ސައުތު އޭޝިއަން ގޭމްސް: ސެމީގައި އިންޑިއާ އަންހެން ވޮލީޓީމަށް ރާއްޖެ ކައިރިން ފަސޭހަ މޮޅެއް

ސައުތް އޭޝިއަން ގޭމްސްގައި މިއަދު ރާއްޖެއާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

(ކަތުމަންޑޫ، ނޭޕާލް): ނޭޕާލުގައި މިހާރު ކުރިއަށްދާ ސަރަހައްދީ އެންމެ ބޮޑު ގޭމްސް ކަމަށްވާ ސައުތް އޭޝިއަން ގޭމްސްގެ އަންހެން ވޮލީ ސެމީ ފައިނަލުގައި މިއަދު ރާއްޖެ ތިން ސެޓުން ބަލިކޮށް އަވައްޓެރި އިންޑިއާއިން ފައިނަލަށް ދަތުރު ކޮށްފިއެވެ.

ނޭޕާލުގެ ތުރީޕުރޭޝްވޯރު ހޯލުގައި މިއަދު ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި އިންޑިއާއިން ފަސޭހަކަމާއެކު ރާއްޖޭގެ އަންހެން ވޮލީ ޓީމުގެ މައްޗަށް ކުރި ހޯދީ 25-14، 25-6 އަދި 25-17 އިން ސެޓުތައް ކާމިޔާބު ކޮށްގެންނެވެ. މި މޮޅާއެކު އިންޑިއާ ފައިނަލަށް ގޮސްފައިވާ އިރު ފައިނަލުގެ ދެން އޮތް ޖާގަ ޔަގީންވާނީ ނޭޕާލާއި ސްރީލަންކާ ކުޅޭ ސެމީފައިނަލް މެޗަށް ފަހުއެވެ.

ސައުތު އޭޝިއަން ގޭމްސްގައި މިއަދު ރާއްޖެއާއި އިންޑިއާ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ// އެމްއޯސީ

މިއަދުގެ މެޗުގައި އިންޑިއާ ޓީމުން އެ ޓީމު ކުޅުންތެރިންގެ އިސްކޮޅުގެ ފައިދާ ނަގައި ގިނަ ޕޮއިންޓްތައް ހޯދި އިރު ރާއްޖޭގެ ޓީމުގެ ފަރާތުން ފެނުނީ އާދައިގެ ކުޅުމެކެވެ.

ފުރަތަމަ ސެޓު ފެށިގެން ރާއްޖެއިން ވާދަވެރި ކުޅުމެއް ކުޅެމުން ދިޔަ ނަމަވެސް ފުރަތަމަ ޓައިމްއައުޓަށްފަހު އިންޑިއާއިން ވަނީ ލީޑު ފުޅާކޮށް ސެޓު 14-25 އިން ގެންގޮސްފައެވެ. އެ ސެޓުން ލިބުނު ހިތްވަރާއެކު ދެވަނަ ސެޓު ފެށިގޮތަށް އިންޑިއާއިން ބޮޑު ލީޑެއް ނެގިއެވެ. އެ ސެޓު އިންޑިއާ ކާމިޔާބު ކުރީ 6-25 ގެ ބޮޑު ތަފާތަކުންނެވެ. ނަމަވެސް ފަހު ސެޓުގައި ރާއްޖެއިން ކުޅުން ރަނގަޅުކޮށް 17-25 އަށް ފަރަގު ކުޑަކުރިއެވެ.

މިފަހަރުގެ ގޭމްސްގެ ސެމީއަށް ރާއްޖެ ދަތުރު ކުރީ ގްރޫޕް ސްޓޭޖުގައި ކުޅުނު އެއް މެޗާއެކުއެވެ. ގްރޫޕް ސްޓޭޖުގައި ސްރީލަންކާ އަތުން ބަލިވި ނަމަވެސް ފުރަތަމަ މެޗުގައި ކުޅެން އޮތް ޕާކިސްތާން ފަހު ވަގުތު ނުކުޅެން ނިންމުމުން އޮޓަމެޓިކް ސެމީގެ ޖާގައެއް ރާއްޖެއަށް ލިބުނީއެވެ.

މި ފަހަރުގެ ގޭމްސް މާދަމާ ރަސްމީކޮށް ފަށަން ހަމަޖެހިފައި އޮތް ނަމަވެސް ވޮލީ އިވެންޓުތައް މި މަހުގެ 27 ވަނަ ދުވަހު ވަނީ ފަށައިފައެވެ. އެއީ މިފަހަރުގެ ބާސްކެޓް އަދި ވޮލީ އެއް ކޯޓެއްގައި ކުޅޭތީ ބާސްކެޓް އިވެންޓް ފަށަންވާއިރަށް ނިންމާލުމުގެ ބޭނުމުގައެވެ. ރާއްޖޭން 2016 ވަނަ އަހަރު އިންޑިއާގެ ގުވަހާޓީގައި ބޭއްވި ސައުތު އޭޝިއަން ގޭމްސްގައި ޕާކިސްތާން ބަލިކޮށް ސެމީން ފުރުސަތު ހޯދި ނަމަވެސް ސެމީގައި ލަންކާއާ ބައްދަލުކޮށް ބަލިވީއެވެ.

މިފަހަރުގެ މުބާރާތަށް ޓީމު ވަނީ ރަނގަޅަށް ތައްޔާރުވެފައެވެ. ދާދި ފަހުން ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯނުގައި ރާއްޖޭގެ އަންހެން ވޮލީ ޓީމުން ވަނީ ރިހި މެޑަލް ހޯދައިފައެވެ. ފައިނަލުގައި ނޭޕާލް އަތުން ރާއްޖެ ބަލިވީ ތިން ސެޓުންނެވެ.

comment ކޮމެންޓް