އެއާއޭޝިއާއިން ކުއަލަލަމްޕޫރުގައި ރެސްޓޯރެންޓެއް ހުޅުވައިފި

ސަންތަން ރެސްޓޯރެންޓުން ބޭނުންވަނީ ފާސްޓް ފުޑް ރެސްޓޯރެންޓުތަކާ ވާދަ ކުރަން -- ފޮޓޯ: އެއާ އޭޝިއާ ގުރޫޕު

މެލޭޝިއާގެ އެންމެ ބޮޑު އެއާލައިން ކަމަށްވާ އެއާ އޭޝިއާގެ ފްލައިޓްތަކުން ލިބޭ ކެއުން ޓިކެޓަކާ ނުލައި ވެސް ލިބޭނެ ގޮތް ހެދުމަށް ޓަކައި، އެ އެއާލައިނުން ކުއަލަލަމްޕޫރުގައި ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

މިދިޔަ ހޯމަ ދުވަހު އެއާ އޭޝިއާގެ ސަންތަން ރެސްޓޯރެންޓް އެންޑް ޓީއެންޑްކޯ ކެފޭ ހުޅުވާފައި ވަނީ މިޑް ވެލީ މެގަމޯލްގަ އެވެ. އަދި އެތަނުން އެ އެއާލައިންގެ މަޝްހޫރު ނާސި ލެމަކް އާއި އަންކަލް ޗިންސް ޗިކަން ރައިސް ފަދަ ކާނާ ލިބެން ހުންނާނެ އެވެ.

އެއާ އޭޝިއާއިން ބުނި ގޮތުގައި އެ ރެސްޓޯރެންޓުން ލިބެން ހުންނަ ތަކެތި ހިޔާރުކޮށްފައި ވަނީ އެ އެއާލައިނުން ގުޅުވައިދޭ ގައުމުތައް ރަމްޒުކޮށްދޭ ގޮތަށެވެ. އެގޮތުން ފަސް ޝެފުންނާއި ކަލިނަރީ ދަރިވަރުންވެގެން ހަދާފައިވާ ކާތަކެތީގެ ލިސްޓުގައި ކެމްބޯޑިއާގެ ޕައިންއެޕްލް ފިޝް ނޫޑުލްސް އާއި ފިލިޕީންސްގެ ޗިކެން އިނަސަލް ވިތު ގާލިކް ރައިސް ހިމެނެ އެވެ.

ސަންތަން ރެސްޓޯރެންޓުގައި 'ސްމާޓް މެނޫ"ތައް ވެސް ހުރޭ --- ފޮޓޯ: އެއާ އޭޝިއާ

"އެ ރެސްޓޯރެންޓުގައި ކާއެއްޗެހީގެ އަގު 15 ރިންގިޓަށް (3.59 ޑޮލަރަށް) ވުރެ އިތުރު ނުވާ އިރު ސަންތަން ވެބްސައިޓުންނާއި ޓީއެންކޯ މޮބައިލް އެޕުން އޯޑަރު ދެވޭނެ އެވެ. އަދި އެ ރެސްޓޯރެންޓުގައި މަޝްހޫރު ޑިޝްތައް ފާހަގަކޮށްދޭ، އާޓިފިޝަލް އިންޓެލިޖެންސް ބޭނުން ކުރާ "ސްމާޓް މެނޫ"ތައް ވެސް ހުރެ އެވެ.

ސަންތަން ރެސްޓޯރެންޓުގެ ޖެނެރަލް މެނޭޖަރު ކެތެރިންގޯ ވިދާޅުވި ގޮތުގައި އެ ރެސްޓޯރެންޓުން ބޭނުން ވަނީ ދެކުނު އޭޝިއާގައި މަޝްހޫރުކަން ހޯދާފައިވާ އެމެރިކާގެ ފާސްޓްފުޑް ރެސްޓޯރެންޓުތަކާ ވާދަކޮށް ކުރިހޯދާށެވެ. އަދި ކުރިއަށް އޮތް ފަސް އަހަރު ތެރޭ ދުނިޔޭގެ އެކި ގައުމުތަކުގައި އެފަދަ 100 ރެސްޓޯރެންޓު ހުޅުވޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ގޯ ވިދާޅުވި އެވެ.

comment ކޮމެންޓް