13 އަހަރުގެ ކުއްޖާ އާއި އޭނާގެ ދަރިފުޅު ދައުލަތުގެ ބެލުމުގެ ދަށަށް

އާއިލާއެއް އާޓިފިޝަލް ބީޗްގެ ފިނި ގޮނޑިއެއްގައި އިށީންދެލައިގެން -- ސަން ފޮޓޯ/ އަހުމަދު ނާއިފް

ކޯޓުން ބޭރުން، "ކައިވެނިކޮށް" ބަލިވެއިނދެ މިފަހުން ވިހޭ، 13 އަހަރުގެ އަންހެން ކުއްޖާ އާއި އެ އާއިލާގައި ހިމެނޭ އެހެން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް މިއަދު ގެންގޮސްފި އެވެ.

ފުލުހުން މިއަދު ބުނީ، ދީނީ ހަރުކަށި ވިސްނުން ގެންގުޅޭ އެއް އާއިލާއަކަށް ނިސްބަތްވާ 13 އަހަރުގެ އެ އަންހެން ކުއްޖާ އާއި އޭނާ ވިހޭ ތުއްތު ކުއްޖާ ހިމެނޭ ގޮތުން އެ އާއިލާއަށް ނިސްބަތްވާ ހަތް ކުދިންނަށް ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށްޓަކައި މިއަދުގެ ވަގުތެއްގައި ދައުލަތުގެ ބެލުމުގެ ދަށަށް އެ ކުދިން ގެނެސްފައިވާ ކަމަށެވެ.

"އެކުދިންނާއި މެދު އިހުމާލުވެފައިވާ މައްސަލަ އާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމުގައި ދެންނެވީ މެވެ،" ފުލުހުން މީޑިއާޔާ ހިއްސާކުރި މެސެޖްގައި ބުންޏެވެ.

އުމުރުން 13 އަހަރުގެ ކުއްޖަކު ކޯޓުން ބޭރުން "ކައިވެނި"ކޮށް ބަލިވެއިނދެ ވިހޭކަން ހާމަވީ ދީނީ ހަރުކަށި ފިކުރުމުގެ ބައެއްގެ މެދުގައި މިފަހުން ހިނގި ހަމަނެޖެހުމެއްގައި ދޯންޏެއްގެ ތެރޭގައި ޒަހަމްކޮށްލި ޒުވާނާ، އެ ކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް "ސަން"ގައި ރިޕޯޓްކުރި ކުރުމުން އެވެ.

ފުލުހުންނާއި ޖެންޑާ މިނިސްޓްރީއިން މީގެ ކުރިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ދީނީ ގޮތުން ހަރުކަށިފިކުރުގެ އާއިލާއަކަށް ނިސްބަތްވާ އެ އަންހެން ކުއްޖާ އާއި އެ އާއިލާގެ އެހެން ކުދިން ތައުލީމުންނާއި ސިއްހީ ފަރުވާއިން މަހުރޫމް ކުރާ ކަމުގެ ރިޕޯޓް ފުލުހުންނަށް ލިބުނީ ޖޫން، 6، 2018ގައި ކަމަށެވެ. އަދި އެ ހިސާބުން ފެށިގެން އެ މައްސަލަ ކައިރިން ބަލައި އަޅަން ޖެހޭ ފިޔަވަޅު އަޅަމުން ދިޔަ ކަމަށް ވެސް ފުލުހުން އޭރު ބުންޏެވެ.

ފުލުހުން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުޑަކުދިންގެ މައްސަލަތަކާ ގުޅޭ ފުލުހުންގެ ޑިޕާޓްމަންޓްގެ ވެރިޔާ، ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަަސަން ހަނީފް ވިދާޅުވީ އެ 13 އަހަރުގެ އަންހެން ކުއްޖާ އެ ކުއްޖާގެ މަންމަ ކައިރީ ބެހެއްޓީ، ބައްޕަ ޖަލުގައި ހުރުމުން އަންހެން ކުއްޖާއަށް އެހީތެރިވެވޭނީ އޭނާގެ މަންމައަށް ކަމަށް ބަލާފައި ކަމަށެވެ. އަދި އޭނާގެ ހަގަށް ތިބޭ ފަސް ކުދިން ބަލަހައްޓަމުން ދިޔައީ ވެސް އަންހެން ކުއްޖާގެ މަންމައަށް ވުމަކީ ވެސް އޭގެ ސަބަބެއް ކަމަށް ހަނީފް ވިދާޅުވި އެވެ.

އެކުއްޖާއާ ކައިވެނިކޮށްގެން އުޅޭ ކަމަށް ބުނާ، ލަނޑާ ދޯނީގައި ޒަހަމްކޮށްލި މަޑުއްވަރީ، ފެހިއަލި، އިސްމާއީލް ހައްމާދު 26އ. ވަނީ މިހާރު ހައްޔަރުކޮށްފަ އެވެ. އައިޖީއެމްއެޗުން ފަރުވާ ދިނުމަށް ފަހު ހައްމާދު ދޫކޮށްލުމާ އެކު ފުލުހުން އޭނާ ހައްޔަރު ކުރީ، ކުޑަ ކުއްޖަކާ މެދު ގަދަކަމުން ޖިންސީ އަމަލު ހިންގުމުގެ ތުހުމަތުގަ އެވެ.

ފުލުހުން ބުނެފައި ވަނީ 13 އަހަރުގެ ކުއްޖާ ވިހޭ ތުއްތު ކުއްޖާގެ ޑީއެންއޭ ހައްމާދުގެ ޑީއެންއާ ދިމާވާ ކަމަށެވެ. ފުލުހުން އިއްޔެވެސް ބުނެފައި ވަނީ އަންހެން ކުއްޖާ އެއްވެސް ބާވަތެއްގެ ކައިވެންޏެއް ކޮށްގެން އުޅޭކަން ތަހުގީގަށް އަދި އެނގިފައި ނުވާ ކަމަށެވެ.

comment ކޮމެންޓް