މަރުގެ ހުކުމް އިއްވީ ގުރޫޕުން ކުރި ވައްކަމުގެ ޒިންމާ ނުނެގުމުން!

މެރުމަށް ހުކުމްކޮށް، ހަމަލާދީ ޒަހަމްކޮށްލި ހައްމާދު އިސްމާއީލް ދޯނީގައި.

މިދިޔަ ހުކުރުު ދުވަހުގެރޭ ދަންވަރު ލަނޑާ ނަގާ ދޯންޏެއްގައި ހިނގި ހަމަނުޖެހުމެއްގައި ރ. މަޑުއްވަރީ، އިސްމާއިލް ހައްމާދު، 26 އަށް ވަޅިން ހަމަލާދީ ކަނޑަށް އެއްލައިލުން އެއީ އާދައިގެ ކަމެއް ނޫނެވެ. ދީނީ ގޮތުން ހައްދު ފަހަނަ އެޅި ބައެއްގެ މެދުގައި ހިނގި މި ހަމަނުޖެހުން މި ދަރަޖައަަށް ދިޔައީ ކީއްވެ ތޯ އެންމެން ސުވާލުކުރި އެވެ.

ހަމައެކަނި ތިލަވެފައި އޮތް މައުލޫމާތަކީ، ހައްމާދު ޒަހަމްކޮށް ކަނޑަށް އެއްލައިލީ ދޯނީގެ އެހެން މީހުންނާ ކަމަކަށް ބައިއަތު ނުހިފުމުން މަރުގެ ހުކުމް އިއްވައި އޭނާ މަރާލުމަށް ކަމެވެ. އެ ހާދިސާއަކީ އާދައިގެ ހާދިސާއަކަށް ނުވީ އެހެންވެ އެވެ. އޭގެ އަޑީގައި ހަރުކަށި ފިކުރުގެ ބޮޑު ނުރައްކަލެއް ފޮރުވިފައި އޮތީ އެވެ.

މި ހަމަލާގައި ޒަހަމްވި ހައްމާދުގެ ފުށުން ހަމައެކަނި އެނގިފައި އޮތް މައުލޫމާތަކީ، އޭނާ ގަތުލު ކުރަން އުޅުނީ "ބައިއަތު" ނުހިފުމުން ކަމެވެ. އެކަމަކު، ބައިއަތު ނުހިފީ ކޮން ކަމަކަށްކަން އަދި އޮތީ ސާފުނުވެ އެވެ. ނަމަވެސް އެކަމާ ބެހޭ ބައެއް މައުލޫމާތު "ސަން" އަށް ވަނީ ލިބިފަ އެވެ.

ވައްކަން ކުރުމަށް ބޭނުން ކުރި ދޯންޏާއި ޑީންގީ ---

އެނގިފައިވާ ގޮތުން ދޯނީގައި ހިނގި ހަމަ ނުޖެހުމަކީ، ވައްކަމެއްގެ ޒިންމާ ހައްމާދު ނުނެގުމުން ހިނގާ ދިޔަ ހަމަ ނުޖެހުމެކެވެ. ހުއިފިލަނޑާ ނެގުމުގެ މަސްވެރިކަން ކުރުމުގެ ނަމުގައި އުޅޭ އެ ދޯންޏަކީ އާންމުކޮށް ރިސޯޓުތަކުންނާއި ރަށްރަށުން ވައްކަން ކުރަން އުޅޭ ބައެއް ކަމަށް އެނގިފައިވެ އެވެ. ދީނީ ގޮތުން ހަރުކަށި ފިކުރު ގެންގުޅޭ އެ މީހުން އެކަން ކުރަނީ، އެހެން މީހުންގެ މުދަލަކީ "ޣަނީމާ މުދާ" ކަމަކަށް ދެކިގެން އެވެ. އަދި އެ މީހުން އެކަން ކުރާކަމަށް މަޑުއްވަރީގައިވެސް އެ ވާހަކަ ވަރަށް ބޮޑަށް ދެކެވެ އެވެ.

