ޑިވިޑެންޑުން ޓެކްސް ނުނަގާގޮތަށް ހަދައި، އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ފާސްކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.

މި ބިލު ފާސްކުރުމަށް މިއަދުގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެންނެވި 67 މެންބަރުން ވޯޓު ދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ ތިން މެންބަރުންނެވެ.

އާމްދަނީ އިން ޓެކްސް ނެގުމަކީ މި ސަރުކާރުގެ ރިޔާސީ ވައުދެކެވެ. މިއީ އަންނަ އަހަރުގެ ބަޖެޓުގައި ދައުލަތަށް އާމްދަނީ ލިބޭނެ ވަސީލަތެއްގެ ގޮތުގައިވެސް ކަނޑައަޅާފައިވާ ކަމެކެވެ.

ސަރުކާރުން ހުށަހެޅި އާމްދަނީ އިން ޓެކްސް ނެގުމުގެ ބިލަށް މަޖިލީހުން ވަނީ މައިގަނޑު ފަސް ބަދަލެއް ގެނެސްފައެވެ.

އިންކަމް ޓެކުހުގެ ބިލަށް މިދިޔަ ބުދަ ދުވަހު މަޖިލީހުގެ މުޅި ކޮމިޓީއިން، ގެނައި އެންމެ ބޮޑު ބަދަލަކީ ފަރުދުންގެ އާމްދަނީއިން ޓެކްސް ނަގަން ފަށާ އަދަދު މަހަކު 40،000 ރުފިޔާއިން 60،000 ރުފިޔާއަށް މަތިކުރުމެވެ.

ސަރުކާރުން މަޖިލީހަށް އިންކަމް ޓެކުހުގެ ބިލް ހުށަހެޅީ މަހަކު 40،000 ރުފިޔާގެ މަތީގެ އާމްދަނީއިން އިންކަމް ޓެކްސް ނަގައިގެން އަންނަ އަހަރު އިތުރަށް 600 މިލިއަން ރުފިޔާ ލިބޭނެ ކަމަށެވެ. ސަރުކާރުން ލަފާކޮށްފައި ވަނީ ގާތްގަނޑަކަށް 6،000 މީހުންގެ އަތުން އިންކަމް ޓެކްސް ލިބޭނެ ކަމަށެވެ.

އެހެން ނަމަވެސް، އެޖެންޑާ 19ގެ ވައުދާ އެއްގޮތަށް އެ އަދަދު 60،000 ރުފިޔާއަށް ބަދަލު ކުރަން ބިލް އިސްލާހުކޮށްފައި ވުމުން މިހާރުގެ އަންދާޒާއަކީ ލަފާކުރާ އާމްދަނީއިން 150 މިލިއަން ރުފިޔާ މަދުވެ، އެ އަދަދު 450 މިލިއަން ރުފިޔާއަށް ވެއްޓޭނެ ކަމަށެވެ.

މީގެ އިތުރުން އެ ޓެކްސް ނަގަން ފަށާ، ތާރީހު ތިން މަހަށް ލަސްކުރާތީވެސް އާމްދަނީއަށް އެ އަސަރު ކުރާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ. ސަރުކާރުން ބިލް ހުށަހެޅީ އަންނަ ޖެނުއަރީ އެކަކުން ފެށިގެން އިންކަމް ޓެކްސް ނަގަން ފަށާ ގޮތަށެވެ. މަޖިލީހުން ބިލު ފާސްކުރި އިރު ކުޑަ ބަދަލެއް ވަނީ ގެނެސްފަ އެވެ. އެގޮތުން ފަރުދުންގެ އާމްދަނީއިން ނަގާ ޓެކްސް ޖެނުއަރީ އެކަކުން ފެށިގެން ނަގަން ފަށާނެ އެވެ.ނަމަވެސް, އާންމުފަރުދުންނަށް ލިބޭ މުސާރައިން އެ ޓެކްސް ނަގަން ފަށާނީ އަންނަ އެޕްރީލް އެއްވަނަ ދުވަހުން ފެށިގެން އެވެ.

އިންކަމް ޓެކްސް ބިލަށް ގެނައި މައިގަނޑު އިސްލާހުތައް:

- ޓެކްސް ނަގަން ފަށާ އާމްދަނީ 60،000 އަށް މަތިކޮށް ބްރެކެޓްތަކަށް ބަދަލު ގެނައުން؛

  • 60،000 ރުފިޔާ އިން ދަށުގެ އާމްދަނީ - 0 ޕަސެންޓް
  • 60،000 އާއި 100،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: 5.5 ޕަސެންޓު.
  • 100،00 އާއި 150،000 ރުފިޔާއާ ދެމެދުގެ އާމްދަނީ: އަށް ޕަސެންޓު.
  • 150،000 އާއި 200،000 ރުފިޔާއާ ދެމެދު އާމްދަނީ އިން 12 ޕަސެންޓު.
  • 200،000 ރުފިޔާ އިން މަތީގެ އާމްދަނީ އިން 15 ޕަސެންޓް.

