މި ސްކޫލް ތަފާތު؛ ދަސްކޮށްދެނީ ކޭކު އަޅާށާއި އިސްތިރިކުރަން!

ކިހާދޫ ސްކޫލް ކުދިން ހެނދުނު ކަސްރަތުކުރަނީ---ފޮޓޯ: ކިހާދޫ ސްކޫލް

ބ. ކިހާދޫ ސްކޫލުކީ އެޑިއުކޭޝަން މިނިސްޓްރީ މިއަހަރު ފެށި ސިންގަސް ސެޝަން ޕައިލެޓް ސްކޫލްގެ ޕްރޮޖެކްޓްގެ ދަށުން މިހާރު މަޑުމަޑުން ފިޔަޖަހަމުންދާ ސްކޫލެކެވެ. ޕްރީ ސްކޫލުން ފެށިގެން ގްރޭޑް 10 އަކާ ހަމައަށް ތައުލީމް ދެމުން އަންނަ މި ސްކޫލުން މިއަހަރު އެކަނި 114 ދަރިވަރުން ކިޔަވަމުން އާދެ އެވެ.

ތައުލީމީ ދާއިރާ މުޅިން އާ ހަރުފަތަށް ގެންދިއުމުގެ ގޮތުން އެޑިއުކޭޝަން މިނިސްޓްރީން ސިންގަލް ސެޝަން ސްކޫލް ޕްރޮޖެކްޓް މިއަހަރު ޖެނުއަރީ މަހު ފެށީ ޕައިލެޓް ޕްރޮޖެކްޓެއްގެ ގޮތުގަ އެވެ. އެ ޕްރޮޖެކްޓް މިއަހަރު 22 ސްކޫލެއްގައި ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ކިހާދޫ ސްކޫލްކުދިން ރާޅާއަޅަން ދަސްކުރުމުގެ ހަރަކާތެއްގެ ތެރެއިން---- ފޮޓޯ: ކިހާދޫ ސްކޫލް

ވަށާޖެހޭ ތައުލީމްގެ ސިޔާސަތުތަކާ ދިމާލަށް މިސްރާބު ޖަހަމުންދާއިރި، އާ ޕައިލެކްޓް ޕްރޮޖެކްޓްގެ އެއް ޝިއާރަކީ ކޮންމެ ދަރިވަރަކީވެސް ދިރިއުޅުމަށް ތައްޔާރުވެފައިވާ ދަރިވަރަކަށް ހެދުމެވެ. އެ ސިޔާސަތާއެކު ފެށި އެ ޕްރޮޖެކްޓުން ފެންނަން ފެށީވެސް މުޅިން ތަފާތު މަންޒަރުތަކެެވެ.

ދިރިއުޅުމަށް ތައްޔާރުވާން ދަސްކޮށްދޭ

ރާއްޖޭގެ އެހެނިހެން ގިނަ ސްކޫލްތަކުގެ ދުވަސް ފަށަނީ ހެނދުނު 7:00 އިން ނަމަވެސް، ކިހާދޫ ސްކޫލުގެ ދަރިވަރުން ދުވަސް ފަށަނީ ފަތިހު ފަތިހާ އެވެ. އެ މަންޒަރު އެންމެ ރީއްޗަށް ފެންނަނީ އެރަށުގެ އަތިރިމަތިންނެވެ. އާ ދުވަހަކަށް އަލިވިލޭއިރު އެ ސްކޫލުގެ ހުރިހާ ދަރިވަރުން ފެންނަނީ އެއް ސަފަަކަށް އެތުރިލައިގެން މޫދު ކަސްތަރުކުރާ ތަނެވެ. ނޫންނަމަ ކިހާދޫ ސްކޫލްކުދިން ފެންނަނީ ފުޓްބޯޅަ ދަނޑުގައި ކުޅެން ތިބޭ މަންޒަރެވެ.

