ރަތަފަންދޫ މާރާމާރީ: ހަތަރު މީހަކު ބަންދަށް، ހަތަރު މީހަކު ދޫކޮށްލައިފި

ގދ. ރަތަފަންދޫ --- ފޮޓޯ/ ރަތަފަންދޫ ސްޕޯޓްސް ކުލަބް

މި މަހުގެ 24 ވަނަ ދުވަހާއި 25 ވަނަ ދުވަހު ގދ. ރަތަފަންދޫގައި ހިންގި ދެ މާރާމާރީއަކާ ގުޅިގެން ހައްޔަރު ކުރި އަށް މީހުންގެ ތެރެއިން ހަތަރު މީހަކު ޝަރުތުތަކަކާއެކު ދޫކޮށްލައިފިއެވެ.

ސައްވީސް ވަނަ ދުވަހު ހިންގީ ގްރޫޕް މާރާމާރީގައި ހަތަރު މީހަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ފަރުވާ ހޯދާފައިވާ އިރު، 25 ވަނަ ދުވަހު ދެމީހެއްގެ ދެމެދުގައި ހިންގި މާރާމާރީގައި އެކަކަށް އެކި ވަރުގެ އަނިޔާ ލިބިގެން ވަނީ ފަރުވާ ހޯދައިފައެވެ.

މި ދެ މައްސަލައާ ގުޅިގެން ނޮވެމްބަރު 25 ވަނަ ދުވަހުގެރޭ ދަންވަރުގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން އަށް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އެއީ 20 އަހަރުގެ ދެމީހުންނާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ.

ދެ މައްސަލައިގައި ހައްޔަރުކޮށްފައި ވަނީ މުޅިން ވެސް ދިވެހިންނެވެ.

ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމަން ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހަކު ޝަރުތުތަކާއެކު ވަނީ ދޫކޮށްލައިފައެވެ.

އަދި މައްސަލައިގައި ހައްޔަރު ކުރި 20 އަހަރުގެ އެކަކާއި، 24 އަހަރުގެ މީހާގެ ބަންދަށް ވަނީ ފަސް ދުވަސް ޖަހައިފައެވެ. ތޭވީސް އަހަރުގެ މީހާއަށް ހަ ދުވަސް ޖެހި އިރު 20 އަހަރުގެ އަނެއް މީހާއަށް ޖަހައިފައި ވަނީ ފަސް ދުވަހެވެ.

ފުލުހުން ބުނީ މި ދެ މާރާމާރީ އަކީ ގުޅުންހުރި ދެ މާރާމާރީކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

comment ކޮމެންޓް