ހައްމާދަށް އެ ހަމަލާ ދިނުމުގެ ތިން ދުވަސް ކުރިންވެސް އެ ދޯނި މީހުން ވަނީ ރިސޯޓެއްގެ ފަޅުގައި އޮތް ޑިންގީއެއް ވަގަށް ނަގަން މަސައްކަތް ކޮށްފަ އެވެ. ކޮން ރިސޯޓެއް ކަމެއް ސާފެއް ނުވި ނަމަވެސް، ހައްމާދާއި އޭނާއަށް ހަމަލާދިން ކަމަށް ބުނާ، އެ ގުރޫޕުގައި ހިމެނޭ އިސްމާއިލް އާސިފްއާ ދެމެދު އުފެދުނު ނުތަނަވަސް ކަމަކީ، އެ ވައްކަން ކުރަން އުޅެނިކޮށް އާސިފް ފަޅާއަރައި އޭނާގެ ގައިގައި ބަޔަކު ތަޅައިގަތް މައްސަލަ އެވެ. އެ މައްސަލަ ފުލުހަށް ވެސް އޮތީ ރިޕޯޓްކޮށްފަ އެވެ. އަދި ދޯނީގައި ދެން ތިބި މީހުން އެދުނީ، ދީނަށްޓަކައި ކުރި ކަމަކަށް ވުމުން އެ މީހުންގެ އިސް މީހަކަށް އުޅޭ ހައްމާދު އެކަމުގެ ޒިންމާ ނެގުމެވެ.

އެކަމަށް ބާރުލިބިދޭ ބައެއް ފޮޓޯއާއި ވީޑިއޯ "ސަން" އަށް ވަނީ ލިބިފަ އެވެ. ލިބިފައިވާ ވީޑިއޯއިން ފެންނަނީ އޭނާ ވަގަށް ނެގި ކަމަށް ބެލެވޭ، ޑިންގީގެ ތެރޭގައި ހުއްޓާ ނާސިފް އަތުލައިގަނެ، ބާއްވާފައި އޮއްވަ އެވެ. އަދި އެ ޑިންގީގައި ފުލުހުންވެސް ހަރަކާތްތެރިވާ ތަން ފެނެ އެވެ. ޑިންގީއާ ދިމާލު ޖެޓީއެއް މަތީގައި ތިބެ ބަޔަކު ވާހަކަދައްކާ އަޑުވެސް އިވެ އެވެ.

"ތުނބުޅި ބަހައްޓައިގެން ކަލޭމެން ކުރާ ކަންތައްތައް ބަލާބަލަ. ހެޔޮވާނީ ކިހިނެއް މިހިރަ ބޮޑެތި ފިރިހެނުން." ޖެޓީ މަތީގައި ހުރި މީހާ ބުނާ އަޑުއިވެ އެވެ.

އެވަގުތު އާސިފް ޑިންގީއަށް އަރާ ތިބި ފުލުހުންނާ މުހަތަބުކޮށް އެ ޑިންގީ ވަގަށް ނެގުމަކީ އޭނާ ނުކުރާ ކަމެއްކަން ދެއްކުމަށާއި ބަޔަކު މީހުން އޭނާއަށް ހަމަލާދިންކަން ދެއްކުމަށް ބައެއް ވާހަކަތައް ދައްކަ އެވެ.

ހަމަލާ ދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އާސިފް ---

"މިހިރީ އަހަރެންގެ ގައިގައި އެމީހުން ތަޅާފައި. އަހަރެންގެ ބައްތިވެސް ވީ އެމީހުންގެ އަތުގައި." އާސިފް ފުލުސް މީހާއާ މުހާތަބުކޮށް ބުނެ އެވެ.

ހައްމާދަށް ހަމަލާދިން މައްސަލައިގައި މިހާރު ހައްޔަރުކޮށްފައި ހުރި އާސިފް، އޭގެ ދެތިން ދުވަހެއް ކުރިން ފުލުހުން ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގައިކަން ސާފުވެ އެވެ. އެކަމާ ބެހޭ މައުލޫމާތު ހޯދަން ފުލުހުންނަށް ގުޅާލުމުން އެކަން ވަނީ ސާފުވާގޮތް ނުވެފަ އެވެ.

