އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލް އަންނަ މަހު ހުޅުވަނީ

އައްޑޫގައި ކޮންވެންޝަން ސެންޓަރުގައި ހަދާ އިކުއަޓޯރިއަލް ހޮސްޕިޓަލް: މިއީ 100 އެނދުގެ ޓާޝަރީ ހޮސްޕިޓަލެއް -- ސަން ފޮޓޯ

އައްޑޫ ސިޓީގެ އިކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު އިމާރާތުގައި ތަރައްގީކުރި އާ ހޮސްޕިޓަލް އަންނަ މަހުގެ ފަހުކޮޅު ހުޅުވަން މަސައްކަތްކުރަމުންދާ ކަމަށް ހެލްތު މިނިސްޓްރީން ބުނެފިއެވެ.

ހެލްތު މިނިސްޓްރީގެ އޮފިޝަލަކު "ސަން"އަށް ވިދާޅުވި ގޮތުގައި، އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލުގެ ނަމުގައި ހުޅުވާ އެ ހޮސްޕިޓަލުގެ 99 ޕަސަންޓު މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މިހާރު ކުރަމުންދާ މަސައްކަތަކީ މެޝިންތައް އެސެސްކޮށް އެ މެޝިންތަކަށް މީހުން އަހުލުވެރިކުރުން ކަމަށް ވިދާޅުވިއެވެ.

އައްޑޫގެ އާ ހޮސްޕިޓަލަކީ 100 އެނދުގެ ހޮސްޕިޓަލެކެވެ. އެ ހޮސްޕިޓަލް ހުޅުވުމުން ޓާޝިއަރީ ހޮސްޕިޓަލަކުން ލިބޭ ހުރިހާ ހިދުމަތެއް ލިބިގެންދާނެކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ. އޭގެ ތެރޭގައި ސާޖަރީއާއި އިންޓާނަލް މެޑިސިންވެސް ހިމެނެއެވެ.

އާ ހޮސްޕިޓަލްގެ އިމާރާތުގެ މަސައްކަތް ނިންމައި، އެ މަޝްރޫއުގެ ކޮންޓްރެކްޓަރު އެލިއާ ކޮންސްޓްރަކްޝަނުން ހޮސްޕިޓަލް ސަރުކާރާ ހަވާލުކުރީ މިދިޔަ ސެޕްޓެމްބަރު މަހުއެވެ. އެ މަސައްކަތް އެލިއާއާހަވާލުކުރީ 2016 ވަަނ އަހަރުގެ ނޮވެމްބަރު މަހުއެވެ.

އާ ހޮސްޕިޓަލްއަށް ބޭނުންވާ އެމްއާއުއައި މެޝިން މިދޔަ ޖޫން މަހު ވަނީ އެ ހޮސްޕިޓަލަށް ގެންގޮސްފައެވެ.

comment ކޮމެންޓް