މިއަހަރުގެ މިހާތަނަށް ވައްކަމުގެ 4000 އަށް ވުރެ ގިނަ މައްސަލަ ހުށަހަޅައިފި

މާލެ މަތިން -- ސަން ފޮޓޯ/ ފަޔާޒް މޫސާ

މިއަހަރުގެ މިހާތަނަށް 4000 އަށްވުރެ ގިނަ ވައްކަމުގެ މައްސަލަ ހުށަހަޅާފައިވާ ކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުންގެ ރަސްމީ ވެބްސައިޓުގައި އާންމުކޮށްފައިވާ ކުށްތަކުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިއަހަރުގެ މިހާތަނަށް ވައްކަމުގެ 4136 މައްސަލައިގެ ރިޕޯޓު ފުލުހުންނަށް ވަނީ ލިބިފަ އެވެ.

ނަމަވެސް 2018 ވަނަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމުގެ މައްސަލަތަކުގެ ޖުމްލަ އަދަދަކީ 3272 އެވެ.

މިއަހަރުގެ މިހާތަނަށް ފުލުުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގެ އަދަދު-- ފޮޓޯ/ޕޮލިސް ވެބްސައިޓް

މިދިޔަ އަހަރަށް ވުރެ މިއަހަރު ވައްކަމުގެ މައްސަލަތައް އިތުރުވެފައިވާ އިރު، މި ހިނގާ ޑިސެމްބަރު މަހުގެ ފުރަތަމަ ހަތަރު ދުވަހުގެ ތެރޭގައި އެކަނި ވެސް ވައްކަމުގެ 32 މައްސަލައެއް ފުލުހުންނަށް ވަނީ ހުށަހަޅާފަ އެވެ.

މީގެ އިތުރުން މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މިހާތަނަށް ހިނގާފައިވާ ޓްރެފިކް އެކްސިޑެންޓްތަކުގެ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

މިދިޔަ އަހަރު ޖުމްލަ 2007 ޓްރެފިކް އެކްޑިސެންޓް ހިނގާފައިވީ ނަމަވެސް، މިއަހަރުގެ މިހާތަނަށް 2179 އެކްސިޑެންޓް ވަނީ ހިނގާފަ އެވެ.

މިއަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ ބައެއް މައްސަލަތަކުގެ އަދަދު

  • ގެވެށި އަނިޔާއާ ގުޅޭ މައްސަލަ: 203
  • މަކަރާ ހީލަތުން ފައިސާ ހޯދުމުގެ މައްސަލަ: 463
  • ޗެކް ބައުންސްވުމުގެ މައްސަލަ: 179
  • ކައުންޓަރފީޓްއާއި ފޯޖަރީގެ މައްސަލަ: 78
  • މަސްތުވާތަކެތީގެ މައްސަލަ: 1992
  • މާރާމާރީ: 584
  • މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ: 433
  • މުދަލެއް ގެއްލިގެން ހުށަހެޅި މައްސަލަ: 1667
  • ފޭރުމުގެ މައްސަލަ: 457
  • ބަދުއަޚުލާގީ މައްސަލަ: 370

މިދިޔަ އަހަރާ އަޅާބަލާއިރު މި އަހަރުގެ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިވާ ވައްކަމާއި، ޓްރެފިކް އެކްސިޑެންޓް އަދި ކައުންޓާފީޓް އާއި ފޯޖަރީގެ އިތުރުން ބަދުއަޚުލާގީ މައްސަލަތައް ވަނީ އިތުރުވެފަ އެވެ.

comment ކޮމެންޓް