އިންޑިއާގެ ގޯ އެއާގެ ދަތުރުތައް އަނެއްކާވެސް ރާއްޖެއަށް

ގޯ އެއާގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ފުރަތަމަ ފްލައިޓު ވީއައިއޭގައި ޖައްސާފައި --- ފޮޓޯ: އެމްއޭސީއެލް

އިންޑިއާގެ ބަޖެޓް އެއާލައިން ގޯ އެއާ އިން އަނެއްކާވެސް ރާއްޖެއަށް ދަތުރުތައް ފަށައިފިއެވެ.

އެ އެއާލައިނުން ވަނީ މިދިޔަ އާދިއްތަ ދުވަހުން ފެށިގެން ރާއްޖެއަށް ދަތުރުތައް ފަށައިފައެވެ.

މާލެ އާއި އިންޑިއާގެ ތިން ސިޓީ އަކާއި ދެމެދު ގޯ އެއާ އިން ދަތުރުތައް ކުރާން ވަނީ ނިންމާފަ އެވެ. އެގޮތުން މާލެ-މުމްބާއީ، މާލެ-ދިއްލީ އަދި މާލެ- ބެންގަލޫރު ރޫޓުން އެ އެއާލައިނުގެ ދަތުރުތައް ބާއްވާން ގޯ އެއާއިން މިހާރުވެސް ވަނީ ޝެޑިއުލް ކޮށްފަ އެވެ.

މުމްބާއީ އާއި މާލެ އާއި ދެމެދު ހަފްތާ އަކު ތިން ފްލައިޓު، ބެންގަލޫރާއި މާލެ އާއި ދެމެދު ހަފްތާ އަކު ދެ ފްލައިޓު އަދި ދިއްލީ އާއި ދެމެދު ހަފްތާ އަކު ތިން ފްލައިޓު ބާއްވާންވެސް އެ އެއާލައިނުން ވަނީ ނިންމާފަ އެވެ.

ގޯ އެއާއިން އެންމެ ފުރަތަމަ ރާއްޖެ އަށް ދަތުރުތައް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އެ ދަތުރުތައް ހުއްޓާލީ މި އަހަރުގެ އޭޕްރީލްމަހުއެވެ.

އިންޑިއާ އަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ މުހިއްމު މާކެޓެކެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ އިންޑިއާ އާއި ރާއްޖެ އާއި ދެމެދު އޮންނަ ގުޅުން ބަދަހިވެ އެގައުމުން އަންނަ ޓޫރިސްޓުންގެ އަދަދު ވެސް އިތުރުވަމުންދާ ކަމަށެވެ.

ރާއްޖެއަށް ކުރާ ދަތުރުތަކުގެ އިތުރުން ގޯ އެއާ އިން ވަނީ އިންޑިއާ އާއި ސިންގަޕޫރާ ދެމެދުވެސް ދަތުރުތައް ފަށައިފައެވެ.

comment ކޮމެންޓް