ޕީޖީކަމަށް ޝަމީމް އައްޔަނުކުރަން ކޮމިޓީން ރުހުން ދީފި

ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ހ. ހިޔާކަން ހުސައިން ޝަމީމު އެ މަގާމަށް އައްޔަނުކުރުމަށް ފެންނަކަމަށް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ޖުޑިޝަރީ ކޮމިޓީގެ މިރޭގެ ބައްދަލުވުމުގައި، ކުރިން ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްކަންވެސް ކުރެއްވި ޝަމީމާ އިންޓަވިއުކޮށްފައިވެއެވެ. އެގޮތުން، ޖުޑިޝަރީ ކޮމިޓީގެ މެމްބަރުން ވަނީ ޖިނާއީ އަދުލުގެ ނިޒާމާއި، ކުޑަކުދިންގެ އަދުލުގެ ނިޒާމުގެ އިތުރުން ޝަރުއީ ދާއިރާއާ ގުޅޭގޮތުން ޝަމީމު ދެކޭ ގޮތާ މެދު ގިނަ ސުވާލުތަކެއް ކޮށްފައެވެ.

މިރޭ އޮތް ބައްދަލުވުމުގައި ޝަމީމުއާ އިންޓަވިއުކުރުމަށްފަހު، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް އޭނާ އައްޔަނުކުރުމަށް ފެނޭތޯ ކޮމިޓީގައި ވޯޓު ނެގި އިރު، ކޮމިޓީގެ އިއްތިފާގުން ފާސްވީ އޭނާ އައްޔަނުކުރަން ފެންނަ ކަމަށެވެ.

މިރޭ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީގައި ކުރިއަށް ދިޔަ ކޮމިޓީގައި ޝަމީމްއާ އިންޓަވިއުކުރި އިރު، އޭނާ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަގާމަށް ކުރިމަތިލެއްވީ ރަނގަޅު ޝަރުއީ ނިޒާމަކާއި ރަނގަޅު ޖިނާއީ އަދުލުގެ ނިޒާމެއްގެ ލެގަސީ ދޫކުރެއްވުމަށް ކަމަށެވެ.

"ވާނުވާ ޖަހައި ބަންދުގައި މީހުން ނުތިބޭ، ކޮރަޕްޝަން ނެތް، ރަނގަޅު ފެންވަރުގެ ޝަރީއަތް ހިނެގޭ، އަދި މިނިވަންކަމާއެކު ރަނގަޅަށް ވާހަކަދެއްކޭ ޝަރުއީ ނިޒާމެއް ގާއިމުކުރުމަށް އަޅުގަނޑު މި މަގާމަށް ކުރިމަތިލެއްވީ،" ޝަމީމް ވިދާޅުވިއެވެ.

ޝަމީމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލަކީ ގާނޫނުއަސާސީގައި ލިޔެވިގެން އުފެދިފައި އޮންނަ މަގާމެއް ކަމަށާއި، ޕްރޮސެކިއުޓަރ ޖެނެރަލެއް ހުރުމަކީ ދިވެހިރާއްޖެ ދައުލަތަކަށް ވުމަށް ފުރިހަމަވާންޖެހޭ އަސާސީ ސިފައެއް ކަމަށެވެ.

ޕްރޮސެކިއުޓަރ ޖެނެރަލް ނޫން ފަރާތްތަކުން ޖިނާއީ ތުހުމަތު ހިމެނޭ ކަންކަމުގެ ތެރެއަށް ވަދެ ވަކި ނަތީޖާއެއް ހާސިލުވާ ގޮތަށް ކަންކަން ކޮށްފައިވާކަން ފާހަގަކުރައްވަމުން ޝަމީމް ވިދާޅުވީ، ޕްރޮސެކިއުޓަރ ޖެނެރަލްގެ މަސައްކަތް އެހެން މުއައްސަސާއަކުން ކުރުމަކީ ގާނޫނީ ގޮތުން ސައްހަވާނެ ކަމެއް ނޫން ކަމަށެވެ.

އަދި އޭނާ އެ މަގާމުގައި ހުންނަވަނިކޮށް އެފަދަ ކަމެއް މެދުވެރިވެއްޖެނަމަ އެކަމާ އިހުތިޖާޖުވެސް ކުރައްވާނެކަމަށް ޝަމީމް ވިދާޅުވިއެވެ.

"އިހުތިޖާޖުކޮށްގެން ކާމިޔާބު ނުވިއްޔާ އަޅުގަނޑެއް އެ މަގާމުގައި އެކަން ބަލާކަށް ނުހުންނާނަން. އަޅުގަނޑު އެކަން ކަމާ ބެހޭ ފަރާތުގެ ސަމާލުކަމަށް ގެނެސް އިސްތިއުފާ ދޭނަން، އަޅުގަނޑށް އެކަމުގެ މައްޗަށް ކަމެއް ނުކުރެވޭފަދަ ހާލަތަކަށް ގޮސްފިއްޔާ،" އޭނާ ވިދާޅުވިއެވެ.

އިންޓަވިއުގައި މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ޝަމީމް ވިދާޅުވީ ފޮތް ކިޔުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި ހަފްތާއެއްގެ އެއްދުވަހު ވަކި ގަޑިއަކީ ޕީޖީ އޮފީހުގެ ހުރިހާ މުވައްޒަފުން ފޮތްކިޔުމަށް ހާއްސަ ވަގުތަކަށް ހަދާނެކަމަށްވެސް އޭނާ ވިދާޅުވިއެވެ.

comment ކޮމެންޓް