މާފަރު އެއާޕޯޓަަށް އިންޓަނޭޝަނަލް ޗާޓަރު ދަތުރުތައް ކުރަން ރިކުއެސްޓު ލިބިފައި އެބަހުރި

އައިލެންޑް އޭވިއޭޝަންގެ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ރިޒްވީ ނޫސްވެރިންނާ ބައްދަލުކުރައްވަނީ --- ފޮޓޯ/ މޯލްޑިވިއަން

(ނ. މާފަރު): ނ. މާފަރުގައި ތަރައްގީކޮށްފައިވާ އިންޓަނޭޝަނަލް އެއާޕޯޓަށް ބައިނަލްއަގުވާމީ ޗާޓަރު ފްލައިޓުތައް ޖެއްސުމަށް ރިކުއެސްޓު ލިބިފައި އެބަހުރިކަމަށް އެއާޕޯޓު އޮޕަރޭޓުކުރާ އައިލެންޑް އޭވިއޭޝަނުން ބުނެފިއެވެ.

މާފަރު އެއާޕޯޓުގެ ކޮމާޝަލް ދަތުރުތައް ރަސްމީކޮށް ފެށުމަށް މިއަދު ބޭއްވި ރަސްމިއްޔާތަށްފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އައިލެންޑް އޭވިއޭޝަނުގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓަކީ ރާއްޖެއަށް މިހާރު އޮޕަރޭޓުކުރާ ކޮންމެ މަރުކާއެއްގެ ފްލައިޓަކަށްވެސް ކޭޓާ ކުރެވޭނެ އެއާޕޯޓެއް ކަމަށެވެ. އައިލެންޑް އޭވިއޭޝަނުގެ މުވައްޒަފުންނަކީ އެކަމަށް ގާބިލު މުވައްޒަފުންކަމަށް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓާއެކު މިހާތަނަށް 52 ވަޒީފާ އުފައްދައިފި ކަމަށާއި ކުރިއަށް އޮތްތަނުގައި އިތުރު ވަޒީފާތައް އުފައްދާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޕްލޭނުގައި އެބައޮތް މި އެއާޕޯޓުގައި ޓްރެއިނިން ފެސިލިޓީއެއް ގާއިމުކުރުން. ސީޕްލޭން ކަނެކްޓިވިޓީ ގާއިމު ކުރުން،"

ރިޒްވީ ވިދާޅުވީ މާފަރު އެއާޕޯޓަށް އިންޓަނޭޝަނަލް އެއާލައިނެއް އޮޕަރޭޓު ކުރާނަމަ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދޭ ހުރިހާ ހިދުމަތެއް އެ އެއާޕޯޓުންވެސް ފޯރުކޮށްދޭނެ ކަމަށެވެ.

"ޕްރައިވެޓް ޖެޓުތަކަށްވެސް ހިދުމަތް ދޭނެ. މިހާރު އަޅުގަނޑުމެންނަށް މަދީ އިންފްލައިޓް ކޭޓަރިންގެ ހިދުމަތް. ރިސޯޓުތަކާ ވާހަކަ ދައްކައިގެން އެކަންވެސް ކުރިއަށް ގެންދެވޭނެ،" ރިޒްވީ ވިދާޅުވިއެވެ.

މާފަރު އެއާޕޯޓަށް ޕްރައިވެޓް ޖެޓިތަކާއި އިންޓަނޭޝަނަލް ޗާޓާޑު ފްލައިޓުތައް ޖެއްސުމަށް މަޝްވަރާކުރެވުނު ނަމަވެސް ޝެޑިއުލް ދަތުރުތައް ފެށުމަށް އެއްވެސް އެއާލައިނަކާއެކު އަދި މަޝްވަރާ ނުކުރެވޭ ކަމަށް ރިޒްވީ ވިދާޅުވިއެވެ.

މީގެ އިތުރުން ކުރިއަށް އޮތްތަނުގައި މާފަރު އެއާޕޯޓުގައި ޕައިލެޓް ޓްރެއިނިން ފެސިލިޓީއަކާއި އެމްއާރުއޯއެއް ގާއިމުކުރުމުގެ ވިސްނުން އެބަހުރިކަމަށްވެސް ރިޒްވީ ވިދާޅުވިއެވެ.

ރިޒްވީ ވިދާޅުވީ މޯލްޑިވިއަންއިން މިހާރު ޗައިނާއަށް ކުރާ ދަތުރުތައް މާފަރު އެއާޕޯޓަށް ޑައިވާޓުކުރުމުގެ ވިސްނުންވެސް އެބަހުރި ކަމަށެވެ.

މާފަރު އެއާޕޯޓަށް މިިއަދު ކޮމާޝަލް ދަތުރުތައް ފަށާފައިވާއިރު ދުވާލަކު ތިން ދަތުރު ކުރާނެއެވެ. އަދި މިމަހުގެ 15 އިން ފެށިގެން މި އެއާޕޯޓަށް މޯލްޑިވިއަން އިން ހަ ދަތުރު ކުރާނެއެވެ.

މާފަރު އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

މާފަރު އެއާޕޯޓު އޮންނަ ސަރަހައްދަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް ހިންގާ ސަރަހައްދެކެވެ.

comment ކޮމެންޓް