އަބްދުލްޣަނީ ފަނޑިޔާރުކަމުން ވަކިކޮށްފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު: އޭނާ ވަކި ކުރުމަށް މަޖިލީހުން މިއަދު ވަނީ ފާސްކޮށްފައި --- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

ފަނޑިޔާރު އަބްދުލްޣަނީ ވަކި ކުރަން ފެންނަ ކަމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. ވަކިކުރަން ނުފެންނަ ކަމަށް ދެ މެމްބަރަކު ވަނީ ވޯޓު ދީފަ އެވެ. ވަކި ކޮޅަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.

ފަނޑިޔާރު އަބްދުލްޣަނީއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް ހުށަހެޅި މައްސަލަތައް ބެލުމަށް ފަހު އެ ކޮމިޝަނުން ނިންމާފައިވަނީ އޭނާ 60 ދުވަހަށް ސަސްޕެންޑް ކުރުމަށްފަހު، މަގާމުން ވަކިކުރުމަށް މަޖިލީހަށް ފޮނުވާށެވެ. ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ނިންމާފައިވާ ނިންމުމަށް، ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ވެސް ވަނީ ތާއީދުކޮށްފިއެވެ.

އެ ރިޕޯޓާ ގުޅިގެން ޖުޑުޝަރީ ކޮމެޓީން ބުނީ، ކޮމިޓީން ބެލި ބެލިބެލުމުން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރުމަށް ޖޭއޭސްސީން ފޮނުވާފައިވާ ރިޕޯޓުގައި އިޖުރާއަތްތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ.

ޖޭއެސްސީން ފަނޑިޔާރު އަބްދުލްޣަނީ ވަކިކުރަމަށް ނިންމީ، ސުޕްރީމް ކޯޓުގައި ގާނޫނާ ހިލާފަށް ނިންމި މައްސަލަތަކާ ގުޅިގެން އެކޮމިޝަނުން ބަލަމުންދިޔަ އޭނާގެ ސުލޫކީ މައްސަލަތަކާ ގުޅިގެންނެވެ. ޖޭއެސްސީ އިން މީގެ ކުރިން ހާމަކުރި ގޮތުގައި އޭނާގެ ތިން މައްސަލައެއް އެ ކޮމިޝަނުން ބެލިއެވެ.

އަބްދުލްޣަނީ ފަނޑިޔާރު ކަމުން ވަކިކޮށްފައިވާއިރު އޭސީސީ އިން ވެސް އަންނަނީ އޭނާގެ މައްސަލައެއް ބަލަމުންނެވެ. އެނގިފައިވާ ގޮތުގައި އޭސީސީން ބަލަމުން ދަނީ ފަނޑިޔާރު ޣަނީ ހައިކޯޓުގެ އިސް ގާޒީކަމުގައި ހުންނެވި އިރު 2012 ވަނަ އަހަރު ހިންގާފައިވާ އަމަލެއްގައި ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ.

އަބްދުލްޣަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރީ މިދިޔަ އަހަރުގެ ޖޫން 28 ގަ އެވެ. ރ. އަލިފުއްޓަށް އުފަން ފަނޑިޔާރު އަބްދުލްޣަނީ 2000 ވަނަ އަހަރު ފުރަތަމަ ޑިގްރީ ހާސިލުކުރެއްވީ ޝަރީއާ އެންޑް ލޯގެ ދާއިރާއިން މިސްރުގެ އަލްއަޒްހަރު ޔުނިވާސިޓީ އިންނެވެ.

ފަނޑިޔާރުގެ އިސްލާހު ކުރުމަށް ފަށާފައިވާ މަސައްކަތުގެ ތެރެއިން، ޖޭއެސްސީން ވަނީ ހުރިހާ ކޯޓުތަކެއްގެ ފަނޑިޔާރުންނާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމަށް ހުޅުވާލާފަ އެވެ. އެއާ އެކު ޖޭއެސްސީން ދަނީ 'ފަތު އަޑު' ކިޔާފައި ފަނޑިޔާރުންގެ މައްސަލަތައް ބަލައި ވަކި ސުލޫކީ މައްސަލަތައް ސާބިތުވާ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހަށް ފޮނުވަމުންނެވެ.

އެގޮތުން މިހާރު ވަނީ އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވި ޑރ. އަހުމަދު އަބްދުﷲ ދީދީގެ އިތުރުން ވެސް ގިނަ ފަނޑިޔާރުންތަކެއް ވަކި ކޮށްފަ އެވެ.

comment ކޮމެންޓް