީތައް ބަލައި ދިރާސާކުރުމަށް ފަހު، އެ ކޮމިޓީއިން އެ މަނިކުފާނަށް ފޮނުވި ސިޓީގެ ޖަވާބު މިއަދު ތަޅުމަށް އިއްވި އެވެ.

އެ ސިޓީގައި ހިއުމަން ރައިޓްސް ކޮމިޓީން ބުނެފައި ވަނީ އެ މައްސަލަތައް ބެލުމަށްފަހު ކޮމިޓީގެ ހޯދުންތަކުގެ މައްޗަށް ކުރި ދިރާސާތަކުން ފާހަގަވާ މައްސަލަތަކަށް ހައްލެއް ހޯދައިދެވެން އަންނަނީ ގާނޫނީ އަދި ނިޒާމީ ބަދަލުތަކެއް ގެނެސްގެން ކަމަށް އެ ކޮމެޓީގެ މެމްބަރުންނަށް ފާހަގަކުރެވުނު ކަމަށެވެ.

އެ ސިޓީގައި ފާހަގަކޮށްފައި ވަނީ ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން، ގާއިމުކޮށްފައިވާ ޕެރޯލް ބޯޑު އެކަށީގެންވާ ގޮތަށް މަސައްކަތް ނުކުރުމުގެ ސަބަބުން ޕެރޯލްގެ ފުރުސަތު ހައްގުވާ ފަރާތްތަކަށް އެކަން ކަށަވަރުކޮށްދީފައި ނުވާ ކަމަށާއި މިހާރުވެސް 200 އަށް ވުރެ ގިނަ މީހުން ޕެރޯލްގެ އިންތިޒާރުގައި ތިބިކަމަށެވެ.

މީގެ އިތުރުން ވެސް ޕެރޯލް އަށް ޝަރުތު ހަމަވެ ގައިދީން އަމިއްލައަށް އެ ފުރުސަތަށް އެދެން ޖެހޭތީ، ޕެރޯލްގެ ހައްގުން އެތައް ބަޔަކު މަހުރޫމްވެފައި ތިބިކަން ވެސް ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެހެންކަމުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހުތަކެއް ގެނެސް ޕެރޯލްގެ ފުރުސަތު ކަށަވަރު ކުރުމަށް މިހާރުން މިހާރަށް މަސައްކަތްތަކެއް ފަށަން ކޮމިޓީއަށް ފެންނަ ކަމަށް ބުނެފައިވެ އެވެ. ކޮމިޓީން ފާހަގަކުރި އިސްލާހުތަކަކީ:

  • ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 121 ވަނަ މާއްދާ އިސްލާހުކޮށް، ޕެރޯލް ބޯޑު އެކުލެވިފައިވާ ގޮތް ބަދަލު ކުރުން
  • ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 122 ވަނަ މާއްދާ އިސްލާހުކޮށް ޕެރޯލް ހައްގުވާ ފަރާތްތައް ދެނެގަތުމަކީ ޕެރޯލް ބޯޑުގެ ޒިންމާއެއް ކަމަށް ހަދައި، ޕެރޯލް ހައްގުވާ ފަރާތްތަކަށް އެކަން އަންގައި އެ މައްސަލަ ބަލައި އެ ފުރުސަތު ކަށަވަރުކޮށްދިނުމުގެ އެންމެހާ މަސްއޫލިއްޔަތު ޕެރޯލް ބޯޑާ މަތިކުރުން
  • ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ 123 ވަނަ މާއްދާ އިސްލާހުކޮށް ޕެރޯލް ބޯޑުން ތަބާވާންޖެހޭ އާންމު އުސޫލުތަކުގެ ތެރޭގައި ޕެރޯލް ބޯޑުގެ މެމްބަރުންގެ ހާޒިރީ އެ ބޯޑުގެ އަހަރީ ރިޕޯޓާއެކު އާންމުކުރާ ގޮތަށް ބަދަލުކުރުމާއި ބޯޑުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް ރިޕޯޓުކުރާނޭ ފަރާތެއް ކަނޑައެޅުން.

