އެމްޑީޕީ އެކްޓިވިސްޓެއްކަމަށް ތުހުމަތުކުރި މާކުރަތު މެޖިސްޓްރޭޓު ވަކިކުރަން ކޮމިޓީން ތާއީދު

ރ. މާކުރަތު މެޖިސްޓްރޭޓް އަދުނާން ހުސައިން

އެމްޑީޕީގެ އެކްޓިވިސްޓެއް ކަމުގެ ތުހުމަތުކުރި ރ. މާކުރަތުގެ މެޖިސްޓްރޭޓު އަދުނާން ހުސައިން ވަކިކުރުމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ނިންމި ނިންމުމަށް ތާއީދުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައިފިއެވެ. އޭގެ އިތުރުން ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓު އައިނާން އަލީ މުހައްމަދު ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށްވެސް އެ ކޮމިޓީން މިއަދު ތާއީދުކޮށްފިއެވެ.

ދެ މިޖިސްޓްރޭޓުން ވަކިކުރަން ނިންމައިި އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ޖޭއެސްސީން ފޮނުވާފައިވަނީ އިއްޔެއެވެ. އަދި ރައްޔިތުންގެ މަޖިލީހުން ޖުޑިޝަރީ ކޮމިޓީއަށް އެ މައްސަލަ ފޮނުވީ މިއަދުއެވެ.

ޖުޑީޝަރީ ކޮމިޓީގެ މަސްއޫލިއްޔަތަކީ، ޖޭއެސްސީގެ ނިންމުން ނިންމާފައިވަނީ އިޖުރާއަތްތައް ފުރިހަމަތޯ ބެލުމެވެ. އަދި އިޖުރާއަތްތައް ފުރިހަމަނަމަ، ޖޭއެސްސީން ނިންމި ނިންމުން މަޖިލީހުގެ ތަޅުމަށް ހުށަހެޅުމެވެ.

މާކުރަތު މެޖިސްޓްރޭޓް އަދުނާން ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުގެ ރިޕޯޓުގެ ހުލާސާ އިއްވަމުން ކޮމިޓީގެ މުގައްރިރު މާފަންނު އުތުރު ދާއިރާ މެމްބަރު އިމްރިޔާޒު ފަހުމީ ވިދާޅުވީ އޭނާގެ މައްސަލަ ބަލަންފެށީ އޭނާ އެމްޑީޕީގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެ، އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓުދިނުމަށް ސޯޝަލް މީޑިއާގައި އެދޭކަމަށް މީހުން ޝަކުވާކުރުމުގެ މައްސަލައިގެ އިތުރުން ކޯޓުގައި މަސައްކަތްކުރާ އަންހެން މުވައްޒަފަކަށް އޭނާ ޖިންސީ ފުރައްސާރަ ކުރާތާ އަށް އަހަރުވެފައިވާ މައްސަލައިގައި ކަމަށެވެ.

މިއަދު ބެއްވި ކޮމިޓީ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ކޮމިޓީގެ ނައިބު މުގައްރިރު ފޮނަދޫ ދާއިރާގެ މެމްބަރު މޫސާ ސިރާޖު ވިދާޅުވީ މެޖިސްޓްރޭޓު އަދުނާނަކީ އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށް ޖޭއެސްސީގެ ރިޕޯޓުގައި ތުހުމަތުކޮށް، އޭނާއާ މެދު ފިޔަވަޅު އެޅުމަށް ހުށަހެޅުމުން ހާމަވަނީ ފަނޑިޔާރުގެ އިސްލާހުކުރުމަށް ފެށި މަސައްކަތް ހެޔޮ ނިޔަތުގައި އަދި ވަކި ފިކުރަކަށް ބެލުމެއް ނެތި ކުރިއަށް ގެންދާކަން ކަމަށެވެ. އަދި އަދުލުވެރި ކޯޓުތަކެއް ގާއިމުކުރުމަށް ޖޭއެސްސީން މަސައްކަތްކުރަމުންދާކަން ކަމަށެވެ.

