އުރީދޫގެ އަސާސީ އަދި ހިންގާ ގަވައިދު އިސްލާހުކުރަން ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއަކަށް

މި އަހަރުގެ މާޗުމަހުގެ ތިންވަނަ ދުވަހު ބޭއްވި އުރީދޫ މޯލްޑިވްސްގެ 2018 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އުރީދޫ މޯލްޑިވްސް ޕލކގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމުގެ ގޮތުން އެ ކުންފުނީގެ ހިއްސާދާރުންނާއެކު ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާއެއް (އެކްސްޓްރާއޯޑިނަރީ ޖެނެރަލް މީޓިންގް)އެއް ބޭއްވުމަށް ނިންމައިފިއެވެ.

އުރީދޫއިން މައުލޫމާތު ދޭ ގޮތުގައި އެކުންފުނީގެ ހާއްސަގޮތުން ބާއްވާ އާންމު ޖަލްސާ އޮންނާނީ ޑިސެމްބަރު 16 ވާ ހޯމަ ދުވަހުގެ ރޭ 8:30 ގައި، މާލޭގައި ހުންނަ ހޮޓެލް ޖެންގައެވެ.

އެ ޖަލްސާގައި މައިގަނޑު ގޮތެއްގައި އޮތީ ކުންފުނީގެ އަސާސީ ގަވައިދާއި ހިންގާ ގަވައިދަށް އިސްލާހުތަކެއް ހުށަހެޅުމާއި، އެ އިސްލާހުތަކާ ގުޅޭގޮތުން ހިއްސާދާރުންގެ މެދުގައި މަޝްވަރާކުރުމާއި އަދި އެ އިސްލާހުތަކަށް ވޯޓަށް އަހައި، ފާސްކުރުމެވެ.

މީގެ އިތުރުން އެ ޖަލްސާގައި އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ޑޭމިއަން ފިލިޕްއާއި މެނޭޖިންގް ޑިރެކްޓަރު ނަޖީބު ޚާން ވާހަކަދެއްކުމަށްވެސް ވަނީ ހަމަޖެހިފައެވެ.

އުރީދޫގެ ހިންގާ ގަވައިދާއި އަސާސީ ގަވައިދަށް ހުށަހަޅަން ނިންމާފައިވާ އިސްލާހުތައް އެ ކުންފުނީގެ ވެބްސައިޓުގައި މިހާރު ވަނީ އާންމުކޮށްފައެވެ.

އެ އިސްލާހުތަކަށް ބަލާއިރު އެންމެ މުހިންމު އެއް އިސްލާހަކަށް ހުށަހަޅާފައިވަނީ އެ ކުންފުނީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުގެ ޑިރެކްޓަރުކަމުގެ މުއްދަތު ސާފުކޮށް ބަޔާންކުރުމެވެ.

އާންމު ޖަލްސާއަށް ހުށަހަޅާ އެ އިސްލާހުގައި ބުނެފައިވަނީ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށްޓަކައި ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ ދައުރަކަށް ވާނީ އޭނާ ޑިރެކްޓަރުކަމަށް އިންތިހާބުކުރާ ޖަލްސާއިން ފެށިގެން އެ ޖަލްސާވެސް ހިމެނޭގޮތަށް ތިންވަނަ އޭޖީއެމްއާ ހަމައަށެވެ. ނުވަތަ ތިން ޖަލްސާގެ ދެމެދުން ހިނގާ ދެ އަހަރު ދުވަހަށެވެ.

މިއީ މި އަހަރުގެ މާޗު މަހު އޮތް އެކުންފުނީގެ އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުން ހުށަހެޅި އިސްލާހެއްކަމަށް އުރީދޫއިން ބުނެއެވެ.

މިވަގުތު އުރީދޫގެ ޑިރެކްޓަރުންގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވާ ޑިރެކްޓަރަކީ ކުރީގެ މިނިސްޓަރު އަހްމަދު ޒުހޫރެވެ.

މީގެ އިތުރުން އުރީދޫގެ އަސާސީ ގަވައިދުގައި ކުންފުނީގެ މަގްސަދުތަކުގެ ތެރެއަށް މާލީ ހިދުމަތްތައް ދިނުންވެސް ހިމެނުމަށް އިސްލާހު ހުށަހެޅިއެވެ. އުރީދޫއިން މިހާރުވެސް އަންނަނީ މޯބައިލް މަނީގެ ހިދުމަތް ދެމުންނެވެ.

އުރީދޫއިން ބުނީ 11 ޑިސެމްބަރު ވާ ބުދަ ދުވަހުގެ ރޭގަނޑު 8:00 ގެ ކުރިން ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޖަލްސާގައި ބައިވެރިވެވޭނެ ކަމަށެވެ.

މީގެ އިތުރުން ޖަލްސާގައި ބައިވެރިވާން ޝަރުތު ހަމަވާ ހިއްސާދާރުން ޖަލްސާގައި ބައިވެރިވުމަށް "ޕްރީ ރެޖިސްޓްރޭޝަން ފޯމު" އަދި "ޕްރޮކްސީ ފޯމު" ފުރުމަށްފަހު 12 ޑިސެމްބަރު 2019 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 4:30 ގެ ކުރިން އުރީދޫގެ ހެޑް އޮފީހަށް ފޮނުވުމަށް އުރީދޫއިން އެދެއެވެ.

comment ކޮމެންޓް