މީގެ އިތުރުން ކްލެމެންސީ ބޯޑުގެ މަސައްކަތްތައް އަވަސްކުރަން ޖެހޭ ކަމަށް ވެސް ކޮމިޓީން ވަނީ ބުނެފަ އެވެ. ކޮމިޓީން ރައީސް ނަޝީދަށް ފޮނުވި ސިޓީގައި ބުނެފައި ވަނީ ކްލެމެންސީ ބޯޑަށް 600 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައި ވީ ނަމަވެސް، މައްސަލަތައް ދިރާސާކުރުމަށް ތިބެނީ އެންމެ ދެ އިދާރީ މުވައްޒިފުން ކަމުގައި ވުމުން މައާފުދީ އަދަބު ލުއިކޮށްދިނުމަށް ކުރެވޭ މަސައްކަތަށް ލަސްކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެހެންކަމުން ކްލެމެންސީ ބޯޑުގެ މަސައްކަތް ހަރުދަނާ ކުރުމަށް ބޭނުންވާ އިދާރި އޮނިގަނޑު ހަރުދަނާ ކުރުމަށާއި އެގޮތުން އިޖުތިމާއީ ފަރުވާއަށް ހުކުމް ކުރުމުގެ ޕްރޮގްރާމާއި ޕްލީ ބާގެއިނިންގެ ނިޒާމާއި ޑައިވާޝަން ޕްރޮގްރާމް ތައާރަފް ކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

ތަހުލީލީ ފަރުވާ އާއި ރުޖޫއީ އިންސާފުގެ އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ އަދި ޝަރުއީ ނިޒާމުން ބޭރުން އިސްލާހުވުމުގެ ފުރުސަތު ފަހިކޮށްދެވޭނެ ނިޒާމުތައް ގާއިމުވެފައި ނުވުމަކީ ހާއްސަ ގޮތެއްގައި ކުދި ކުށްތައް ކުރާ މީހުންނާއި ޖުމްލަގޮތެއްގައި ކުށްވެރިން އިސްލާހުކޮށް މުޖުތަމައުއަށް އަނބުރާ ގެނައުމަށް އޮތް ހުރަހެއް ކަމަށް ސިޓީގައި ވެއެވެ.

ވީމާ އިޖުތިމާއީ ފަރުވާއަށް ހުކުމް ކުރުމުގެ ޕްރޮގްރާމް، ކޮމިއުނިޓީ ސެންޓެންސިން ޕްރޮގްރާމް، ޑައިވާޝަން ޕްރޮގްރާމްތައް ހިންގުމަށް ފުރުސަތު ލިބެނޭހެން ޖަލުތަކާއި ޕެރޯލްގެ ގާނޫނު އިސްލާހުކުރުން އަދި މި ޕްރޮގްރާމްތައް ހިންގާނޭ ނިޒާމެއް ހޯމް މިނިސްޓްރީގައި ގާއިމުކުރުމަށް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

ވީ އެންމެ އަވަސް ފުރުސަތެއްގައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޕްލީ ބާގެއިނިންގެ ނިޒާމެއް ގާއިމުކުރަން ވެސް ކޮމިޓީން ވަނީ ހުށަހަޅައިފަ އެވެ.

ކޮމިޓީން ބުނެފައި ވަނީ ކުށުގެ ވެށީގަ އާއި ރާއްޖޭގެ ޖަލުތަކުގައި އެންމެ ގިނައީ މަސްތުވާތަކެތި ބޭނުންކުރުމުގެ މައްސަލަތަކުގައާއި މަސްތުވާތަކެތި ބޭނުންކުރުމާ ގުޅުންހުރި ކުށްތައް ކުރާ މީހުން ކަމަށް ވެފައި، ކުށް މަދުކުރުމަށާއި ކުށް ކުރުމުން ދުރުކުރުމަށް އެންމެ ބޭނުންވެފައިވާ އެއް ކަމަކީ ރީހެބިލިޓޭޝަން ފުރުސަތުތައް ފަހިވުން ކަމަށެވެ.

ޖިނާއީ އަދުލުގެ ނިޒާމުގައި ތަކުރާރުކޮށް ކުށް ކުރާ މީހުން ގިނަވުމުގެ އެންމެ ބޮޑު އެއް އަސްލަކީ ވެސް މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ތަހުލީލީ ފަރުވާގެ ފުރުސަތު ނުލިބުން ކަންވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެހެންކަމުން މަސްތުވާތަކެތީގެ މައްސަލަތަކުގައި ފަރުވާއަށް ހުކުމްކުރާ ފަރާތްތަކަށް ލަސްނުކޮށް ފަރުވާ ލިބޭނޭ އިންތިޒާމްތައް ހަމަޖެއްސުމަށް ޕްރައިވެޓައިޒޭޝަން އުސޫލުން ރީހެބިލިޓޭޝަން ސެންޓަރުތައް ގާއިމުކޮށް އަންހެނުންނާއި ފިރިހެނުންނަށް ފަރުވާ ދެވޭނެ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމުކުރުމުގެ މަގު ފަހިކުރަން ޖެހޭ ކަމަށް ކޮމިޓީއަށް ފެންނަ ކަމަށް ސިޓީގައި ބުނެފައިވެ އެވެ.

