ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގައި ބޮޑެތި މައްސަލަތަކެއް

ކ. ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒު--- ފޮޓޯ: ޕީއެސްއެމް

ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގައި ބޮޑެތި މައްސަލަތަކެއް ހުރިކަން ފާހަގަކޮށް އެ މަރުކަޒުގެ ހިންގުން ހަރުދަނާ ކުރުމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އިން ގޮވާލައިފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ މީހުން ބަލަހައްޓާ މަރުކަޒު ހުންނަނީ ކ. ގުރައިދޫގައެވެ.

މިއަދު ފާހަގަކުރަމުންދާ ބައިނަލްއަގުވާމީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދުވަހާ ގުޅިގެން އެޗްއާރުސީއެމްއިން ނެރުނު ބަޔާނުގައި ބުނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ މީހުން ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުން ފުރުސަތު ލިބުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި އެކަމުގައި އާއިލާގެ އިހުމާލްވެސް ހިމެނޭކަމަށެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި މީހުން ބައިތިއްބާފައި ތިބޭ ތަންތަނުގައި، ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާމެދު ޢަމަލުކުރާނެގޮތުގެ ވަކި ހާއްސަ އުސޫލުތަކެއް ކަނޑައެޅިފައިނުވާ ކަަމަށާއި އަދި އެފަދަ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ ހާއްސަ ހިދުމަތްތަކާއި އިންތިޒާމްތައް ހަމަޖެހިފައިނެތް ކަމަށްވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

"ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ހައްގުތައް ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ދައުލަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ހާއްސަ އެހީ ބޭނުންވާ ފަރާތްތައް ބަލަހައްޓާ މަރުކަޒުގެ ހިންގުން ހަރުދަނާކޮށް، އެ މަރުކަޒުގެ ވަސީލަތްތައް ފުރިހަމަކޮށް، މުވައްޒަފުންނަށް ބޭނުންވާ ތައުލީމާއި ތަމްރީން ފޯރުކޮށްދިނުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ހައްގުތައް ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމުގެ ގޮތުން ގާނޫނާއި، ގަވާއިދުތަކާއި، އުސޫލުތަކާއި، އަލަށް އެކުލަވާލެވުނު ބިލްޑިން ކޯޑު ފުރިހަމައަށް ތަންފީޒުކުރުމަށް ކަމާގުޅުންހުރި ހުރިހާ މުއައްސަސާތަކަށް އެޗްއާރުސީއެމްއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެޗްއާރުސީއެމްއިން އިލްތިމާސްކުރި ބައެއް ކަންތައްތައް

  • މުއައްސަސާތަކުން ދޭ ހިދުމަތްތައް ހޯދުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ލުއިފަސޭހަ ގޮތްތަކެއް ހަމަޖައްސައިދީ އެ ފަރާތްތަކަށް ބޭނުންވާ ސިއްހީ ފަރުވާ ފަސޭހައިން ލިބޭނެ އިންތިޒާމެއް ހަމަޖެއްސުން
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ގިންތިކޮށް، ހުންނަ ނުކުޅެދުންތެރިކަމަށް ބިނާކޮށް އިނާޔަތްތައް ދިނުން
  • ކައުންސިލްތަކުން ރަށުގެ ތަރައްގީގެ ޕްލޭނާއި، ލޭންޑް ޔޫސް ޕްލޭން އެކުލަވާލުމުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހިޔާލާއި މަޝްވަރާ ހޯދުން

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތަކާ ގުޅޭގޮތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކަށް ބަލާއިރު، ނުކުޅެދުންތެރިކަން ހުންނަ ބައެއް ފަރާތްތަކަށް އަޅާލާނެ މީހަކު ނެތި ބަލިހާލުގައި އެކަނި ދިރިއުޅެމުންދާކަން ފާހަގަކުރެވިފައިވާކަމަށް އެ ކޮމިޝަނުން ބުންޏެވެ.

comment ކޮމެންޓް