ގާނޫނާ ހިލާފު ކަމެއް ކޮށްފައި ނޯންނާނެ: ޝަމީމް

އަދީބުގެ ގާނޫނީ ވަކީލު ހުސައިން ޝަމީމް މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ ---- ސަން ފޮޓޯ: އަހްމަދު ޝަރުވާން

ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމުގައި ހުންނެވި އިރު ގާނޫނާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަށް ކުރިމަތިލައްވާފައިވާ ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ކަމުން އައިޝަތު ބިޝާމް އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް ކުރިމަތިލަން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވި ތިން ބޭފުޅުންގެ ތެރޭގައި ޝަމީމް ހިމެނެއެވެ. ކުރިމަތިލި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވެވީ ޝަމީމްގެ ނަން އެކަންޏެވެ. މިހާރު އޭނާގެ ނަން ދިރާސާ ކުރަން ވަނީ މަޖިލީހުގެ ޖުޑިޝަރީއަށް ފޮނުވައިފައެވެ.

މިރޭ ޝަމީމްގެ އިންޓަވިއު ނަގަން ޖުޑިޝަރީ ކޮމިޓީއިން ތައްޔާރުވެފައި ވާއިރު، އޭނާއާ ގުޅޭ މައްސަލައެއް އިއްޔެ އޭސީސީއަށް ހުށަހަޅާފައިވާކަން މިއަދު ވަނީ އެނގިފައެވެ. އެކަން އޭސީސީއިންވެސް ކަށަވަރުކޮށްދެއެވެ.

"ސަން"އަށް އެނގިފައިވާ ގޮތުގައި، ޝަމީމްއާ ދެކޮޅަށް ހުށަހެޅި މައްސަލައަކީ އޭނާ ޑީޕީޖީގެ މަގާމުގައި ހުންނެވި އިރު، ގަވައިދާ ހިލާފަށް ބުދެއް އެތެރެ ކުރި އަންހެނަކަށް މަގާމުގެ ނުފޫޒު ބޭނުންކުރައްވައިގެން ދައުވާ ނުކުރަން ނިންމެވިކަމަށް ތުހުމަތު ކުރާ މައްސަލައެކެވެ. އެ އަންހެން މީހާއަކީ ޝަމީމް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއް ކަމަށް އޭނާއަށް ދެކޮޅަށް ހުށަހެޅި މައްސަލައިގައިވެއެވެ.

އެކަމާ ގުޅިގެން ޝަމީމް "ސަން"އަށް ވިދާޅުވީ، އޭނާ އެއްވެސް ނުފޫޒެއް ނުފޯރުވާ ކަމަށެެވެ. އަދި ގާނޫނާ ހިލާފު ކަމެއްވެސް ނުކުރައްވާ ކަމަށެވެ.

"އެއްވެސް މައްސަލައެއްގައިވެސް ދައުވާ ނުކުރަން ނިންމަންޏާ ނިންމާފައި އޮންނާނީ އެކަމާ ބެހޭ ކޮމިޓީއަކުން [އޭރުގެ] ޕްރޮސެކިއުޓާ ޖެނެރަލް މުއިއްޒުވެސް އިންނަވައިގެން. އަޅުގަނޑު އެކަނި ހުރެގެން އެކަހަލަ ކަމެއް ކޮށްފައެއް ނޯންނާނެ،" ޝަމީމް ވިދާޅުވިއެވެ.

މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން ޝަމީމްއާ އިންޓަވިއު ކުރުން އޮތީ މިރެ އެވެ. އޭނާއާ ގުޅޭ ޝަކުވާއެއް އޮތް ނަމަ މިރޭ 8:00 ގެ ކުރިން އެ ކޮމިޓީއަށް ހުށަހެޅުމަށް މަޖިލީހުން ވަނީ އެދިފައެވެ.

comment ކޮމެންޓް