ރާއްޖޭގައި މިވަގުތު އެންމެ ގިނަ ބަޔަކު ކުޅޭ އެއް ކުޅިވަރު ކަމަށްވާ ފުޓްސަލް ބައިނަލް އަގުވާމީ ފެންވަރުގައި ކުޅުމަށާއި ތަމްރީން ހޯދުމަށް އިންޑޯ އެރީނާއެއް އެޅުމުގެ މަސައްކަތް ކުރުމަށް ޔޫތު މިނިސްޓްރީއާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެ އެވެ.
ފުޓުބޯޅައިން ހޯދަމުން އަންނަ ކުރިއެރުންތަކާ އެކު ގިނަ ބައެއްގެ ލޯބި ބޯޅައަށް އޮތް އިރު މިވަގުތު މުޅި ރާއްޖޭގައި އެންމެ ގިނަ ބައެއްގެ މެދުގައި މަގްބޫލުކަން އުފެދި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ކުޅިވަރަކީ ފުޓްސަލް އެވެ. އާބާދީ އެންމެ ކުޑަ ރަށުން ފެށިގެން އެންމެ ބޮޑު ރަށާ ހަމައަށް ބަލާލައި އިރު ވެސް އަބަދުމެ ކޮންމެވެސް ފުޓްސަލް މުބާރާތެއް ކުރިއަށް ނުދާ އިރެއް މަދުވާނެ އެވެ. ނަމަވެސް މި ކުޅިވަރަކީ ރާއްޖޭގައި ރަސްމީ މާ ބޮޑު ހައިސިއްޔަތެއް މިއަދާ ހަމައަށް ވެސް ލިބިފައި ނެތް ކުޅިވަރެކެވެ.
ފުޓުބޯޅަ ދިރާސާ ކުރާ ފަރާތްތަކުން ބުނާ ގޮތުގައި ފުޓުބޯޅައާއި ފުޓްސަލް އަކީ ވަރަށް ތަފާތު ދެ ކަމެކެވެ. އެ ދެ ކުޅިވަރަކީ އެއް ކުރެވޭނެ ވެސް ދޭއްޗެއް ނޫނެވެ. މުޅިން ތަފާތު ގަވާއިދުތަކަކާ އެކު ދެ ކުޅިވަރު ވެސް ކުޅޭ އިރު ރާއްޖޭގައި ވެސް މިކަމުގެ ސަބަބުން ފުޓުބޯޅައަށް ބޮޑު ގެއްލުމެއް ވަނީ ވެފަ އެވެ. އެހެން ކަމުން ފުޓުބޯޅައާއި ފުޓްސަލް ވަކި ކޮށްގެން ނޫނީ ދެ ކުޅިވަރު ވެސް ކުރި އެރުވޭކަށް ނެތެވެ.
ނަމަވެސް ފުޓްސަލްގައި ކުރިއަށްދާން ބަލާ އިރު ރާއްޖޭގައި މާ ބޮޑެތި ފުރުސަތުތަކެއް ނެތެވެ. އެންމެ ބޮޑު ވަރަކަށް ވެސް ކުރެވޭނެ ކަމަކީ ލޯކަލް މުބާރާތްތައް ކުޅުމެވެ. ވަކި ހިސާބަކުން އެކަން ވެސް ލިމިޓް ވަނީ އެވެ. ސަބަބަކީ ރާއްޖޭގައި ފުޓްސަލް ގައުމީ ޓީމެއް ވެސް މިވަގުތު ނެތުމާއި ބައިނަލް އަގުވާމީ މުބާރާތްތަކަށް ތަމްރީންކޮށް އަދި ހޯސްޓް ކުރާނެ ހާއްސަ ތަނެއް ނެތުމެވެ.
އެކަމުގެ ސަބަބުން ފުޓްސަލް ކުޅޭ ކުޅުންތެރިންނާއި ސަޕޯޓަރުންގެ ފާޑުކިޔުމުގެ އަޑު އަބަދު ވެސް ސޯޝަލް މީޑިއާ ތެރޭގައި ދުވަހަކަށް ވުރެން ދުވަހެއް ގަދަ ކުރަމުން އަންނަ އިރު އަނެއްކާ ވެސް އުންމީދީ ވާހަކައެއް މިވަނީ އަޑު އިވިފަ އެވެ.
"އަހަރަމެން މިދަނީ މިނިސްޓަރު އަހްމަދު މަހްލޫފްއާ ގުޅިގެން ފުޓްސަލް އެރީނާއެއް އެޅުމުގެ މަސައްކަތް ކުރުމަށް މަޝްވަރާ ކުރަމުން. އިރާދަކުރެއްވިއްޔާ ވަރަށް ކައިރި މުސްތަގުބަލެއްގައި އެކަން ހަގީގަތަކަށް ވެގެންދާނެ. އޭރަށް ފުޓްސަލް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެ." އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ޓްވިޓާގައި މީހަކު ކުރި ޓްވީޓަކަށް ރިޕްލައިކުރަމުން ވިދާޅުވި އެވެ.
ރާއްޖޭގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރިން ގައުމީ ފުޓްސަލް ޓީމެއް އެކުލަވާލައިފައި އޮތެވެ. ނަމަވެސް ފަހުން އަނެއްކާ ވެސް ޓީމުގެ ޕްރެކްޓިސްތައް ހުއްޓުމަކަށް ވަނީ އައިސްފަ އެވެ.
އެފްއޭއެމުން އަންނަނީ ފުޓުބޯޅައާއި ފުޓްސަލް ވަކިކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މި އަހަރު އެ އިދާރާއިން ވަނީ ފުޓްސަލް ބޮޑު ލީގެއް ވެސް ތައާރަފް ކޮށްފަ އެވެ. އެ ލީގުގައި ވާގޮތުން ބޮޑު ފުޓުބޯޅަ ކުޅޭ ކުޅުންތެރިންނަކަށް ފުޓްސަލް ލީގުގައި ނުކުޅެވޭނެ އެވެ.