އައްޑުއާއި ހުވަދުއާ ދެމެދު ވައިގެ ދަތުރުތައް އިތުރުކުރަން މަޝްވަރާކޮށްފި

އައްޑުއާއި ހުވަދުއަތޮޅުާ ދެމެދު ވައިގެ ދަތުރުފަތުރުތައް އިތުރުކުރަން އައްޑޫ ޑިވެލޮޕްމަންޓް ސޮސައިޓީއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު އިއްޔެ ބޭއްވި މަޝްވަރާތަކުގެ ތެރެއިން---- ފޮޓޯ: އަހުމަދު ޝަރީފް

އައްޑު އާއި ހުވަދުއަތޮޅާ ދެމެދު ވައިގެ ދަތުރުފަތުރުތައް އިތުރުކުރަން އައްޑޫ ޑިވެލޮޕްމަންޓް ސޮސައިޓީއާއި އައިލެންޑް އޭވިއޭޝަންއާ ދެމެދު އިއްޔެ މަޝްވަރާކޮށްފި އެވެ.

އައްޑޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ ނާއިބު ރައީސް އަހުމަދު ޝަރީފް މިއަދު "ސަން" އަށް ވިދާޅުވީ އެ މަޝްވަރާތަކުގައި އައްޑޫ ސިޓީ ގަން އިންޓަނޭޝަނަލް އެއާޕޯޓާއި ގދ. ކާޑެއްދޫ އެއާޕޯޓްއާ ދެމެދު މޯލްޑިވިއަން ފްލައިޓްތައް ބޭއްވުމަށް ވާހަކަތައް ދެކެވުނު ކަމަށެވެެ. އަދި ހަމަ އެ ދެމެދުގައި އެއާ ޓެކްސީގެ ހިދުމަތް ދިނުމަށް ވެސް މަޝްވަރާކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ޑިމާންޑް ނެތުމުގެ ސަބަބުން ގަން އިންޓަނޭޝަނަލް އެއާޕޯޓްއަށް މިހާރު މާގިނަ އިންޓަނޭޝަނަލް ފްލައިޓްތަކެއް ނުބާއްވަ އެެވެ. އަދި އައްޑޫ ސިޓީގައި މިވަގުތު ޓޫރިސްޓުން ތިބެނޭ ބެޑް ކެޕޭސިޓީއެއް ވެސް ނެތެވެ.

"ހުވަދު އަތޮޅުގައި އެބަ ހަދާ ވަރަށް ބައިވަރު ރަށްރަށް. އަޅުގަނޑު ދެންނެވިން މިހާރު އެ ފްލައިޓްތައް ބާއްވައިގެން މާބޮޑު ފައިދާއެއް ނުވިޔަސް އެ ރަށްތައް ހަދައި ހުވަދު އަތޮޅު ތަރައްގީވެ ބެޑް ކެޕޭސިޓީ އިތުރުވުމުން އައިލެންޑް އޭވިއޭޝަންއަށް ވެސް ފައިދާވާނެ ކަަމަށް. ދެން އެމްޑީ ރިޒްވީ ޔަގީންކަން ދެއްވި އެކަމާމެދު ވިސްނަވާނެ ކަމަށް،" ޝަރީފް ވިދާޅުވި އެވެ.

އައްޑޫ ޑިވޮލޮޕްމަންޓް ސޮސައިޓީގައި އައްޑޫ ސިޓީގެ ހުރިހާ ރަށްރަށެއް ތަމްސީލްވެ އެވެ. އަދި ސަރުކާރުން އައްޑޫ ސިޓީގައި ހިންގާ މަޝްރޫއުތައް އަވަސްކޮށް އައްޑޫ ސިޓީއަށް ދިމާވެފައިވާ ދަތިތައް ސަރުކާރަށް ހުށަހަޅައި މައްސަލަތައް ހައްލުކުރުމަށް އެ ސަޮސައިޓީން ދަނީ މަސައްކަތް ކުރަމުންނެވެ.

އައްޑޫ ޑިވެލޮޕްމަންޓް ސޮސައިޓީގެ ރައީސްއަކީ ކުރީގެ މަޖިލީހުގެ ބިލެއްދޫ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާ އެވެ.

comment ކޮމެންޓް