ދަރަނި ބޮޑުވިޔަސް، ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކުރަން ޖެހޭ: އައްޑޫ ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

އަންނަ އަހަރަށް ލަފާކުރާ، 37.5 ބިލިއަން ރުފިޔާގެ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް ބަޖެޓު ދިރާސާކުރާ ކޮމިޓީއިން ބަޖެޓު ފާސްކޮށްފައިވާތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެކަމާ ނުރުހުން ފާޅުކުރެއްވި ނަމަވެސް، ބަޖެޓު ބޮޑުކޮށްފައި ވަނީ ކުރަން ޖެހިގެން ކަމަށް އެ ކޮމިޓީގައި އިންނަވާ، އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް ވިދާޅުވެއްޖެ އެވެ.

ބަޖެޓު ދިރާސާކުރާ ކޮމިޓީގެ މެމްބަރުންގެ އަގުލަބިއްޔަތުން ވަނީ ބަޖެޓަށް 366 މިލިއަން ރުފިޔާ އިތުރުކޮށް، 37.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ފާސްކޮށްފަ އެވެ.

ބަޖެޓަށް އިތުރު ކުރި ބައިގައި މައިގަނޑު ގޮތެއްގައި ހިމެނެނީ ޕީއެސްއައިޕީ ޕްރޮޖެކްޓުތަކަށް ބޭނުންވާ ފައިސާ އެވެ. އޭގެ އިތުރުން އެހެނިހެން ހަރަދުތަކަށްވެސް ބަޖެޓަށް ފައިސާ އިތުރުކޮށްފައިވެ އެވެ.

ޖަލްސާ ފައްޓަވައިދެއްވަމުން ނަޝީދު ވިދާޅުވީ ބަޖެޓު ބޮޑުކުރުމުން ބަޖެޓުގެ ޑެފިސިޓް އުފެދުންތެރިކަން ނޫނީ ޖީޑީޕީގެ ނިސްބަތުން 5.8 ޕަސެންޓުން 6.2 ޕަސެންޓަށް ބަދަލުވެގެން ދާނެ ކަމަށެވެ. އެ ސަބަބަށްޓަކައި ފިނޭންސުން ހުށަހަޅާ ޖުމްލަ ބަޖެޓް ބޮޑު ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ނަޝީދު ވިދާޅުވި އެވެ.

ނަޝީދުގެ ވާހަކައަށް ރައްދު ދެއްވަމުން ޝަރީފް ވިދާޅުވީ 366 މިލިއަން ރުފިޔާ އިތުރުކުރުމަށް ކޮމެޓީން ފާސްކުރި ގޮތަށް މަޖިލީހުން ބަޖެޓު ފާސްކުރަން ތާއީދު ކުރައްވާ ކަމަށާއި، ކޮމިޓީން ފާސްކުރި ގޮތަށް އެއްވެސް ބަދަލެއް ގެންނަން ނުފެންނަ ކަމަށެވެ.

"އެ ރިޕޯޓުގައިވާ ގޮތަށް ދައުލަތުގެ ބަޖެޓަށް ކޮމިޓީން އިތުރު ކުރި 366 މިލިއަން ރުފިޔާ އާއެކު ހަމަ އެ ހުށަހެޅި ގޮތަށް ފާސްކުރުމަށް. އިތުރު އެއްވެސް ބަދަލެއް ގެނައުމަށް އަޅުގަނޑު ތާއީދެއް ނުކުރަން،" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ނަޝީދު ފާހަގަކުރެއްވީ ވެސް ރަނގަޅު ވާހަކައެއް ކަމަށާއި ނަމަވެސް ފައިސާ އިތުރުކޮށްފައި ވަނީ ރައްޔިތުންގެ ކަންބޮޑުވުން ހުރި ދާއިރާތަކަށް ކަމަށާއި ފައިސާ އިތުރުކޮށްފައި ވާނީ ފިނޭންސް މިނިސްޓްރީއާ ކޮމިޓީގެ ފަރާތުން، ވަރަށް ބޮޑަށް މަޝްވަރާކުރުމަށްފަހު ކަމަށެވެ.

