ސައުތު އޭޝިއަން ގޭމްސް: ރާއްޖެ އަދި ލަންކާއަށް ހަމަހަމަ ނިމުމެއް

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން --- ފޮޓޯ// އެމްއޯސީ

(ކަތަމަންޑޫ، ނޭޕާލް): ނޭޕާލްގައި މިހާރު ކުރިއަަށްދާ ސަރަހައްދީ އެންމެ ބޮޑު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ފުޓުބޯޅަ އިވެންޓުގައި މިއަދު އަވެއްޓެރި ސްރީލަންކާއާ ދެކޮޅަށް ކުޅެ ރާއްޖޭގެ 23 އަހަރުން ދަށުގެ ޓީމު އެއްވަރުވެއްޖެއެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގެ ދަސްރަތު ސްޓޭޑިއަމްގައި މިއަދު ކުޅުނު މެޗުން ރާއްޖެއާއި ލަންކާ އެއްވަރުވީ 1-1 އިންނެވެ. އެންމެ ފަހުން ސާފް ޗެމްޕިއަންޝިޕުގައި ރާއްޖެއާ ލަންކާ ވާދަކުރި މެޗުވެސް ނިމުނީ އެއްވަރުވެގެންނެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލުގައި އިންޑިއާ ބަލިކޮށް ރާއްޖެ ޗެމްޕިއަންކަން ހޯދިފައެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން --- ފޮޓޯ// އެމްއޯސީ

މިއަދުގެ މެޗަށް ރާއްޖެއިން ނުކުތީ ތަޖުރިބާހުރި ވަރުގަދަ ސްކޮޑަކާއެކުއެވެ. މި މުބާރާތުގައި ބައިވެރިވުމަށް 23 އަހަރުން ދަށުގެ ޓީމު ނެގި ނަމަވެސް ސީނިއާ ތިން ކުޅުންތެރިން ނެގުމަށް ލިބުނު ފުރުސަތާއެކު މިއަދުގެ މެޗުވެސް ރާއްޖެއިން ފެށީ ކެޕްޓަން އަކްރަމް އަބްދުލްޢަނީއާއި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ)ގެ އިތުރުން ހަމްޒާ މުހައްމަދު (ހަމްޕު)ވެސް ޓީމުގައި ހިމަނައިގެންނެވެ.

މެޗު ފެށުނީއްސުރެން ނިމެންދެންވެސް ގިނަވަގުތު ބޯޅަ ހިފަހައްޓައިގެން މޮޅަށް ކުޅެމުން ދިޔައީ ރާއްޖެއިންނެވެ. ފަހަރަަށް ވުރެން ފަހަރެއް ހަމަލާތައް ރާއްޖެއިން ނުރައްކާކުރި އެ ބޯޅަތައް ދިފާއުކުރީވެސް ރާއްޖެއާ ބީރައްޓެހި ކުޅުންތެރިއެއް ނޫނެވެ. ރާއްޖޭގެ ފޯވާޑްލައިނުން އުފެއްދި ނުރައްކާތެރި ހަމަލާތައް ދިފާއުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ރާއްޖޭގެ ކްލަބް އީގަލްސްއަށް ކުޅޭ ގޯލްކީޕަރު ސުޖަން ޕެރޭރާއެވެ.

މިއަދުގެ މެޗުގައި ރާއްޖެއަށް މުޅިން ހުސް ފުރުސަތުތަކެއް ލިބުނު ނަމަވެސް ކަން ދިމާކުރި ގޮތުން ލަންކާގެ ގޯލު ފޫއަޅުވާލެވޭ ގޮތެއް ނުވިއެވެ. އެގޮތުން އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމަކުން ފޭދޫ އިއްބެ ޖެހި ބޯޅަ ބޭރަށް ދިޔައީ ގޯލުގެ ހުރަސްދަނޑީގައި ޖެހިފައެވެ.

ލަންކާ ޓީމަށް އެ މެޗުގައި މާ ރަނގަޅު ހަމަލާތަކެއް އުފެއްދިފައެއް ނުވެއެވެ. ލަންކާއިން ރާއްޖޭގެ ކުޅުންތެރިން ހުއްޓުވަން ގިނަ ފައުލުތަކެއް ކުރަންޖެހުނު މި މެޗުގައި އެ ޓީމުގެ ކުޅުންތެރިޔަކަށް މެޗުގެ 78 ވަނަ މިނިޓުގައި ވަނީ ރަތް ކާޑެއް ދައްކައިފައެވެ. ނަމަވެސް ލަންކާއިން ކުޅުންތެރިޔަކު މަދުކޮށް ކުޅުމުގެ ފައިދާ ރާއްޖެއަށް އެންމެ ރަނގަޅަށް ނުނެގުނެވެ.

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖެއާއި ލަންކާ ބައްދަލު ކުރި މެޗުގެ ތެރެއިން: އެ މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެން --- ފޮޓޯ// އެމްއޯސީ

މިފަހަރުގެ މުބާރާތުގެ ފަހު ވަގުތު އިންޑިއާ މުބާރާތުން ވަކިވުމުން ޝެޑިއުލަށް ވަނީ ކުއްލި ގޮތަކަށް ބަދަލުތަކެއް ގެނެސް ލީގު އުސޫލުން ކުޅޭ ގޮތަށް ބަދަލު ކޮށްފައެވެ. ކުރިން ރާއްޖެއާއި ލަންކާ އަދި އިންޑިއާ އެއް ގްރޫޕެއްގައި އޮތްއިރު، އިންޑިއާ ނުކުޅޭތީ މުޅި މުބާރާތް ލީގު އުސޫލަށް ބަދަލުކުރީއެވެ. ނަމަވެސް މުބާރާތުގައި ކުޅޭ ގިނަ ޓީމުކުން ޝެޑިއުލާ މެދު އިންތިހާއަށް ޝަކުވާކުރުން އިތުރުވުމުން އެންމެ ފަހުން މިއަދު ވަނީ ޝެޑިއުލަށް ކޮންމެވެސް ވަރެއްގެ ބަދަލެއް ގެނެސްފައެވެ. ކުރިން ފަސް ދުވަހުގެ ތެރޭގައި ހަތަރު މެޗު ކުޅޭގޮތަށް އޮތްއިރު ރާއްޖެއަށް ލިބެނީ ހުސްކޮށް އެންމެ ދުވަހެކެވެ. މިއަދު ގެނައި ބަދަލާ އެކު ރާއްޖެއަށް އިތުރު ހުސް ދުވަހެއް ލިބޭނެއެވެ.

މި މެޗުން ލިބުނު ޕޮއިންޓާއެކު ރާއްޖެ ދެން އަންނަ މެޗެއްގައި ބައްދަލުކުރަން ޖެހޭނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. މުބާރާތް ހުޅުވުމުގެ ގޮތުން މިއަދު ގޭމްސްގެ ފުރަތަމަ މެޗުގައި ބޫޓާން އަތުން ބަންގްލަދޭޝް ވަނީ 1-0 އިން ބަލިވެފައެވެ. އެހެންކަމުން އެ މެޗަކީ ރާއްޖެއަށް ޕްރެޝަރު ބޮޑު މެޗަކަށް ވާނެއެވެ.

ރާއްޖެއާ ބަންގްލަދޭޝް ބައްދަލުކުރާ މެޗު އޮންނާނީ މާދަމާއެވެ. މެޗުގެ ކުޅުން ފަށާނީ ރާއްޖެ ގަޑިން ހަވީރު 16:15 ގައެވެ.

comment ކޮމެންޓް