ސައުތު އޭޝިއަން ގޭމްސް: އަންހެން ޓީޓީ ޓީމު އިންޑިއާ އަތުން ބަލިވެއްޖެ

ނޭޕާލުގައި ކުރިއަށްދާ ސައުތް އޭޝިއަންގެ ޓީޓީ އިވެންޓުގައި ވާދަކުރާ ރާއްޖޭގެ އަންހެން ކުޅުންތެރިން އިންޑިއާ ޓީމާ އެކު ---- ފޮޓޯ// އެމްއޯސީ

ނޭޕާލް، ކަތަމަންޑޫ: ނޭޕާލްގައި މިހާރު ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ ޓީޓީ ޓީމް އިވެންޓުގައި މިއަދު ރާއްޖޭގެ އަންހެން ޓީމު ފުރަތަމަ ތިން ގޭމުން ބަލިކޮށް އަވަށްޓެރި އިންޑިއާއިން މެޗު ކާމިޔާބު ކޮށްފި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި މިއަދު ފެށި ޓީޓީ އިވެންޓުގައި ރާއްޖޭގެ އަންހެން އަދި ފިރިހެން ޓީމު ވެސް މިހާތަނަށް ވަނީ އެއް މެޗު ކުޅެފަ އެވެ. ފިރިހެން ޓީމު މިއަދު ހެނދުނު ކުޅުނު މެޗުގައި ސްރީ ލަންކާ އަތުން ބަލިވި އިރު އަންހެން ޓީމު މެންދުރު އިންޑިއާ އަތުން ބަލިވީ އެވެ. މި މެޗުތަކުން ބަލިވި ނަމަވެސް ރާއްޖޭގެ ދެ ޓީމަށް ވެސް އަދި ފުރުސަތު އެބައޮތެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ރަފާ ނާޒިމް މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ރަނގަޅު ތަޖުރިބާތަކަކާއި ތަމްރީންތަކަކާ އެކު ރާއްޖޭގެ އަންހެން ޓީޓީ ޓީމު މުބާރާތާއި ކުރިމަތިލި އިރު ފުރަތަމައިން ވެސް ލައްވާލީ ސަރަހައްދުގެ އެންމެ ވަރުގަދަ އިންޑިއާއާ އެވެ. މި މެޗުގެ ފުރަތަމަ ތިން ގޭމު ވެސް އިންޑިއާއިން ކާމިޔާބު ކުރީ ފަސޭހަކަމާ އެކު އެވެ.

ފުރަތަމަ ގޭމުގައި ރާއްޖޭގެ އައިޝަތް ރަފާ ނާޒިމް ވާދަ ކުރީ އިންޑިއާގެ ސުތްރިތާ މުކްރެޖީއާ ދެކޮޅަށެވެ. އެ މެޗުގެ ތިން ސެޓު ވެސް އިންޑިއާ ކުޅުންތެރިޔާ ކާމިޔާބު ކުރި އިރު ސެޓުތައް ދިޔައީ 4-11، 3-11 އަދި 8-11 އިންނެވެ.

ދެވަނަ ސެޓުގައި ރާއްޖޭގެ އެންމެ ޒުވާން އެއް އެތުލީޓް ފާތިމަތު ދީމާ އަލީ އާ ވާދަކޮށް އިންޑިއާ ކުޅުންތެރިޔާ މެޗު ކާމިޔާބު ކުރީ ވެސް ސީދާ ތިން ސެޓުން މޮޅުވެގެންނެވެ. އެ މެޗުގެ ސެޓުތައް އިންޑިއާގެ ކްރިތިވިކާ ކާމިޔާބު ކުރީ 6-11، 2-11 އަދި 2-11 އިންނެވެ.

ރާއްޖޭގެ ޒުވާން ޓީޓީ ކުޅުންތެރިޔާ ފާތިމަތު ދީމާ އަލީ މިއަދު އިންޑިއާއާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

ތިން ވަނަ ސެޓުގައި ލައިސާ ފަތުހުﷲގެ މައްޗަށް ތިން ސެޓުން ކުރި ހޯދައި އިންޑިއާގެ މަދޫރީ ސެޓުތައް ގެންދިޔައީ 4-11، 5-11 އަދި 3-11 އިންނެވެ.

ރާއްޖެ އިން ޓީމް އިވެންޓުގައި ދެން ވާދަކުރާނީ މާދަމާ ހެނދުނު ޕާކިސްތާނާ ދެކޮޅަށެވެ. އެ މެޗު ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ކަތަމަންޑޫ ސިޓީގަ އެވެ.

މިފަހަރުގެ މުބާރާތަށް އަންހެން ޓީޓީ ޓީމު އައީ ބައިނަލް އަގުވާމީ މުބާރާތްތަކެއްގައި ރަނގަޅު ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ. އެގޮތުން މިއަހަރު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ޓީމް އިވެންޓާއި ޑަބަލްސްގެ އިތުރުން ސިންގަލްސްއިން ވެސް ރާއްޖޭގެ ކުޅުންތެރިން ވަނީ ޝަރަފުވެރި ރަންވަނަ ހޯދައިފަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ޓީޓީ ޓީމުގެ ކޯޗު އިބްރާހިމް ޝިއުރީ ބުނީ މެޗަށް ނުކުތް އިރު ވެސް އިންޑިއާގެ ފެންވަރު އިނގޭ ކަމަށެވެ. އެހެން ނަމަވެސް ބޮޑަށް ފޯކަސް ކުރާނީ މާދަމާގެ ޕާކިސްތާނާ ދެކޮޅަށް ކުޅޭ މެޗަށް ކަމަށެވެ. އަދި އެ މެޗު ކާމިޔާބު ކުރެވިއްޖެ ނަމަ މުބާރާތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބިގެންދާނެ ކަމަށާއި އަމާޒަކީ ބްރޯންޒް މެޑަލް ހޯދުމަށް ކަމަށެވެ.

comment ކޮމެންޓް