ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދޭން ވޯކްޝޮޕްއެއް ހިންގައިފި

ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދޭން ހިންގި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމކް މިނިސްޓްރީ

ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދޭން އިސްލާމިކް މިނިސްޓްރީން ހާއްސަ ވޯކްޝޮޕްއެއް ހިންގައިފި އެވެ.

އިސްލާމިކް މިނިސްޓްރީގެ ޖަލްސާ ކުރާ މާލަމުގައި ކުރިއަށް ގެންދިޔަ އެ ވޯކްޝޮޕްގައި ލޯފަން ކުދިންނަށް ކިޔަވައިދެއްވީ އަލް ގާރީ ޢަބްދުލް ރަޝީދު ޢަބްދުލް ގާދިރު އެވެ.

އެގޮތުން އަރަބި އަކުރުތަކުން ފެށިގެން ގުރުއާނުގެ ސޫރަތްތައް ކިޔަވާނެގޮތް ބްރެއިލް ބޭނުންކޮށްގެން ކިޔަވާނެގޮތް އެ ވާކްޝޮޕުގެ ދަރިވަރުންނަށްއުނގަންނައިދީފައިވާ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދޭން ހިންގި ވޯކްޝޮޕް ތެރެއިން-- ފޮޓޯ: އިސްލާމކް މިނިސްޓްރީ

މަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ވާކްޝޮޕްގައި ޖުމްލަ ނުވަ ދަރިވަރުން ވާކްޝޮޕް ފުރިހަމަ ކޮށްފައިވާ އިރު ލޯފަން 6 ކުއްޖަކާއި، މި ދަރިވަރުންގެ އާއިލާގެ ތެރެއިން 2 މެމްބަރަކާއި، ޓީޗަރެއްވެސް އޭގެ ތެރޭގައި ހިމެެނެ އެވެ.

އެ ވޯކްޝޮޕް ނިންމުމަށް މިއަދު އިސްލާމިކް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާކްޝޮޕް ފުރިހަމަކުރި ދަރިވަރުންނަށް ސެޓްފިކެޓުގެ އިތުރުން ބައިވެރީންގެ ތެރެއިން ލޯފަން ދަރިވަރުންނަށް އިސްލާމިކް މިނިސްޓްރީގެ ފަރާތުން ބްރައިލް ހަތިމް ސެޓެއްވެސްވަނީ ހަދިޔާ ކުރައްވާފަ އެވެ. އެ ތަކެތި ދަރިވަރުންނަށް ހަވާލުކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ޢަލީ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވީ ބްރައިލް އަކުރު ބޭނުންކޮށްގެން ކިޔަވައިދިނުމާއި ކިޔެވުމުގެ ހުނަރަކީ ދިރުވާ އާލާ ކުރަންޖެހޭ ފަންނެއްކަމަށެވެ. އަދި ނިމިގެން މިދިޔަ ވާކްޝޮޕަކީ ދިވެހިރާއްޖޭގެ ތާރީހުގައި އެފަދަ ވާކްޝޮޕެއް އަލަށް ބޭއްވުނު ފަހަރުކަމާއި ބްރައިލް އަކުރުން ލިޔެފައިވާ ސެޓްފިކެޓެއް މިހާތަނަށް ދެވުނު ފުރަތަމަ ފަހަރުކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ލޯފަން ކުދިންނަށް ގުރުއާން ދަސްކޮށްދޭން ހިންގި ވޯކްޝޮޕް ނިންމުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: އިސްލާމިކް މިނިސްޓްރީ

މިނިސްޓަރު އިތުރަށް ވިދާޅުވީ ކުރިއަށް އޮތްތަނުގައި ސަރުކާރާއި އިސްލާމިކް މިނިސްޓްރީން ގުޅިގެން އެފަދަ އިތުރު ވޯކްޝޮޕްތައް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ލޯފަންކުދިން މުދިމުންގެ ގޮތުގައި މިހާރު ވެސް މަސައްކަތްކުރައްވާކަން ވެސް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އެފަދަ ކުދިންނަށް ވަޒީފާ ހޯދައިދިނުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

comment ކޮމެންޓް