ވިމްލާއާ ގުޅޭ ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުން ރިޔާސަތުން ހުއްޓުވައިފި

މަޖިލިސް ރައީސް: ކޮމިޓީ ރިޕޯޓަށް ވޯޓަށް އެހުން ވަނީ ހުއްޓުވާފައި -- ފޮޓޯ/ މަޖިލިސް

ސުނާމީ ހާދިސާގައި ހާލުގައި ޖެހުނު މީހުންގެ ތެރެއިން ގއ. އަތޮޅުގެ ތިން ރަށެއްގައި ގެދޮރު އިމާރާތްކުރުމުގެ މަސައްކަތާ ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް 78 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދޭން ޖެހުނު މައްސަލައިގައި ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީން ހެދި ރިޕޯޓަށް ވޯޓަށް އެހުން މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުއްޓުވައިފި އެވެ.

ސަރުކާރުގެ ހަރަދުގައި ގއ. މާމެންދު އާއި ނިލަންދޫ އަދި ދާންދޫގައި 298 ގެ އެޅުމަށް ވިމްލާއިން ކުރި މަސައްކަތަށް ދައްކަންޖެހޭ ފައިސާ ދައްކާފައި ނުވާތީވެ ބަދަލެއްގެ ގޮތުގައި 78.7 މިލިއަން ރުިފޔާ ވިމްލާއަށް ދިނުމަށް ސިވިލް ކޯޓުން ހުކުމް ކުރީ މާޗް، 2، 2016 ގައެވެ. އެ މައްސަލަ އޭރު ދައުލަތުން އިސްތިއުނާފްކޮށް، މިހާރު އޮތީ ހައި ކޯޓު މަރުހަލާގަ އެވެ.

ނަމަވެސް މިދިޔަ އަހަރު ނޮވެމްބަރު މަހު އޮޑިޓް އޮފީހުން އެ މަޝްރޫއާ ގުޅިގެން ހެދި އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، މަޝްރޫއު އިން ދައުލަތައް ލިބެން ޖެހޭ 149.86 މިލިއަން ރުފިޔާ ދައުލަތައް ނުލިބޭ ކަމަށެވެ.

އެ އޮޑިޓް ރިޕޯޓުގެ މައްސަލަ މާލިއްޔަތު ކޮމިޓީން ނިންމާއި އެ ކޮމިޓީގެ ރިޕޯޓަށް ވޯޓަށް އެހުމަށް މިއަދު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތާވަލް ކުރި އެވެ.

މިއަދު ޖަލްސާގައި އެ ރިޕޯޓަށް ވޯޓަށް އެހުމުގެ ކުރިން ރައީސް ނަޝީދު ވިދާޅުވީ، ބަދަލު ދިނުމަށް ސިވިލް ކޯޓުން ކުރި ހުކުމާމެދު ހައިކޯޓުން ގޮތެއް ނިންމުގެ ކުރިން މަޖިލިސް ކޮމިޓީއަކުން އެކަމާ މެދު ގޮތެއް ނިންމުމަކީ "ބުއްދިވެރިކަމެއް" ނޫން ކަމަށެވެ. އެހެން ކަމުން އެ ރިޕޯޓަށް ވޯޓަށް އެހުން ފަސް ކުރަން ނިންމީ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"ރާއްޖޭގެ ޝަރުއީ ކޯޓުގައި ހިނގަމުންދާ މައްސަލައިއެއްގައި ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައި ބަސް ބުނުމަކީ، ގާނޫނު އަސާސީން ތިން ބާރު ވަކިކޮށް، އެ ތިން ބާރުގެ މަސްއޫލިއްޔަތު ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ނިޒާމްގެ ރޫހާ ހިލާފު ކަމަކަށް ވާތީވެ، އަޅުގަނޑަށް ލަފާ ލިބޭ މި މައްސަލައިގައި އަޅުގަނޑުމެން ގޮތެއް ނިންމުން މަޑުކޮށްލަން،" ރައީސް ނަޝީދު ވިދާޅުވިއެވެ.

މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ނިންމާފައިވަނީ، 78 މިލިއަން ރުފިޔާއަކީ، އެކުންފުނަށް ދޭން ޖެހޭ ފައިސާ އެއް ނޫން ކަމަށެވެ. އަދި އެ މަޝްރޫއުއަށް ހަ އަހަރާއި 20 ދުވަހުން ނިންމާފައިވާތީ، މަޝްރޫއު ނިންމުން ލަސްވުމުގެ ސަބަބުން ދައުލަތަށް ބޮޑު ގެއްލުމެއްފައިވާ ކަން ވަނީ ރިޕޯޓުގައި ފާހަގަކޮށްފަ އެވެ.

އޭގެ އިތުރުން އޮޑިޓް ރިޕޯޓުގައި ދައުލަތަށް 149.86 މިލިއަން ރުރިޔާ ލިބެން ޖެހޭ ކަމަށް ބުނެފައިވާތީވެ، އެ ފައިސާ ހޯދަން ކުރަން ޖެހޭ މަސައްކަތް ކުރުމަށް ވެސް ރިޕޯޓުގައި ބުނެފައިވެ އެވެ.

ވިމްލާ ކޮންސްޓްރަކްޝަނަށް 420 ދުވަސް ތެރޭ އެ އަތޮޅުގައި 298 ހައުސިން ޔުނިޓް އެޅުމަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން 2008 ވަނަ އަހަރު އޮކްޓޯބަރު މަހު، 220.46 މިލިއަން ރުފިޔާއަށް ވަނީ ހަވާލުކޮށްފަ އެވެ. ނަމަވެސް އެ މުއްދަތުގައި މަޝްރޫއު ނުނިމި ޖުމްލަ 382.53 މިލިއަން ރުފިޔާ ހަރަދުކުރަންޖެހި، ދައުލަތުގެ ބަޖެޓުން އިތުރަށް 144.60 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަން އޮޑިޓް ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުގެ ބަޖެޓުން މަޝްރޫޢުގެ މަސައްކަތަށް ހަރަދުކުރަން ނުޖެހޭ ގޮތަށް ސައުދީ ފަންޑުގެ ލޯނުއެހީގެ ގޮތުގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅި މިމަޝްރޫގެ މަސައްކަތް ނިމިފައިވަނީ އޭގެ ފަސްވަރަކަށް އަަހަރު ފަހުން 2015 ވަނަ އަހަރު ޖެނުއަރީ މަހު އެވެ. މި މަޝްރޫއު އަށް ސައުދީ އިން ވަނީ 58 މިލިއަން ސައުދީ ރިޔާލް ލޯނު އެހީގެ ގޮތުގައި ދީފަ އެވެ.

comment ކޮމެންޓް