ރާއްޖެ ސަރަހައްދުން ދަތުރުކުރި ބޯޓެއްގެ ފަޅުވެރިއެއް ގެއްލިގެން ހޯދަނީ

ބޭރުގެ ކޮންޓެއިނާ އުފުލާ ބޯޓަކުން ދަތުރުކުރި އެ ބޯޓުގެ ސެކަންޑް އޮފިސަރަކު ގެއްލިގެން އެ މީހާ ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުން ފަށައިފި އެވެ. އޭނާ ގެއްލިގެން ހޯދަމުންދާތާ މިހާރު 11 ދުވަސް ވަނީ ވެފަ އެވެ.

އެ ހާދިސާގެ މައުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) އަށް ލިބުނީ މިދިޔަ ހޯމަ ދުވަހު އެވެ.

އެމްއެންޑީއެފް އިން ބުނީ އެ ބޯޓަކީ، ސްރީލަންކާގެ ގޯލްއާއި 70 ނޯޓިކަލް މޭލުން ދަތުރުކުރަމުންދިޔަ ބޯޓެއް ކަމަށެވެ. ޔޫކްރައިންއަށް ނިސްބަތްވާ އުމުރުން 25 އަހަރުގެ މީހާ ގެއްލުނު އިރު، ބޯޓު ދަތުރުރަމުން ދިޔައީ ސްރީލަންކާގެ ގޯލްގެ ހުޅަނގުން 70 ނޯޓިކަލް މޭލުން، ރާއްޖެ އިރު އުތުރުން 322 ޏޯޓިކަލް މޭލު ބޭރުން ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

އެމްއެންޑީއެފް އިން ބުނީ، އޭނާ ގެއްލިފައިވަނީ މި ދިޔަ ނޮވެމްބަރު މަހުގެ 23 ވަނަ ދުވަހުގެ މެންދުރު 1:30 ހާއިރު ކަމަށެވެ.

ރާއްޖޭގެ އުތުރާއި އަދި އިރު އުތުރުގެ ރައްތަކުންނާއި، މި ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން މި މީހާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބޭތޯ ބަލަވައިދިނުމަށް އެމްއެންޑީއެފުން ވަނީ އެދިފަ އެވެ. އަދި އެ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަމްބަރު 191 ގުޅުއްވުންމަށްވެސް އެ މުއައްސަސާއިން ވަނީ އެދިފަ އެވެ.

comment ކޮމެންޓް