- އިންކަމް ޓެކްސް ނަގަން ފަށާނީ ބިލް ތަސްދީގު ކުރާތާ ތިން މަސްފަހުން

ރާއްޖޭގައި ހިންގާ ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާއަށް ވުރެ އިތުރަށް ލިބޭ ނަމަ، އިންކަމް ޓެކްސް ނެގުމަށް ބިލު ދިރާސާކުރި މުޅި މަޖިލީހުގެ ކޮމެޓީ އިން ފާސްކުރި ނަމަވެސް ހިޔާލު ތަފާތުވުންތަކާއެކު އެ އިސްލާހު ވަނީ ކުރިން އޮތްގޮތަށް ބަދަލުކޮށްފައެވެ. ކޮމަންޑޫ ދާއިރާގެ މެންބަރު ހުސެން ވަހީދު ހުށަހެޅުއްވި މި ބަދަލު ފާސްކުރުމަށް 62 މެންބަރުން ވޯޓު ދެއްވިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ބަހުސް ކުރައްވަމުން އެމްޑީޕީއަށް ނިސްބަތްވެލައްވާ ދާންދޫ ދާއިރާގެ މެންބަރު ޔައުގޫބު އަބްދުﷲ ވިދާޅުވީ ޑިވިޑެންޑުން ޓެކްސް ނެގުން މަޑުޖައްސާލަން ޖެހޭ ކަމަށާއި ޑިވިޑެންޑުން ޓެކްސް ނެގުމަކީ ރާއްޖެއަށް އަންނަ ފޮރިން އިންވެސްޓަރުން "ޑިސްކަރޭޖު" ވާނެ ކަމެއް ކަމަށެވެ.

ޔައުގޫބު ވިދާޅުވީ ރެޒިޑެންޓް ޑިވިޑެންޑުން ޓެކްސް ނެގުމަކީ ކަންބޮޑުވެލައްވާ ކަމެއްކަކަށެވެ.

"ރެޒިޑެންސް ޑިވިޑެންޑުން ޓެކްސް ނަގަން އިނީމާ އޭތި ޑަބަލް ޓެކްސް އަށް އެބަވޭ. އަޅުގަނޑުމެން އިންކަމް ޓެކްސް އަދި އަލަށް ނަގަން ފަށަންދާއިރު އަޅުގަނޑަކަށް ނުފެނޭ ހުރިހާ ބާވަތެއްގެ ހުރިހާ ޓެކްސް އެއް ފަށައިގަންނައިރު ނަގާކަށް،" ޔައުގޫބު ވިދާޅުވިއެވެ.

އަޅުގަނޑަށް ފެނޭ ޑިވިޑެންޓޑުން ޓެކްސް ނަގަން އަދި ކުޑަކޮށް މަޑުޖައްސާލަން. އަޅުގަނޑުމެންނަށް ބަދަލު ގެންނަން ބޭނުންވެއްޖެނަމަ އަދިވެސް ފަހުން އެ ބަދަލު ގެނެވިދާނެ. ހާއްސަކޮށް ރާއްޖެއަކީ ފޮރިން އިންވެސްޓަރުންނަށް ވަރަށްބޮޑަށް ބަރޯސާވެފައިވާ ގައުމަކަށް ވާހިނދު، ބޭރުގެ އިންވެސްޓަރުން ރާއްޖެއަށް ނާންނަކަހަލަ އެއްވެސްކަމެއް ޓެކްސް ސިސްޓަމުގެ ތެރެއިންވެސް ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ކަމެއް ނޫން،" ޔައުގޫބު ވިދާޅުވިއެވެ.

ޔައުގޫބުގެ އިތުރުން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހިމް ނަސީމް އާއި ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބުވެސް ވެސް ވަނީ ޑިވިޑެންޑުން ޓެކްސް ނެގުމަކީ އިންވެސްޓަރުން ޑިސްކަރޭޖުވާނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ޓެކްސްގެ ނިޒާމު ފުރިހަމަ ކުރުމަށް މަސައްކަތް ކުރަމުންދާއިރު ޑިވިޑެންޑުން ޓެކްސް ނެގުމަކީ ފެށުމުގެ ގޮތުން މުހިއްމު ކަމެއް ނޫންކަމަށް މެންބަރުން ފާހަގަ ކުރެއްވި އެވެ.

އިންކަމް ޓެކްސްގެ ގާނޫނަށް ކޮމެޓީ މަރުހަލާގައި ހަ އިސްލާހެއް ގެނަ އެވެ. މިއަދު ތަޅުމުން ބިލް ފާސްކުރީ 26 އިސްލާހެއް ގެނައުމަށްފަހުއެވެ.

comment ކޮމެންޓް