އޮކްޓޫބަރުގެ ނިޔަލަށް ގްރީން ފަންޑުގައި 441 މިލިއަން ރުފިޔާ

އއ. މުށިމަސްމިގިލީގައި ހިންގާ ސަފާރީ އައިލެންޑް ރިސޯޓު --- ފޮޓޯ/ ސަފާރީ އައިލެންޑް ރިސޯޓު

މިދިޔަ އޮކްޓޫބަރު މަހުގެ ނިޔަލަށް ގްރީން ފަންޑުގައި 441.95 ރުފިޔާ ހުރި ކަމަށް ފިނޭންސްގެ މިނިސްޓްރީ އިން ބުނެފި އެވެ.

އެ މިނިސްޓްރީ އިން މިއަދު އާންމުކުރި ގްރީން ފަންޑުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އޮކްޓޯބަރު މަހު އެ ފަންޑުން ވަނީ 37 މިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މި ފަންޑުން ފައިސާ ހަރަދު ކުރަނީ ތިމާވެއްޓާ ގުޅުން ހުރި ކަންތައްތަކަށާއި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫއުތަކަށެވެ. އެގޮތުން ފެނާއި ނަރުދަމާ ގާއިމް ކުރުމަށާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް އަދި ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ މަޝްރޫއުތަކަށް އެ ފަންޑުން ހަރަދު ކުރެ އެވެ.

މި މުއްދަތުގެ ތެރޭގައި އެންމެ ގިނަ އަދަދަކަށް ގްރީން ޓެކްސް ދައްކާފައިވަނީ ކ. އަތޮޅުންނެވެ. ކ. އަތޮޅުގެ ރިސޯޓުތަކުން 18.3 މިލިއަން ރުފިޔާ ގްރީން ޓެކުހުގެގޮތުގައި ދައްކާފައިވާއިރު، ގެސްޓު ހައުސްތަކުން 568،168 ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ. އަދި އެ އަތޮޅުގައި ހިންގާ ހޮޓާތަކުން ގްރީން ޓެކުހުގެ ގޮތުގައި 162،818 ރުފިޔާ ދައްކާފައިވެ އެވެ. މުޅި ކ. އަތޮޅުން ގްރީން ޓެކުހުގެ ގޮތުގައި އޮކްޓޯބަރު މަހު 19.1 މިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ދެން އެންމެ ބޮޑު އަދަދެއް ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ އދ. އަތޮޅުންނެވެ. އެ އަތޮޅުން ޖުމްލަ 4.7 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވެ އެވެ. އެއީ ރިސޯޓުތަކުން 4.6 މިލިއަން ރުފިޔާ އަދި ގެސްޓުހައުސް ތަކުން 110،535 ރުފިޔާ އެވެ.

ތިން ވަނަ އަށް އެންމެ ގިނައިން ގްރީންޓެކްސް ދެއްކި އއ. އަތޮޅުން އޮކްޓޯބަރު މަހު ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވަނީ 4.4 މިލިއަން ރުފިޔާ އެވެ. އެއީ ރިސޯޓުތަކުން 4.3 މިލިއަން ރުފިޔާ އަދި ގެސްޓްހައުސް ތަކުން 115،316 ރުފިޔާ އެވެ.

މި މުއްދަތުގައި ރާއްޖޭގައި ހިންގާ ސިޓީ ހޮޓާ، ރިސޯޓު އަދި ގެސްޓު ހައުސްތަކުން ޖުމްލަ 51.54 މިލިއަން ރުފިޔާ ގްރީން ޓެކުހުގެ ގޮތުގައި ދައްކާފައިވާ އިރު ލިވަބޯޑުތަކުން ދައްކާފައި ވަނީ 1.4 މިލިއަން ރުފިޔާ އެވެ. މިދިޔަ އޮކްޓޯބަރު މަހު ގްރީން ފަންޑަށް ލިބިފައި ވަނީ 53 މިލިއަން ރުފިޔާ އެވެ.

ގްރީން ޓެކްސްގެ ގޮތުގައި ރިސޯޓަކުގައި ތިބޭ ފަތުރުވެރިންގެ އަތުން ރެއަކާ ދުވާލަށް ހަ ޑޮލަރު ނަގަން ފެށީ 2015 ވަނަ އަހަރުން ފެށިގެން އެވެ. އަދި ގެސްޓް ހައުސްތަކުގައި ޗުއްޓީ ހޭދަކުރާ ފަތުރުވެރިން އަތުން ރެއަކާ ދުވާލަށް ތިން ޑޮލަރު ނަގަން ފެށީ، 2016 އިން ފެށިގެން އެވެ.

comment ކޮމެންޓް