ކިހާދޫ ސްކޫލް ކުދިން ހެނދުނު ކަސްރަތުކުރަނީ---ފޮޓޯ: ކިހާދޫ ސްކޫލް

ފަތިހުގެ އާރޯކަން ލިބިގަތުމަށްފަހު ހެނދުނު 7:00-8:00 އަށް "ބްރޭކެއް" ލިބޭއިރު ކްލާސްތައް ފެށެނީ 8:30 އެހާކަން ހާއިރު އެވެ. މިއަހަރު ހުރިހާ ސްކޫލްތަކެއްގައި ފެށި ނާސްތާ ޕްރޮގްރާމް ކިހާދޫގައިވެސް ހިންގަ އެވެ. ކަސްރަތަށް ފަހު ގެއަށް ގޮސް، ކުދިން ދެން އަންނަނީ ސްކޫލް ޔުނީފޯމްގައި ސްކޫލަށް ނާސްތާ ނަގާށެވެ. ދެން އެ ހިސާބުން ކިޔެވުން ފެށުނި އެވެ.

ސްކޫލްގެ ޝެޑިއުލް ރާވާލައިފައި އޮންނަ ގޮތް:

  • 8:20 - 10:00 - ކިޔެވުން
  • 10:00 - 10:10 - ކުޑަ އިންޓަވަލް ބްރޭކެއް
  • 10:10 - 12:00 - އަނެއްކާވެސް ކިޔެވުން
  • 12:00 - 13:00 - މެންދުރުގެ ކެއުމާއި ބްރޭކް
  • 13:00 - 14:30 - ކިޔެވުމާއި އިތުރު ހަތަކާތްތައް

ސްކޫލްގެ ކިޔެވުން މެންދުރު 1:00 އެހާކަންހާއިރު ނިމޭއިރު ދެން ފެށެނީ އެޑިއުކޭޝަން މިނިސްޓްރީން ކުރިއަށް ގެންދާ އާ ކަރިކިއުލަމްގެ ތެރެއިން ދިރިއުޅުމަށް ތައްރާރުވާން ކުދިންނަށް ދަސްކޮށްދޭ ހަރަކާތްތަކެވެ.

އެ ހަރަކާތްތަކަކީ ރާއްޖޭގެ އެހެން ސްކޫލްތަކުން މަދުން ނޫނީ ނުފެންނަ މަންޒަރުތަކެކެވެ. ކުރުކޮށް ބުނާނަމަ ކިހާދޫ ސްކޫލްކުދިން ނުކުރާ ވަކި ކަމެއް ނެތެވެ. އޭގައި ވަކި ޖިންސެއް އިސްތިސްނާސްއެއް ނުވެ އެވެ. ކިހާދޫ ސްކޫލްގައި ކުދިންނަށް ކޭކް އަޅަން ދަސްކޮށްދެ އެވެ. އިސްތިރިކުރަން ދަސްކޮށްދެ އެވެ. އެވަރުން ނުފުދިގެން، ގަސް ހެއްދުމާއި ރަށުން ޕްލާސްޓިކް ފުޅި ފަދަތަކެތި ހޮވުން ފަދަ އިޖުތިމާއީ ހަރަކާތްތައް ވެސް ދަރިވަރުން ގަވާއިދުން ނެރެ އެވެ.

ކިހާދޫ ސްކޫލް ކުދިން އިސްތިރިކުރަން ދަސްކުރަނީ--- ފޮޓޯ:ކިހާދޫ ސްކޫލް

ވީހާވެސް ބޮޑަށް ދަރިވަރުންނަށް އާ ހުނަރުތައް ދަސްކޮށްދިނުމަކީ ކިހާދޫ ސްކޫލްއިން އެންމެ ބޮޑަށް އިސްކަންދޭ އެއް ކަންތަކެވެ. އެގޮތުން ނިމިގެން ދިޔަ ދިރާސީ އަހަރު އެ ސްކޫލްގެ ދެ ޖިންސްގެ ދަރިވަރުން ތަކެއް ވަނީ ރީތި ބީޗް ރިސޯޓްގައި ސްކޫބާ ޑައިިވިން އާއި ސޮނެވޭ ފުށީ ރިސޯޓްގައި ވޯޓާ ސްޕޯޓްސް ދަސްކޮށްފަ އެވެ.

