އިންޑިއާގެ ޓްރިވެންޑްރަމްގައި ހިނގި އެކްސިޑެންޓެއްގައި ދިވެހި އަންހެނަކަށް އަނިޔާވެއްޖެ އެވެ.
ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއްގައި ޖެހި ހިނގި އެކްސިޑެެންޓުގައި އަނިޔާ ވެފައިވަނީ ފ. ނިލަންދޫ، ރާހި، ފާތުމަތު އަހުމަދަށެވެ.
ސަންއަށް މައުލޫމާތު ދެއްވަމުން ނިލަންދޫ ކައުންސިލުގެ ރައީސް މުހައްމަދު ޖަލީލު ވިދާޅުވީ ޓްރިވެންޑްރަމްގެ މެޑިކަލް ކޮލެޖު ކައިރީ އެ ހާދިސާ ހިނގާފައިވަނީ މިއަދު މެންދުރު ކުރީކޮޅުގައި ކަމަށެވެ.
އެ ހާދިސާގައި ފާތުމަތުގެ ފަޔަށް އެކިވަރުގެ އަނިޔާތައް ލިބުނު ނަމަވެސް އޭނާގެ ހާލު ސީރިއަސް ނޫން ކަމަށް ޖަލީލު ވިދާޅުވިއެވެ.
ޖަލީލު ވިދާޅުވީ ފާތުމަތަށް އަނިޔާވެފައިވަނީ އޭނާގެ ފިރިމީހާއާއެކު ޑޮކްޓަރަށް ދެއްކުމަށް ގޮސް އުޅެނިކޮށް ކަމަށެވެ.
އޭނާ މިވަގުތު އޮތީ އޮޕަރޭޝަނަށް ގެންގޮސްފައިކަމަށްވެސް ޖަލީލު ވިދާޅުވިއެވެ.