"ތެދެއް. ޑެފިސިޓް އެބަ ބޮޑުވޭ. ކަންބޮޑުވާ ކަމެއް. ބަޖެޓު ތަންފީޒު ކުރުމަކީ ވެސް ސަރުކާރަށް އޮތް ވަރަށް ބޮޑު ޗެލެންޖެއް. ގޮންޖެހުމެއް. އެހެން ނަމަވެސް ރާއްޖޭގެ ހާލަތާ ރައްޔިތުންގެ ބޭނުންތަކާ ރައްޔިތުންގެ އުންމީދުތަކާ، އެއް ދުވަހުން އަނެއް ދުވަހަށް ރައްޔިތުން ހާސިލްކުރަން ބޭނުންވާ ކަންކަން އިތުރުވަމުން ދާއިރުގައި އަޅުގަނޑުމެންގެ ރައްޔިތުންނާއި ރަށްރަށަށް ގެންނަންޖެހޭ ތަރައްގީގެ މަޝްރޫއުތައް ނުހިންގާ ފަރުޖެއްސޭކަށް ވެސް ނެތް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ "ޑެޓް އޯވާހޭންގް" ގެ ބިރުވެސް އެބަ އޮތް ކަމަށާއި އެހެން ނަމަވެސް ސަރުކާރުން "ސްޓްރެޓީޖިކް އެކްޝަން ޕްލޭން" އެއް އެކުލަވާލައި ރައްޔިތުންނަށް ވައުދުތަކެއް ވެފައިވާއިރު އެ ވައުދުތައް ފުއްދުން ލާޒިމު ވާނެ ކަމަށެވެ. އަދި ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދެވޭނެ ނިޒާމުތައް ގާއިމުކުރަން ޖެހޭ ކަމަށެވެ.

ބަޖެޓު ބޮޑުކުރުމުން ޑެފިސިޓް އިތުރުވާކަން ގަބޫލުކުރައްވާ ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ އިގްތިސޯދު ކުރިއަރާނީ އަޅާނުލެވި އެތައް އަހަރުތަކެއް ވެފައިވާ އަތޮޅުތަކުގެ ތަރައްގީއަށް އަދި އެތަން ތަނުގެ ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް ހުރި އިންފްރާސްޓްރަކްޗާތައް އިތުރުކޮށްގެން އެކަމަށް އިންވެސްޓްކޮށްގެން ކަމަށެވެ.

ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ ނުލިބޭކަމާއި އެކަމުގެ ސަބަބުބް ޑެފިސިޓް ވަމުން އަންނަކަން ވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

"އަދި މި ބަޖެޓު ތަންފީޒުކޮށް ނިމިެއްޖެނަމަ، ދައުލަތުގެ ދަރަނި، ގާތްގަނޑަކަށް މުޅި އެކުމުލޭޓިވް ޑެފިސިޓް މުޅި ޖީޑީޕީގެ އަށްޑިހަ ޕަސެންޓަށް ވުރެ ބޮޑުވާނެކަން ގަބޫލު ކުރަން ޖެހޭ. އެކަން އޮތީ އެހެން. އަޅުގަނޑު ނުދަންވަން ފަސޭހަ ވާނެއެކޭ. އަދި މީ ކުރަން ޖެހޭ ގޮތެކޭ ވެސް،" ޝަރީފް ވިދާޅުވި އެވެ.

ޝަރީފް ވިދާޅުވީ ރަށްރަށަށް ބޭނުންވާ އަސާސީ އެތައް ހިދުމަތެއް ލިބޭނެކަމުގެ އުންމީދުގައި ރައްޔިތުން ތިބޭތާ އެތައް ދުވަހެއް ވެފައިވާ ކަމަށާއި ރާއްޖެއަކީ ޒުވާން އާބާދީއެއް އޮތް ގައުމަކަށް ވާއިރު، އުފެއްދުންތެރިކަން އިތުރުކޮށް ރައްޔިތުންގެ އުންމީދުތައް ހާސިލްކޮށްދޭން ޖެހޭ ކަމަށެވެ.

""އެހެންވީމާ ޑެފިސިޓް ވިޔަސް، ތަނަކުން ސަލާން ޖަހާ، ވަށިގަނޑު ހިފައިގެން ގޮސް ލާރިކޮޅެއް ހޯފައިގެން ވިޔަސް އަދި ރައްޔިތުން އަތުން ނެގޭ ޓެކްސް އަށް އިތުރު ބުރައެއް އުފުލަން ޖެހުނު ކަމުގައި ވިޔަސް މި ހުރިހާ ކަމެއް ކޮށްގެން ވިޔަސް ޕަބްލިކް ޕްރޮޑަކްޓިވް އިންފްރާސްޓްރަކްޗާ މި ގައުމުގައި ގާއިމުކޮށްގެން ނޫނީ އަޅުގަނޑުމެންނަށް ކުރިއަށް ފިޔަވަޅު އެޅޭކަށް ނެތް. އަޅުގަނޑުމެންގެ ދަރީންނަށް އުފާވެރި މުސްތަގުބަލެއް ހޯދޭކަށް ނެތް،" ޝަރީފް ވިދާޅުވި އެވެ.

ދަރަނި ބޮޑުވެގެން، އަންނަން އޮތް ޖީލުތަކުގެ ބޮލުގައި ދަރަނި އެޅުމުގެ ބިރު އޮތްކަން ފާހަގަކުރައްވަމުން ޝަރީފް ވިދާޅުވީ، ދަރަނި ބޮޑުވަނީ ސަރުކާރުގެ ހިންގުމުގެ ހަރަދު ބޮޑުވުމުން ކަމަށެވެ. އަދި ހިންގުމުގެ ހަރަދު ބޮޑުވުމުގެ ސަބަބުން ރައްޔިތުންނަށް ދޭންޖެހޭ އަސާސީ ހިދުމަތްތަކަށް އެކަށީގެންވާ ގޮތަށް ހަރަދު ނުކުރެވޭ ކަމަށެވެ.