"ސާފްބޯޑިން ހަރާކާތްތަކުން ކުދިންނަށް އެނގޭނެ އެންމެ ފަސޭހައިން ތެދުވާނެގޮތާއި ބެލެންސްކުރާނެ ގޮތް. ދެން ކޮންމެވެސް ވަރަކަށް ތިއަރީވެސް ހުންނާނެ ކުދިންނަށް ކިޔަވައިދީފަ. އޭރުން ކުދިންނަށް ނަގައިގަންނަން ފަސޭހަވާނެތާ" ކިހާދޫ ސްކޫލްުގެ ޕްރިންސިޕަލް މުހައްމަދު ޒުބައިރު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލްކުދިން ރާޅާއަޅަން ދަސްކުރުމުގެ ހަރަކާތެއްގެ ތެރެއިން---- ފޮޓޯ: ކިހާދޫ ސްކޫލް

ކިހާދޫ ސްކޫލްކުއްޖެއް ރާޅާއަޅަން ދަސްކުރަނީ---- ފޮޓޯ: ކިހާދޫ ސްކޫލް

ކިހާދޫ ސްކޫލްގައި އިތުރު ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ވޮކޭޝަނަލް ކްލަބެއްވެސް ހުރެ އެވެ. އޭގެ އިތުރުން އެ ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބޭކަަންވެސް ޒުބައިރު ފާހަގަކުރެއްވި އެވެ.

އޮސްޓްރޭލިއާ ސްކޫލަކާ ގުޅިގެން ޕްރޮގްރާމްތަކެއް

ތިމާވެށީގެ ކަންކަމަށް ހާއްސަ އިސްކަމެއް ދީގެން ހަރަކާތްތައް ހިންގާ ކިހާދޫ ސްކޫލް ތަފާތުވާ ލިސްޓް އަދިވެސް ނިމުމެއް ނެތެވެ. އޭގެން އެއް ކަމަކީ އޮސްޓްރޭލިއާގެ ރޮކްސް ބަރަރ ރައިޒް ޕްރައިމަރީ ސްކޫލާ ގުޅިގެން ބ. ކިހާދޫގައި ސްކޫލުގައި ހިންގަން ފެށި ޕްރޮގްރާމް އެވެ.

https://sun.mv/126395

އެ ޕްރޮގްރާމްގެ ދަށުން އޮސްޓްރޭލިއާގެ ސްކޫލުގެ ގްރޭޑް ހަތަރެއްގެ ދަރިވަރުންނާ ކިހާދޫ ސްކޫލުގެ ދަރިވަރުންނާ ދެމެދު " މައުލޫމާތު" ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ދެ ސްކޫލުގެ ދަރިވަރުން މުއާމަލާތް ކުރަން އީމެއިލް ބޭނުންކުރާ ކަމަށާއި އަދި ދާދި ފަހުން ސްކައިޕްއިން ސެޝަނެއް ނަގާފައިވާ ކަމަށްވެސް ޒުބައިރު ވިދާޅުވި އެވެ.