ވައްކަމުގެ ޒިންމާ ނަގަން ހުށަހެޅި

އެ ވައްކަމަށް ފަހު އަނެއްކާވެސް އެ ދޯނި ލަނޑާ ނެގުމުގެ ނަމުގައި ދަތުރަށް ފަށާފައިވަނީ ހުކުރު ވިލޭރޭ އެވެ. އެނގިފައިވާ ގޮތުން ދޯނި ދަތުރަށް ފެށުމަށް ފަހު ދޯނީގެ މީހުން ހައްމާދަށް ހުށަހެޅުމެއް ހުށަހެޅި އެވެ. އެ ހުށަހެޅުމަކީ އޭގެ ތިން ދުވަހެއް ކުރިން ޑިންގީއެއް ވަގަށް ނަގައިގެން އެމައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައިވާތީ އެ ވައްކަމުގެ ޒިންމާ ހައްމާދު ނެގުމެވެ. އަދި ދޯނި މީހުން އެކަމުން ސަލާމަތް ކުރުމެވެ.

ހަމަލާދީ ޒަހަމްކޮށްލި ހައްމާދު އިސްމާއީލް އިތުރު ފަރުވާއަށް މާލެ ގެންނަނީ: އޭނާގެ ފުރާނަ ސަލާމަތްވީ ހަމަ ކިރޔާ-----

އެކަމަށް ހައްމާދު ދެކޮޅު ހެދުމުން "މިއީ ދީނުގެ މަގުގައި ކުރާ ކަމެކޭ އެހެންވީމާ ޖެހޭނީ ކުރާށޭ" ދޯނި މީހުން ބުނި ކަމަށްވެ އެވެ. އަދި އެކަމަށް އެއްބަސް ނުވުމުން ވަޅިން ހަމަލާދީ ކަރު ބުރިކޮށްލަން އެމީހުން މަސައްކަތް ކުރީ ކަމަށް ވެއެވެ. ހައްމާދަށް ދިން ހަމަލާގައި އޭނާގެ ބޮލުގެ ފުއްކިބައާއި ކަރަށް ތޫނު އެއްޗަކުން ބޮޑެތި ޒަހަމްތަކެއް ލިބިފައިވެ އެވެ. ދޯނި މީހުން އޭނާ ކަނޑަށް އެއްލާލުމުން ފަތާފައި އއ މާޅޮހަަށް އެރީ ދަންވަރުގެ ވަގުތެއްގަ އެވެ. އެ ދޯނީގެ އިތުރު ދެމީހަކު އޭނާ ހޯދަން އެރަށަށްވެސް ގޮސް އުޅުނުކަން އެރަށު މީހުންގެ ވާހަކަތަކުން އެނގެ އެވެ.

މީގެކުރިންވެސް ބައެއް ވައްކުމުގެ މައްސަލަތަކުގައި ހައްމާދު ފުލުހުން ހައްޔަރުކޮށްފައިވެ އެވެ. އޭގެތެރޭހައި ނައިފަރުގެ ތިޖޫރީއެއް ވަގަށް ނެގި މައްސަލައެއް ހިމެނެ އެވެ. ނަމަވެސް މިފަހަރު އެ ވައްކަމުގެ ޒިންމާ ހައްމާދު ނުނެގި ސަބަބެއް ސާފެއް ނުވެ އެވެ.

ލަނޑާ ނެގުމުގެ ނަމުގައި ވައްކަން

ދީނީގޮތުން ހައްދު ފަހަނައަޅާފައިވާ އެމީހުން ގަބޫލުކުރަނީ، ކާފަރުންގެ މުދާ ހަލާލުވާނެ ކަމަށެވެ. އެހެންވެ އެމީހުންގެ މުދާ ވަގަށް ނެގުމަކީ ވައްކަމަކަށް ނުވާނެ ކަމަށް އެ މީހުން ދެކެ އެވެ. މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓުގައިވެސް އެކަން ފާހަގަކޮށްފައިވެ އެވެ. ސީރީއާއަށް ހަނގުރާމައަށް ދިއުމަށް މީގެ ކުރިން މާލޭގައިވެސް ބޮޑެތި ވައްކަންތަކެއް ކޮށްފައި ހުރިކަން އެ ކޮމިޝަނުން ފާހަގަކޮށްފައިވެ އެވެ.

