އިންޑިއާ އިން ރާއްޖޭގެ ކޯސްޓްގާޑަށް އުޅަނދެއް ހަދިޔާކޮށްފި

އިންޑިއާ އިން ރާއްޖެއަށް ފާސްޓް އިންސްޕެކްޓާ ވެސެލް އެއް ހަދިޔާ ކުރުން -- ފޮޓޯ: ރައީސް އޮފީސް

އިންޑިއާ އިން ރާއްޖެއަށް ފާސްޓް އިންސްޕެކްޓާ ވެސެލް އެއް ހަދިޔާކޮށްފިއެވެ.

އިންޑިއާ އާއި ރާއްޖެ އާއި ދެމެދު މުހިއްމު އެއްބަސްވުންތަކެއް ބަދަލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ވެސެލް އާއި ހަވާލުވެވަޑައިގަތީ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އެވެ. އިންޑިއާ ސަރުކާރުގެ ފަރާތުން ވެސަލް ހަދިޔާ ކުރުމުގެ އެއްބަސްުވުން ބަދަލު ކުރުމުގައި ބައިވެރިވެ ވަޑައިގެންނެވީ އެގައުމުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފޫރު ސަންޖޭސުދީރެވެ.

މި އުޅަނދަކީ ޑިފެންސް މިނިސްޓަރު މާރިޔާ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖާޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާ އަށް ކުރެއްވިދަތުރުފުޅުގައި ރާއްޖެއަށް ފާސްޓް އިންސްޕެކްޓަ އުޅަނދެއް ހަދިޔާ ކޮށްދިނުމަށް އެދުނު އެދުމަކަށް އިންޑިއާ އިން ހަދިޔާ ކުރި އުޅަނދެކެވެ.

މި އުޅަނދަށް ދީފައިވާ ނަމަކީ "ކާމިޔާބު"އެވެ. މިއަދު ވަނީ އުޅަނދުގައި ދިވެހި ދިދަ ނަގައިފައެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވީ މި އުޅަނދާއެކު ރާއްޖޭގެ ޖަނޑުގެ ސަރަހައްދު ބެލެހެއްޓުމަށް ކޯސްޓުގާޑުން ކުރާ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބޭނެކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.

"މި އުޅަނދު ބަނދެފައިވަނީ އަޅުގަނޑުގެ އުފަން ސްޓޭޓު ގުޖުރާތުގައި، މި އުޅަނދާއެކު ރާއްޖޭގެ މެރިޓައިމް ސެކިޔުރިޓީ ވަރުގަދަކުރުމަށް ކުރާ މަސައްކަތް އިތުރަށް ފުރިހަމަވާނެ ކަމަށް އުއްމީދު ކުރަން،" މޯދީ ވިދާޅުވިއެވެ.

ރާއްޖެ އަށް ހަދިޔާކުރި އުޅަނދު ހަަވާލުކުރުމުގެ ރަސްމިއްޔާތުގައި ބޮޑުވަޒީރު މޯދީ ބައިވެރިވެ ވަޑައިގެންނެވީ ވީޑިއޯ ކޯލު މެދުވެރިކޮށެވެ.

comment ކޮމެންޓް