ކިހާދޫ ސްކޫލް ކުދިންނަށް ހިންގި ގަސްއިންދުމުގެ ޕްރޮގްރާމްއެއްގެ ތެރެއިން--- ފޮޓޯ: ކިހާދޫ ސްކޫލް

"އޮސްޓްރޭލިއާގެ އެ ސްކޫލަކީ ތިމާވެއްޓާ ރައްޓެހި ސްކޫލެއް. އެތަނުގައި ދަރިވަރުން އެބަ ގަސްކާނާ ފަދަ ތަކެތި ތައްޔާރުކުރޭ. ސްކޫލުގެ ގޯތި ތެރޭގައި މޭވާ ތަރުކާރި ގަސް ހައްދާ. ޕްލާސްޓިކް ބޭނުންކުރުން މަދުކުރަން ކެމްޕޭން ހިންގާ. އަޅުގަނޑުމެންވެސް އެ ސްކޫލް މިސާލަކަށް ބަލައިގެން ކަންތައްތއް ރާވައިގެން ކުރުން އަމާޒަކީ" ޒުބައިރު ވިދާޅުވިއެވެ.

އަމިއްލައަށް އިސްނަގައިގެން އެކްސްޕޯޝާ ޓްރިޕްއެއް

ކުޑަކުޑަ ސްކޫލަކުން ދަރިވަރުންނަށް އެހެނިހެން ތަންތަންތަން ދައްކާލަން ކުރި އެކްސްޕޯޝާ ޓްރިޕްއަކީވެސް ކިހާދޫ ސްކޫލް ތަފާތުވާ ލިސްޓަށް އިތުރުކުރަން ޖެހޭ އެއް ކަަމެވެ.

" ހަމަ ހުރެލާފަ އަޅުގަނޑުމެން އެކްސްޕޯޝާ ޓްރިޕްއެއް ދިޔައީކީ ނޫން. ދުރާލާ އެއް އަހަރު ކުރިން އެކަމަށް ފަންޑު ރެއިސްކޮށްގެން އައްޑުއަށް ދިޔައީ އެންމެ ފުރަތަމަ އަޅުގަނޑުމެން ދާން ނިންމީ . ވަރަށް ބޮޑު ހަރަދެއް އެކަމަށް ހޭދަވި. ގްރޭޑް 10ގެ 12 ދަރިވަރުންނާ ހަތަރު އޮފިޝަލުން ދިޔަ. އެ ޓްރިޕްގައި އަޅުގަނޑުމެން ހުންނާނެ އައްޑޫ ހައި ސްކޫލްކުދިންނަށް ނުފެންނަ ތަންތަނަށްޗެސް ދެވިފައި" ޕްރިންސިޕަލް ޒުބައިރު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލްކުދިން އައްޑުއަށް ކުރި ދަތުރުގެ ތެރެއިން--- ފޮޓޯ: ކިހާދޫ ސްކޫލް

އާ ކަރިިކިއުލަަމްއާ އެއްގޮތަސް ކިހާދޫ ސްކޫލްއިން ކުރިއަށް ގެންދާ ހަރަކާތްތަކާގުޅޭ ގޮތުން ޕްރިންސިޕަލް ޒުބައިރު ވިދާޅުވީ އޭގެ ނަތީޖާއާ މެދު ހިތްހަމަޖެހޭ ކަމަށެވެ. ޒުބައިރު ވިދާޅުވާ ގޮތުންނަމަ ރާއްޖޭގައި އަދިވެސް އޮތީ ހަމައެކަނި ފޮތުން ކިޔަވައިގެން ކުރިއަށް ދިއުމުގެ ވާދަ ވެރިކަމެވެ. ނަމަވެސް ހުރިހާ ކަމެއް ފޮތުން ދަސްނުވާނެކަން ޒުބައިރުވެސް ފާހަގަކުރެއްވި އެވެ.

ކިހާދޫ ސްކޫލް ކުދިން ކޭކު އަޅަން ދަސްކުރަނީ--- ފޮޓޯ: ކިހާދޫ ސްކޫލް

"އާ ކަރިިކިއުލަމްގަވެސް މި އިންނަނީ ރިޒަލްޓްއަށް ވުރެ އައުޓްކަމް ބޭސްޑްއަށް ދިއުމަށް އިސްކަން ދީފަ. އަޅުގަނޑުމެން ހިންގާ ހަރަކާތްތަކާމެދު ގިނަ ދަރިވަރުން ވަރަށް ބޮޑަށް ހިތްހަމަޖެހޭ. އޭގެން އެބަ ކުދިންނަަށް ދަސްވޭ ކުދިންނާ ގުޅިގެން އުޅެން ޒުބައިރު ވިދާޅުވިއެވެ.

