ޕާކިސްތާނުގެ މިލިއަނަރަކު ކޮރަޕްޝަނުން ހޯދި 248 މިލިއަން ޑޮލަރު ޔޫކޭއާ ހަވާލުކޮށްފި

ޕާކިސްތާނުގެ މިލިއަނަރު މާލިކް ރިއާޒް ހުސެން ވަނީ އިނގިރޭސިވިލާތާ އެތައް މިލިއަން ޑޮލަރުގެ ފައިސާ އާއި މުދާ ހަވާލުކުރަން އެއްބަސްވެފަ -- ފޮޓޯ: ރޮއިޓާސް

ލަންޑަން (ޑިސެމްބަރު 5): އިނގިރޭސިވިލާތުން ކުރިއަށްގެންދިޔަ ކޮރަޕްޝަނުގެ ތަހުގީގަކާ ގުޅިގެން ޕާކިސްތާނުގެ މިލިއަނަރު މާލިކް ރިއާޒް ހުސެން، އޭނާގެ 248 މިލިއަން ޑޮލަރުގެ ފައިސާ އާއި މުދާ އެގައުމާ ހަވާލުކުރަން އެއްބަސްވެއްޖެ އެވެ.

ޕާކިސްތާނުގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މާލިކް، އިނގިރޭސި ނެޝަނަލް ކްރައިމް އޭޖެންސީ (އެންސީއޭ)އާ ހަވާލު ކުރި ފައިސާއަކީ އޭނާ އެގައުމުގެ ބޭންކުތަކުގައި ރައްކާކޮށްފައި ހުރި ފައިސާގެ ތެރެއިން، މިދިޔަ އަހަރުގެ ޑިސެމްބަރުމަހާއި މިއަހަރުގެ އޮގަސްޓު މަހާ ދޭތެރޭ އެ އޭޖެންސީން ހިފެހެއްޓި ފައިސާ އެވެ. އެފައިސާ ހިފެހެއްޓީ، އެއީ ބޭރު ގައުމުތަކުގައި ކޮރަޕްޝަނާއި ރިޝްވަތުގެ އަމަލުތައް ހިންގައިގެން ލިބުނު ފައިސާ ކަމަށް ތުހުމަތު ކުރެވުމުން ކަމަށް އެންސީއޭއިން ބުންޏެވެ.

ނަމަވެސް މިހާރު އެ އޭޖެންސީ އާއި މާލިކް ވަނީ އެއްބަސްވުމަކަށް އައިސް، އޭނާގެ 248 މިލިއަން ޑޮލަރުގެ ފައިސާ އާއި މުދާ އިނގިރޭސިވިލާތާ ހަވާލު ކުރަން އެއްބަސްވެފަ އެވެ. އޭގެ ތެރޭގައި ލަންޑަނުގައި ހުންނަ އޭނާގެ 65 މިލިއަން ޑޮލަރުގެ ގެޔެއްވެސް ހިމެނެ އެވެ.

އެންސީއޭއިން ވަނީ އެ އެއްބަސްވުން ހެދި ނަމަވެސް އެއީ މާލިކްގެ މައްޗަށް ތުހުމަތުތައް ސާބިތުވުމެއް ނޫން ކަމަށް ބުނެފަ އެވެ. އަދި މާލިކް ހަވާލު ކުރި ފައިސާ އާއި މުދާ އެ އޭޖެންސީން ދެން ހަވާލު ކުރާނީ ޕާކިސްތާނާ ކަމަށް ބުނެފަ އެވެ.

މާލިކް އަކީ އޭޝިއާގެ އެންމެ ބޮޑު ރެއަލް އެސްޓޭޓް ޑެވެލޮޕިން ޕްރައިވެޓް ކުންފުނި ކަމަށްވާ ބެހެރިއާ ޓައުންގެ ބާނީ އެވެ.

comment ކޮމެންޓް