"މި ފަނޑިޔާރުގެ ސިޔާސީ ފިކުރު މިއިނީ އަޅުގަނޑުމެންނާ ހަމަ އެއް ފިކުރެއްގައި. އެމްޑީޕީގެ ވިސްނުމުގައި ހުރި ފަނޑިޔާރެއްކަން މި ރިޕޯޓުން އެނގޭ. އެހެން ނަމަވެސް ފަނޑިޔާރުކަމުގައި ހުންނަ ފަރާތަކީ، އެމްޑީޕީ ފިކުރުގައި ނުވަތަ އެހެން ސިޔާސީ ޕާޓީއެއްގައި މަސައްކަތްކޮށް، ކެމްޕޭންތަކުގައި އަމަލީ ގޮތުން އުޅެ މުވައްޒަފުން ކައިރީ ވަކި ގޮތަކަށް ވޯޓު ދިނުމަށް ދޭން ބަޔާން ކުރަން ޖެހޭ މީހެއް ނޫން،" އެމްޑީޕީއަށްނިސްބަތްވާ ސިރާޖު ވިދާޅުވިއެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ/ މަޖިލިސް

ވާހަކަ ދެއްކެވި ހުރިހާ މެމްބަރުންވެސް ވިދާޅުވީ، ޖޭއެސްސީގެ ނިންމުމުގައި އިޖުރާއަތްތައް ފުރިހަމަކޮށްފައިވާ ކަމަށެވެ. އަދި އޭނާއަށް ޖަބާބުދާރ ވުމުގެ ފުރުސަތު ދީފައިވާކަންވެސް ކޮމިޝަންގެ ރިޕޯޓުން އެނގޭކަމަށް މެމްބަރުން ވިދާޅުވިއެވެ.

އިޖުރާއަތްތައް ފުރިހަމަވެފައިވަތީވެ، މެޖިސްޓްރޭޓް އަދުނާން ވަކިކުރަން ޖޭއެސްސީން ނިންމި ނިންމުން ތަޅުމަށް ފޮނުއްވުމަށް ހުށަހެޅުއްވީ، ކެންދޫ ދާއިރާ މެމްބަރު އަލީ ހުސައިންއެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހެންވޭރު އުތުރު ދާއިރާ މެމްބަރު އިބްރާޙިމް މުއިއްޒު އެވެ.

އެމްޑީޕީގެ މެޖޯރިޓީ އޮންނަ އެ ކޮމިޓީއަށް ވަޑައިގެނެވި ހުރިހާ މެމްބަރުންގެ އިއްތިފާގުން ނިންމާފައިވަނީ، އެ ހުށަހެޅުން ފާސްކުރުމަށެވެ.

އޭގެ އިތުރުން ކ. ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް ޢައިނާނު އަލީ މުހައްމަދު ވަކި ކުރަން ނިންމި ނިންމުނެވެސް އިޖުރާއަތައް ފުރިހަމަ ކަމަށް މެމްބަރުން ވިދާޅުވިއެވެ. އޭނާގެ މައްސަލަ ޖޭއެސްްސިން ބަލަން ފެށީ ކޯޓުގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި މައްސަލައިގައިެވެ.

އިޖުރާއަތްތައް ފުރިހަމަވެފައިވަތީވެ، އެ ނިންމަށް ތަޅުމަށް ހުށަހެޅުމަށް ހުށަހެޅުއްވީ، ކެންދޫ ދާއިރާ މެމްބަރު އަލީ ހުސައިނެވެ. އެ ހުށަހެޅުމަށް ތާއީދު ކުރެއްވީ، ހިންނަވަރު ދާއިރާ މެމްބަރު ޖީހާން މަހުމޫދެވެ.

ދެ މެޖިސްޓްރޭޓުންގެ އިތުރުން މިއަދު ކޮމިޓީ ބައްދަލުވުމުގައި ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހްމަދު ހައިލަމް ވަކިކުރުމަށް ޖޭއެސްސީން ނިންމި ނިންމުމަށްވެސް ކޮމިޓީން މިއަދު ވަނީ ތާއީދުކޮށްފައެވެ.

https://sun.mv/128221

comment ކޮމެންޓް