އުއްމީދީ ސްކޫލެއް، ގޮންޖެހުންތައްވެސް ގިނަ

ޒުބައިރު ވިދާޅުވީ އެ ސްކޫލްގައި ހޯލް އިމާރާތެއް ނެތުމުން ޖަލްސާތައް ފަދ ބޮޑތި ހަރަކާތްްތަކެއް ކުރިއަށްގެންދިއުމުގަިއ ދަތިވާ ކަމަށެވެ. އަދި އޭގެ އިތުރުން ކްލާސްރޫމްގެ ދަތިކަމަކީވެސް އެ ސްކޫލަށް ދިމާވެފައިވާ އެންމެ ބޮޑު އެއްކަންތައްކަން އޭނާ ފާހަގަކުރެއްވިއެވެ. ސްކޫލަށް ކޮންމެހެންވެސް މަލްޓީ ޕާޕަސްހޯލެއް ބޭނުންވާކަން ޒުބައިރުގެ ވާހަކައިގެން އެނގިގެންދިޔައެވެ.

ކިހާދޫ ސްކޫލްކުދިން ޕްލާސްޓިކް އެކުލެވޭ އެއްޗެތި ނަގަނީ--- ފޮޓޯ: ކިހާދޫ ސްކޫލް

" ޕާޓީޝަން ޖަހައިގެން މިހާރު ކްލާސްރޫމްތައް ހަދައިގެން އުޅޭތީ ޖާގަކުޑަވޭ. ދެން ކޮމްޕިއުޓ ލެބް ވެސް މި އިންނަނީ ލައިބްރަރީގައި. މިހާރުވެސް މަތީ ގްރޭޑްގެ ކުދިން ސައިންސް ލެބޯޓަރީގެ ހިދުމަތް ބޭޏުންވެއްޖަނަމ ފެރީގައި މިދަނީ ދަރަވަންދޫ ސްކޫލަަސް. ދެން ބަޖެޓުގއި އެބައިން މިހާރު ދެ ކްލާސްރޫމްއަޅަން ހިމަނައިފައި" ޒުބައިރު ވިދާޅުވިއެވެ.

ކިހާދޫ ސްކޫލްގެ ޕްރިންސިޕަލް ޒުބައިރު ސްކޫލް ކުދިންނާއެކު---- ފޮޓޯ: ކިހާދޫ ސްކޫލް

ގޮންޖެހުންތަކާއެކުވެސް ކިހާދޫ ސްކޫލް ދަނީ ކުރިއަށެވެ. އެކަން އެ ސްކޫލްގެ ދަރިވަރުން ދައްކަމުންދާ ނަތީޖާއިން އެނގެ އެވެ. ނިމިގެން ދިޔަ އަހަރުވެސް އެ ސްކޫލްއިން އޯލެވެލް އިމްތިހާން ހެދި ކުދިންގެ ތެރެއިން ފަސް މާއްދާއިން 89 ޕަސެންޓް ދަރިވަރުން ވަނީ ފާސްވެފަ އެވެ. ދެހާސް ދިހަވަނަ އަހަރުން ފެށިގެން އޯ ލެވެލް ހަދަމުންދާ އެ ސްކޫލްގެ ދަރިވަރަކު ވަނީ ނެޝެނަލް ޓޮޕް ޓެންގައިވެސް ހިމެނިފަ އެވެ. މިއީ ނަމޫނާ ދައްކާ ސްކޫލެކެވެ.

comment ކޮމެންޓް