ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ އަޑު އުފުލުމަށް ރިވެލި މައުރަޒު ފަށައިފި

ރިވެލި މައުރަޒު ފެށުމުގެ ރަސްމިއްޔާތު -- ފޮޓޯ: ރައީސް އޮފީސް

ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ބައިވެރިވުމާއި އެމީހުންނަށް ލީޑާޝިޕް ރޯލުތައް ހޯދައިދީ އެފަރާތްތަކުގެ ހައްގުތައް ރައްކާތެރި ކުރުމަށް ފުރުސަތު ދިނުމަށް ބާއްވާ ރިވެލި މައުރަޒު ފަށައިފި އެވެ.

މިއަދު އާޓްގެލެރީގައި ފެށި މި މައުރަޒު އިފްތިތާހުކޮށްދެއްވީ ނައިބުރައީސް ފައިސަލް ނަސީމެވެ.

މިއަދާއި މާދަމާ އާޓްގެލެރީގައި ކުރިއަށްދާ މި މައުރަޒުގައި 50 އަށް ވުރެ ގިނަ ފަރާތުން ބައިވެރިވެފައިވެ އެވެ.

މައުރަޒު އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އެ ފަރާތްތަކުގެ ލާބައަށް އެކި ފަރާތްތަކުން ކުރާ މަސައްކަތްތަކުގެ އަގު ވަޒަންކޮށް އެފަދަ 18 ފަރާތަކަށް ވަނީ ހަނދާނީ ލިޔުން ދީފަ އެވެ.

މީގެ އިތުރުން، މި ރަސްމިއްޔާތުގައި އޮނަރަރީ ޑިސެބިލިޓީ އެމްބެސެޑަރުކަމުގެ މަގާމަށް އަހުމަދު ހިޝާން ވަނީ އައްޔަނު ކޮށްފަ އެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިހުލާސްތެރިކަމާ އެކު ހިދުމަތްތައް ދޭންޖެހޭ ކަމަށެވެ.

ނައިބު ރައީސް ވިދާޅުވީ މުޖުތަމަޢުގެ ތެރޭގައި އުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ކަންކަން ކޮށްދިނުމުގައި މިހާރު ތިބި ހިސާބު އެނގިގެން ނޫނީ، އިތުރަށް ކުރިޔަށްދެވެން ނެތް ކަމަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން އަބަދު ވެސް ކޮށްދެމުންދާ ކަމަށެވެ.

"ސަރުކާރުގެ އަމާޒަކީ އަމިއްލަ ރަށުގައި ތިބެގެން ފަސޭހަކަމާއި ހިތްހަމަޖެހުމާ އެކު އެކުދިން ގޮވައިގެން އުޅެވޭނެ ގޮތް ހަމަޖައްސައިދީ އެކުދިންނަށް ބޭނުންވާ އިތުރު ފަރުވާއާއި ހުނަރު ހޯދޭނެ ގޮތަށް ކަންތައްތައް ބައްޓަން ކުރުން،" ނައިބު ރައީސް ވިދާޅުވި އެވެ.

"ހިދުމަތްތައް ދޭ ތަންތަނަށާއި މިސްކިތްތަކަށާއި ފެރީތަކަށް، ފަސޭހަކަމާ އެކު ވާސިލުވެވޭނެ ގޮތްތައް މަގުފަހިކޮށްދޭން ޖެހޭ. އެއްވެސް ކަމަކުން ބާކީނުކޮށް އަޅުގަނޑުމެންގެ މުޅި ނިޒާމު ބައްޓަންކުރުން އެއީ މިއަދު އަޅުގަނޑުމެންގެ މިސަރުކާރުގެ، ރައީސުލްޖުމްހޫރިއްޔާގެވެސް އެންމެ ބޮޑު ވައުދަކަށް ވެގެންދަނީ" ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވި އެވެ.

ސަރުކާރުން އެދޭ އެންމެ ބޮޑު އެދުމަކީ ތަފާތު ކުރުމެއްނެތި މުޖުތަމަޢުގެ ތެރޭގައި އެންމެންނަށް ބައިވެރިވެވޭނޭ ގޮތްތައް ހޯދުން ކަމަށްވެސް ނައިބު ރައީސް ވިދާޅުވި އެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް ރައްކާތެރި މުޖުތަމަޢުއެއް ހެދުމަށް ޓަކައި ގުޅިގެން މަސައްކަތްކުރަންޖެހޭކަމަށާއި، އެ ގޮތުން އަޅައިލުމާއި އޯގާތެރިކަން އިސްކުރަންޖެހޭ ކަމަށެވެ.

މުޖުތަމައުގައި ދިރިއުޅެމުންދާއިރު، އެންމެންގެ ބައިވެރިވުމަށާއި މަސްލަހަތަށް އިސްކަންދޭންޖެހޭކަން ފާހަގަކުރައްވައި، މިނިސްޓަރު ވަނީ ފަރުދީ ފެންވަރުގައި ވެސް އެ ފަރާތްތަކަށް އެހީވުމުގެ މުހިންމުކަން ފާހަގަ ކުރައްވައިފަ އެވެ.

comment ކޮމެންޓް