މިފަހަރު ހަމަލާދީ ހާދިސާ ހިނގައިގެން އުޅޭ ދޯންޏަކީވެސް ވައްކަން ކުރުމުގައި ހަރަކާތްތެރިވާ ދޯންޏެއް ކަމަށް މަޑުއްވަރީ މީހުންވެސް ބުނެ އެވެ. އެމީހުން އާންމުކޮށް ވައްކަން ކުރަނީ ރިސޯޓުތަކަށް ދަންވަރު ގަޑީ އަރައި ރިސޯޓުތަކުން ކަމަށް އެރަށުން 'ސަން' އާ ވާހަކަދެއްކި މީހަކު ބުންޏެވެ. މިދިއަ ސެޕްޓެމްބަރު މަހުގެ ތެރޭގައި މަޑުއްވަރީ ގެއެއްގައި ވަގަށް ނަގާފައިވާ އޭސީތަކެއް ހަރުކޮށްފައި ހުއްޓައި ފުލުހުން ވަނީ އެތަކެތި ނަގައި ވަގަށް ނެގި ކަމަށް ތުހުމަތުކުރެވޭ ބަޔަކު ހައްޔަރުކޮށްފަ އެވެ. އެއީވެސް އެ ދޯނީގެ މީހުންނާއި ބައިއަތު ހިފައިގެން އުޅޭ ބަޔަކު ކުރި ކަމެއް ކަމަށް މައުލޫމާތު ލިބެ އެވެ.

ވަގަށް ނެގި އޭސީތަކެއް މަޑުއްވަރީ ގެއެއްގައި ހަރުކޮށްފައި -- ފޮޓޯ/ ޕޮލިސް

"އެގޭ މީހުންނަކަށްވެސް ނޭންގޭ އަސްލު ވަގަށް ނަގައިގެން ވިއްކި އޭސީތަކެއް އެއީ. އަގުހެޔޮކޮށް އޭސީތަކެއް ވިއްކާތީ ގަތީ." މަޑުއްވަރީއިން ވާހަކަދެއްކި މީހަކު ބުންޏެވެ.

ދީނީ ގޮތުން ހަރުކަށި ފިކުރުގެ ނަމުގައި ވައްކަމާއި މާރާމާރީ، އަދި މީހުންގެ މެރުން ފަދަ ބޮޑެތި ކުށްތަކެއް ކުރަމުންދާއިރު އެ ދޯނީގައި ހަމަލާދިން މައްސަލާގައިވެސް ފުލުހުން ހައްޔަރުކުރީ ހަމަލާދިން ކަމަށް ބުނާ އާސިފް އެކަންޏެވެ. އެއީ ފުލުހުންގެ ތަހުގީގަށް އާސިފް އެކަން ކުރި ކަމަށް އިއުތިރާފްވެފައި ވާތީ އެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އިއްޔެ މަޖިލީހުގައި ވިދާޅުވީ ފުލުހުންގެ ތަހުގީގަށް މިހާތަނަށް ހޯދި މައުލޫމާތުން އެނގުނީ "ދޯނީގައި އުޅުނު ގިނަ މީހުން ތިބީ ނިދާފައި" ކަމަށެވެ. އަދި ހަމަލާ ދިނުމުގައި ބައިވެރިވީ އެންމެ މީހެކެވެ. އަދި ދޯނި ފުލުުހުންގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ސަބަބެއްވެސް ނުފެންނާތީ އެކަން ނުކުރާ ކަމަށް އިމްރާން ވިދާޅުވި އެވެ.

އެހެން ނަމަވެސް، މައުލޫމާތުތަކުން ޔަގީން ކުރެވޭ ކަމަކީ އެ ދޯންޏަކީ ލަނޑާ ނެގުމުގެ ނަމުގައި، ހަރުކަށި ފިކުރުގެ ގުރޫޕަކުން ވައްކަން ކުރުމަށް ގެންގުޅޭ ދޯންޏެއް ކަމެވެ. އަދި އެ ވައްކަންތަކުން އެ މީހުންނަށް ލިބޭ ފައިސާ ވަކި ފަންޑަކަށް ޖަމާކޮށް "ޖިހާދަށް" ދިޔުމަށް ހަރަދުކުރާކަމެވެ. މި ހާދިސާއިން ފެންމަތިކުރުވީ ހައްދު ފަހަނައެޅި ފިކުރުގެ ސެލްތައް ހަރަކާތްތެރިވާ ނުރައްކާތެރި ދަރަޖަ އެވެ. އެ ވިހަ މުޖުތަމައަށް ފޭދި ބިރު ފެތުރުފައި އޮތީ އާދައިގެ ދަރަޖައަކަށް ނޫނެވެ.

comment ކޮމެންޓް