އެހެންކަމުން ކޮމިޓީން ފާހަގަކުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުން ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނެސްގެން ފަރުވާ ހޯދޭނޭ ކަންކަމުގައި ކުރިއަށް ދާނޭ ގޮތާއި ދެންހުރި ނިޒާމީ ބަދަލުތަކަށް ވާގިދެވޭނެ ގޮތަށް އިންތިޒާމު ކުރެވިދާނޭ ގޮތުގެ ލަފަޔަކަށް ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު، ހިންނަވަރު ދާއިރާގެ މެމްބަރު ޖީހާން މަހްމޫދު ވަނީ އެދިފަ އެވެ.

ޖީހާންގެ އެދިލެއްވުމާ ގުޅިގެން ނަޝީދު ވިދާޅުވީ އާއިލާތަކުން ރޮމުން އައިސް އާއިލާ މީހާގެ އަދަބު ލުއިކޮށްދިނުމަށް އެދުމުން، ކުރާން އޮތް ކަމަކީ ޖަލާ ހަވާލުވެ ހުންނަވާ ބޭފުޅާއަށް ފޯނުކޮށްލާފައި އޭނާގެ އައިޑީ ނަންބަރު ފޮނުވާލުން ނޫން ކަމަށެވެ.

"މީ ކުރައްވާންވީ ކަމަކީ. މިކަން އިސްލާހު ކުރުމުގެ އިންތިޒާމެއް ހަމަޖައްސާ އެ އިންތިޒާމަށް އެ މަގަށް އަޅުގަނޑުމެންގެ ކަންކަން ބައްޓަން ކުރަންވީ،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު "މަންޑޭލާ ރޫލްސް" އާ އެއްގޮތަށް ޖަލުގެ ކަންކަން ގެންދިއުމަކީ އަމާޒެއް ކަމަށް ވިދާޅުވި އަޑު އެއްސެވި ކަމަށާއި، އެ އަމާޒު އަދިވެސް ހޯމް މިނިސްޓަރު ގެންގުޅުއްވާ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އެހެންކަމުން ޖަލުތަކާއި ޕެރޯލްގެ ގާނޫނަށް އިސްލާހު ކުރުމަށް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއާއި ހިއުމަން ރައިޓްސް ކޮމިޓީ އާއި ދެ ކޮމިޓީ އެއްވެ، އެކުލަވާލެވޭ ކުޑަ ކޮމިޓީއަކުން ގާނޫނަށް ގެންނާން ޖެހޭ އިސްލާހުތައް ފާހަގަކޮށް، އެ އިސްލާހުތައް ޑްރާފްޓްކޮށް އެ އިސްލާހުތައް މަޖިލީހަށް ހުށަހަޅާ ދިނުމަށް ތައްޔާރުކޮށްދޭ ގޮތަށް ނަޝީދު ވަނީ ނިންމަވައިފަ އެވެ.

ޕެރޯލް ބޯޑަށާއި އެހެން ކަންކަމަށް ގެނެވޭ ބަދަލުތައް ކުރިއަށް ގެންދާނޭ އިންތިޒާމުތައް ގަވައިދުތަކާއި އޭގެ އުސޫލުތަކާއި އޭގެ ކަރުދާސްތައް ވެސް އެކުލަވާލަން ނަޝީދު ވަނީ އަންގަވައިފަ އެވެ.

"މިހުރިހާ އެއްޗެއް އަޅުގަނޑުމެން ތައްޔާރުކޮށްދީފައި ސަރުކާރުގެ ކަމާބެހޭ ފަރާތާ ހަވާލުކުރުން ނުވަތަ ކަމާބެހޭ ފަރާތުގައި މި އެއްޗެހި މި ގޮތަށް ތައްޔާރުކުރައްވައިގެން މިމަގުން މިގޮތަށް މަސައްކަތް ކުރައްވާށޭ އަޅުގަނޑުމެން ސާފުބަހުން ދެންނެވުން،" ނަޝީދު ވިދާޅުވިއެވެ.

ދެ ކޮމިޓީ އެކުގައި މަޝްވަރާކޮށް، ގޮތެއް ނިންމުމަށް ހިއުމަން ރައިޓްސް ކޮމިޓީގެ ސިޓީ، ނަޝީދު ވަނީ ދެ ކޮމިޓީއަށް ވެސް ފޮނުވައިފަ އެވެ.

comment ކޮމެންޓް