މާފަރު ބައިނަލްއަގުވާމީ އެއާޕޯޓް ހުޅުވައި ދަތުރުތައް ފަށައިފި

މާފަރު ބައިނަލްއަގުވާމީ އެއާޕޯޓަށް ފްލައިޓް ޖައްސާފައި. -- ސަން ފޮޓޯ/ ފަރީހާ

(ނ.މާފަރު): ނ. މާފަރުގައި ތަރައްގީކުރި އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވައިފިއެވެ.

މިކަމަށްޓަކާ މިއަދު ބޭއްވި ރަސްމިއްޔާތުގައި އެއާޕޯޓު ރަސްމީކޮށް ހުޅުވައިދެއްވީ، ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް އެވެ.

މާފަރު އެއާޕޯޓު ހިންގުން ހަވާލުކޮށްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުންނެވެ.

މާފަރު އެއާޕޯޓު ތަރައްގީކޮށްފައިވަނީ އަބޫދާބީ ފަންޑުގެ އެހީގައެވެ. މި އެއާޕޯޓަކީ އެއާބަސް އޭ320 އަދި ބޮއިންގް 737ޖެއްސޭ ފެންވަރަށް ތަރައްގީކޮށްފައިވާ އެއާޕޯޓެކެވެ.

ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ކެމްޕެއިނުގައި މަނަދޫ ދާއިރާ އަށް ވާދަކުރެއްވި އެމްޑީޕީ ކެންޑިޑޭޓުގެ ކެމްޕެއިނުގައި ވާހަކަ ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ މާފަރު އެއާޕޯޓަކީ އޭ380 ޖެއްސޭ ފެންވަރުގެ އެއާޕޯޓަކަށް ހަދަން އެ އެއާޕޯޓު ތަރައްގީކުރި ކުންފުނިން ބޭނުންވާ ކަމަށެވެ.

"މިއަދު އެ އެއާޕޯޓު ތަރައްގީކުރާ ފަރާތުން ބޭނުންވަނީ މިހާރަށްވުރެ އެއާޕޯޓު ބޮޑުކުރަން. އެނގިވަޑައިގަންނަވާނެ މިހާރު އެއާޕޯޓުގެ ދިގުމިނަކީ 2،200 މީޓަރު. އަދި އެބަ ބޭނުންވޭ އެބޭފުޅުން 1،000 އިތުރުކޮށް އެތަނަށް އޭ380، ދުނިޔޭގައި އޮތް އެންމެ ބޮޑެތި މަތިންދާ ބޯޓުފަހަރު ޖެއްސޭވަރުގެ އެއާޕޯޓަކަށް އެތަން ބަދަލުކުރަން. އަޅުގަނޑުމެން މިތިބީ އެކަން ކުރަން ތައްޔާރަށް،" ރައީސް ސޯލިހު ވިދާޅުވި އެވެ.

އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން މާފަރު ކައުންސިލްގެ ރައީސް އަބްދުލް މާޖިދު އަލީ މީގެ ކުރިން ސަން އަށް ވިދާޅުވީ އެއާޕޯޓުގެ ރަންވޭ ބޮޑުކުރުމަށް ހަދަންޖެހޭ އީއައިއޭ ހަދާ ނިމިފައިވާ ކަމަށެވެ. އަދި އެއާޕޯޓު ބޮޑުކުރުމަށް 40 ވަރަކަށް ގެ ނަގަން ޖެހޭ ކަމަށްވެސް ކައުންސިލްގެ ރައީސް މިދިޔަ ޖުލައި މަހު ވިދާޅުވިއެވެ.

މިއަދުން ފެށިގެން މާފަރު އެއާޕޯޓަށް މޯލްޑިވިއަން އިން ދަތުރުތައް ކުރާނެއެވެ. މާފަރު ދަތުރު އެއްކޮޅު ޓިކެޓުގެ އަގަކީ 750 ރުފިޔާ އެވެ.

މާފަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސީ ރައީސް ޔާމީންގެ ސަރުކާރުގައި، މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބާ ދިމާކޮށެވެ. ނަމަވެސް ފުރިހަމަ ކުރަންޖެހޭ ބައެއް ކަންތައް ފުރިހަމަ ނުވެ ހުރުމުގެ ސަބަބުން އެ އެއާޕޯޓު ހުޅުވުން އެކިފަހަރު މަތިން ފަސް ކުރީއެވެ.

މާފަރު ގައި އިންޓަނޭޝަނަލް އެއާޕޯޓެއް ތަރައްގީކުރި އިރު އެ ސަރަހައްދަކީ މަތީ ފަންތީގެ ގިނަ ރިސޯޓުތަކެއް އޮޕަރޭޓުކުރާ ސަރަހައްދެކެވެ.

comment ކޮމެންޓް