މޫސުން ތަންދިނުމުން މުންނާރުގެ އާބާތުރަފިލުވުމުގެ މަސައްކަތް ފަށަނީ

ހުކުރު މިސްކިތުގެ ތާރީހީ މުންނާރު މަރާމާތު ކުރުމަށް ކުރިން ކުރި މަސައްކަތްތަކުގެ ތެރެއިން --- ސަން ފައިލް ފޮޓޯ

މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި ހުކުރު މިސްކިތުގެ މުންނާރުގެ އާބާތުރަފިލުވައި، ރީތިކުރުމުގެ މަސައްކަތް ފަށާނެކަމަށް ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ބުނެފިއެވެ.

ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން ދާދި ފަހުން ވަނީ މުންނާރު ދޮވެ، ސާފުކޮށް އާބާތުރަ ފިލުވުމަށް އެ މަރުކަޒުން ކުރަމުން އައި މަސައްކަތްތަކުގެ އިތުރުން، ހުކުރު މިސްކިތުގެ ހަރިންމަ ތެރޭގައި ހުރި ހަތަރު ފެންވަޅެއް ސާފުކުރުމުގެ މަސައްކަތް ކުރުމަށް ސްޓެލްކޯއަށް ހަވާލުކޮށްފައެވެ.

މިދިޔަ ހޮނިހިރު ދުވަހު އެ މަސައްކަތް ފެށުމަށް ނިންމާފައި އޮތް ނަމަވެސް، ސަގާފީ ތަރިކަ ރައްކާތެރިކުރާ ގައުމީ މަރުކަޒުން މިއަދު ބުނި ގޮތުގައި އެކަން ނުފެށުނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ.

ގާތްގަނޑަކަށް 300 އެއްހާ އަހަރު ވެފައިވާ މުންނާރަކީ ހިރިގަލާއި އުވައިން ހަދައި، އުވަ ޖަހާފައިވާ އިމާރާތަކަށް ވާ އިރު، އެ މަރުކަޒުން ނެރުނު ބަޔާނުގައި ބުނީ މުންނާރު ރީތި ކުރުމަށްޓަކައި ޒަމާނީ ކުލައާއި ދަވާދު ބޭނުންކުރުމަކީ އިއާދަ ނުކުރެވޭވަރުގެ ގެއްލުންތަކެއް މުންނާރަށް ލިބިދާނެ ކަމެއް ކަމަށެވެ. އަދި މުންނާރަށް ރައްކާތެރިކަން ލިބެނީ ހިރިގަލާ އެންމެ ގުޅުންހުރި މާއްދާތައް ބޭނުންކޮށްގެން ކަމަށް ދިރާސާތަކުން ދައްކަތީ، މިހާތަނަށް އެތަނުގައި ޖަހަމުން އައީ އުވަ ކަމަށް އެ މަރުކަޒުން ބުންޏެވެ.

"އުވަ އަކީ އިމާރާތެއްގައި އެ ލުމަށްފަހު، އަވި ލިބިގެން މެނުވީ ހިކޭ އެއްޗެއް ނޫނެވެ. އަދި މުންނާރު ވަރުގެ އިމާރާތެއްގައި އުވަލައި، އާބާތުރަފިލުވުމުވަށްޓަކާ އިމާރާތުގައި ތެއްކަމެއްނެތި އެތަނުގައި ޖަހާ އުވަ ފުރިހަމައަށް ހިކުމަށްޓަކާ ވަގުތު ބޭނުންވެއެވެ،" ބަޔާނުގައި ވެއެވެ.

އެ މަރުކަޒުން ބުނީ މުންނާރަކީ އަސާރީ ތަރިކައެއް ކަމުން، އެ އިމާރާތުގައި ބޭރުން ތަކެތި ވިއްދުމާއި އެފަދަ އެހެން ކަންކަން ކުރުމަކީ އެ އިމާރާތަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށާއި އެއީ މަރުކަޒުން އެފަދަ މަސައްކަތް ކުރުމުގައި ގެންގުޅޭ އުސޫލާވެސް ހިލާފު ކަމެއް ކަމަށެވެ.

"އެހެންކަމުން، ކަނޑައެޅިފައިވާ ތަރިކަ ރައްކާތެރިކުރުމުގެ އުސޫލުތަކާއި އެއްގޮތަށް، މޫސުން ތަންދޭ އެންމެ އަވަސް ފުރުސަތެއްގައި މާލޭ ހުކުރު މިސްކިތު މުންނާރުގެ އާބާތުރަފިލުވައި ރީތިކުރުމުގެ މަސައްކަތެ ކުރިއަށް ގެންދާނެ ވާހަކަ ދަންނަވަމެވެ،" އެ ބަޔާނުގައި ވެއެވެ.

comment ކޮމެންޓް