ބީއެމްއެލްގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް ގާއިމް ކުރަނީ

ބޭންކް އޮފް މޯލްޑިވްސް ގެ މެއިން ބްރާންޗު -- ފޮޓޯ: ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހިދުމަތްތަކަށް ހާއްސަ ސެންޓަރުތަކެއް ގާއިމް ކުރުމަށް ނިންމައިފިއެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގެ ތަސައްވުރާއި އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތްތަކެއް ދިނުމަށާއި ބައިނަލް އަގްވާމީ ފެންވަރުގެ ޕްރޮޑަކްޓްތަކެއް ފޯރުކޮށްދިނުމަށް ބޭންކުގެ ހިދުމަތްތަކަށް ބޮޑު ބަދަލެއް ގެންނަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެކައުންޓު ހުޅުވުމަށް ހާއްސަ ސެންޓަރަކާއި ލޯން ސެންޓަރެއް ހުޅުުވުމަށް ނިންމާފައިވާ ކަމަށާއި މި ސެންޓަރުތައް މެދުވެރިކޮށް ޕާސަނަލް ބޭންކިން ކަސްޓަމަރުންނަށް އެކައުންޓް ހުޅުވުމާއި ލޯނަަށް އެދި ހުށަހެޅޭނެ ކަމަށް ބޭންކުން ބުންޏެވެ.

މީގެ އިތުރުން މަޖީދީ މަގުގައި ޑިޖިޓަލް ބްރާންޗެއް ހުޅުވާމނެ ކަމަށާއި މި ސެންޓަރު ވެގެންދާނީ އެންމެ ޒަމާނީ ޑިޖިޓަލް ބޭންކިންގ ހިދުމަތް ކަސްޓަމަރުންނަށް ފޯރުކޮށްދޭނެ ސެންޓަރަކަށް ކަމަށް ބޭންކުން ބުންޏެވެ. މި ބަދަލާއެކު، މިހާރު ހިދުމަތް ދެމުން އަންނަ މަޖީދީ މަގު ބްރާންޗުން ދެމުން އަންނަ ހިދުމަތް އަންނަ އަހަރުގެ ފެބްރުއަރީ ދެވަނަ ދުވަހުން ފެށިގެން ހުއްޓާލާނެއެވެ.

މި ބަދަލުތަކާ ގުޅޭ ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޓިމް ސޯޔަރ ވިދާޅުވީ ބޭންކުން ހުޅުވުމަށް ކަނޑައަޅާފައިވާ އާ އެކައުންޓް އޯޕަނިން ސެންޓަރާއި ލޯން ސެންޓަރު މެދުވެރިކޮށް ކަސްޓަމަރުންނަށް ފުރިހަމަ ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދެވިގެންދާނެ ކަމަށެވެ.

އަދި ޑިޖިޓަލް ބްރާންޗާއެކު ކަސްޓަމަރުންގެ ބޭންކިން ތަޖުރިބާ އަށް ހެޔޮ ބަދަލެއް އަންނާނެ ކަމަށް ޓިމް ވިދާޅުވިއެވެ.

comment ކޮމެންޓް