ޝަރީފް ވިދާޅުވީ އެސްއޭޕީގައި ހުރި ކަންކަން ހާސިލް ކުރުމާއި، ބަޖެޓުގެ ފައިނޭންސް ހޯދުމާއި ދަރަންޏަށް ލާރި ހޯދުމުގައި ބޮޑެތި ކަންބޮޑުވުންތަކެއް ހުރި ނަމަވެސް، އަދި ޑެފިސިޓް އިތުރުވި ނަމަވެސް، މިހާރު ހާސިލް ކުރަން އަމާޒުހިފާފައިވާ ކަންކަން ހާސިލް ކުރެވިއްޖެނަމަ މުސްތަގުބަލުގައި ދިވެހި ދައުލަތަށް ލިބޭ އާމްދަނީ އެތައް ތަނަކުން އިތުރުވެގެންދާނެ ކަމަށެވެ.

އެގޮތުން އާމްދަނީން ޓެކްސް ނެގަން ފެށުމުން ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުވެގެންދާނެ ކަން މެމްބަރު ފާހަގަ ކުރެއްވިއެވެ. މެމްބަރު ވިދާޅުވީ ރައްޔިތުން އަތުން ޓެކްސް ބޮޑުކުރުމަކީ ވެސް ނުކޮށް ނުވެގެން ނޫނީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށާއި ރައްޔިތުންގެ އަތުން ނެގޭ ކޮންމެ ޓެކުހަކީ ރައްޔިތުންގެ ޖީބުން އުނިވާ އެއްޗެއް ކަމަށެވެ.

އެހެން ނަމަވެސް ގައުމުގެ އުފެއްދުންތެރިކަން އިތުރުކޮށްގެން ހަރަދު ކުރާނެ ފައިސާ ހޯދުމަށްޓަކައި ޓެކްސް ވެސް ނަގަން ޖެހިފައިވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ގައުމުގެ އިގްތިސޯދީ އިންފްރާސްޓަރަކްޗާ ފުޅާވެ، ގައުމުގެ އުފެއްދުންތެރިކަން އިތުރު، ވަޒީފާގެ ފުރުސަތު އިތުރުވެ ދައުލަތަށް ލިބޭ އާމްދަނީ އިތުރުވީމާ ޓެކްސް ކުޑަކުރަމުން ކުރަމުން ގެންދެވިދާނެ. އެކަމު އެކަން ވެސް ކުރެވޭނީ އެންމެ ފުރަތަމަ ކަން ފުރަތަމަ ކޮށްގެން. އަސާސީ ހިދުމަތްތައް ފޯރުކޮށްދޭނެ ނިޒާމުތައް ގާއިމުކޮށްގެން،" ޝަރީފް ވިދާޅުވިއެވެ.

ބަހުސް ކުރައްވަމުން ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވިދާޅުވީ މިހާރު ހުށަހަޅާފައިވާ ބަޖެޓުން ހުރިހާ ރަށަކަށް ކުރިއެރުން އަންނާނެ ކަމަށެވެ.

ނަމަވެސް ކޮމިޓީން އިތުރުކުރި 366 މިލިއަން ރުފިޔާގެ ސަބަބުން ދަރަނި ބޮޑުވާކަން ފާހަގަ ކުރައްވައި މެމްބަރު ވިދާޅުވީ ދައުލަތަށް އާމްދަނީ ހޯދޭނެ ގޮތްތައް ހޯދަން ޖެހިފައިވާ ކަމަށެވެ.

"ދައުލަތުގެ ބަޖެޓު ބޮޑުވެގެން ގޮސް، ދަރަނި ބޮޑުވެގެން ގޮސް އަޅުގަނޑުމެން އެތައް ޖީލަކަށް މި ދަރަނި އަދާކުރާ ހިސާބަށް ގޮސްގެން ނުވާނެ. ދައުލަތަށް އާމްދަނީ އިތުރުކުރެވޭނެ ގޮތްތައް ހޯދާ އެގޮތްތަކަށް އަޅުގަނޑުމެން ބައްޓަން ވާން ޖެހޭނެ. އޭރުން މުސްތަގުބަލު ފަހިވެގެން ދާނީ،" މެމްބަރު ވިދާޅުވިއެވެ.

ބަޖެޓުގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ ތެރެއިން 90 ޕަސަންޓް ހާސިލްކުރަން ބޭނުންވާ ކަމަށާއި އެކަންކަން ހާސިލު ކުރެވޭނީ ހުރިހާ މިނިސްޓްރީތަކުން މި އަހަރަށް ވުރެ ބޮޑަށް މަސައްކަތް ކޮށްގެން ކަމަށެވެ.

comment ކޮމެންޓް