އަދާކުރަމުންދިޔަ ވަޒީފާ ދޫކޮށްލުމަށްފަހު މަރިޔަމް އުސާމާ ގޭގައި ހުރެގެން އަމިއްލަ މަސައްކަތެއް ކުރަންފެށީ އަލަތު ދަރިފުޅު ލިބުނު ހިސާބުންނެވެ. އަބަދުވެސް ޝައުގުވެރިކަން ހުންނަ އާޓް އެންޑް ކްރާފަޓުގެ މަސައްކަތް ފަށައިގެން ކުރާތާ މިހާރު އަހަރެއް ވަނީ އެވެ.
ފިރިމީހާ އާއި އާއިލާގެ ބޮޑު އެއްބާރުލުމާއެކު އުސާމާ ކުރާ މަސައްކަތަކީ ފެލްޓު ބޭނުންކޮށްގެން ތަފާތު އެއްޗެހި ހެދުމެވެ. ހާއްސަކޮށް ކުޑަކުދިންނާ ގުޅޭ އެކި ކަހަލަ ސާމާނެވެ.
"މި މަސައްކަތް ކުރާތާ އަހަރެއް ވެއްޖެ. ފުރަތަމަ މި މަސައްކަތް ފެށީ އޮފީހުގައި އުޅެމުން ލިބުނު ހުސްވަގުތުގައި. ދެން މިހާރު ދަރިއަކު ލިބިގެން އޮފީހުން ކެނޑިގެން ގޭގައި ހުންނައިރު ދަރިފުޅުގެ ކަންތައް ކޮށްފައި ލިބޭ ހުސްވަގުތުގައި މި މަސައްކަތް ކުރަނީ،" މިހާރު ދަރުބާރުގޭގައި ކުރިއަށްދާ ފަންނު އެކްސްޕޯގައި ހުރި އުސާމާގެ ސްޓޯލްގައި ހުރި ތަކެތި ދައްކާލަމުން އޭނާ "ސަން"އަށް ބުންޏެވެ.
ފޫހިފިލުވަން ތަފާތުތަކެތި އުފައްދަމުން ގޮސް، "މީނާޒް" ގެ ނަމުގައި އޭނާ ފޭސްބުކާއި އިންސްޓަގްރާމަށް ނުގުތީ އޭނާގެ މަސައްކަތް އާންމުންނަށް މާކެޓް ކުރާށެވެ. ފެލްޓު ބޭނުންކޮށްގެން ބޭބީ މޮބައިލްސް އާއި ފާރުގައި ހަރުކުރާ ތަފާތު ބެނާ، ކުޑަކުދިންގެ ބޮލުގައި އަޅާ ބޭންޑު، އަދި ވޯލް ހޭންގާސް ވެސް އުސާމާ ހަދަ އެވެ. މިފަހަރުގެ އެކްސްޕޯ އަށް ހާއްސަކޮށްގެން އުސާމާ ވަނީ ކީޗެއިންސް އަދި ކަންފަތުލާ މުދިވެސް ހަދައިފަ އެވެ.
"އެންމެ ފުރަތަމަ ފެލްޓުން އެއްޗެއް ހެދީ އާއިލާ ކުއްޖަކު ވިހައިގެން އޭނަ އަށް ހަދިޔާ އަކަށް ދޭން. ފިހާރަތަކުގައި ވިއްކަން ހުންނަ ތަކެތީގެ ބަދަލުގައި އަޅުގަނޑު ބޭނުންވީ އަމިއްލަ އަތުން އެއްޗެއް ހަދާފައި ހަދިޔާ އަށް ދޭން. އެހެންވެ ފެލްޓު ބޭނުންކޮށްގެން އެފަހަރު ހެދީ ބެނާ އެއް،" އުސާމާ ބުންޏެވެ.
އެފަހަރު ހެދި ބެނާގެ ފޮޓޯ ސޯޝަލް މީޑިއާ އަށް ލުމުން ގިނަ ބަޔަކަށް އޭތި ކަމުގޮސްގެން އޯޑަރުތައް ލިބެން ފެށި އެވެ.
"ފިރިމީހާ ބުނެފި ކުރަން ރަނގަޅު މަސައްކަތެއް ނޫންހޭ މިއީ. އެހެންވެ، މަސައްކަތް މިގޮތަށް ފެށުނީ. މިކަމުގައި ފިރިމީހާގެ އެއްބާރުލުމާ ސަޕޯޓު ބޮޑު،" އުސާމާ ބުންޏެވެ.
އާންމުކޮށް ފޭސްބުކާއި އިންސްޓަގްރާމު ޕޭޖަށް ލިބޭ އޯޑަރުތައް ނަގައި، މަދުވެގެން ހަފްތާއެއްގެ ތެރޭ މަސައްކަތް ނިންމާ ކަސްޓަމަރާ ހަވާލުކުރެވޭ ކަމަށް އުސާމާ ބުންޏެވެ.
"ޕްރީ އޯޑަރު ނަގަނީ. ދެން އޯޑަރު ތަރުތީބުން މި އެއްޗެހި ހަދަނީ. އާންމުކޮށް އަޅުގަނޑު ދެން ހަފްތާއެއްގެ ޑިޔުރޭޝަނެއް. އެކަމަކު އޭގެ ކުރިން މަސައްކަތް ނިންމާ ހަވާލުކުރެވޭތޯ ބަލަން. އެއްޗެއްގެ ބޮޑު ކުޑަމިނަށް ބަލާފައި ވަގުތު ނަގާ މިންވަރު ބުނަން،" އުސާމާ ބުންޏެވެ.
މާސްޓާސްއާ ހަމައަށް ކިޔަވައިގެން ހުރި އުސާމާ، ވަޒީފާ ދޫކޮށްލުމަށްފަހު ދަރިފުޅާއެކު ގޭގައި ހުރެގެން ކުރާ މަސައްކަތާމެދު އޭނާ ވަރަށް ހިތްހަމަޖެހެ އެވެ.
"ވަރަށް ގިނަ މީހުން ކުރާ ސުވާލެއް، ކޮންކަހަލަ މަސައްކަތެއް ހޭ މިއީ. ހާއްސަކޮށް ކިޔަވައިގެން ހުރި މީހަކު ގޭގައި ހުުރެގެން މިކަހަލަ މަސައްކަތެއް ކުރާތީ ގިނަ ބަޔަކު އެ ސުވާލު ކުރޭ. އަޅުގަނޑު ވަޒީފާ އަށް ދިޔުން ހުއްޓާލީ ދަރިފުޅަށް ވަގުތު ދޭން. ދެން އާޓް އެންޑް ކްރާފްޓަށް އަބަދުވެސް ވަރަށް ޝައުގުވެރިކަން ހުރޭ. މިއީ ވަރަށް ހިތްހަމަޖެހިގެން ކުރާ މަސައްކަތެއް،" އުސާމާ ބުންޏެވެ.
ވަޒީފާ ދޫކޮށް ދަރިންނަށްޓަކައި ގޭގައި ހުންނަން ޖެހުނަސް އޭނާގެ ފަރުވާލެއް ނެތެވެ. އޭނާގެ ހަޔާތުގައި އެޅި ފިޔަވަޅުން އާ ހުނަރެއް އުފަންވެ އެތައް ބަޔަކަށް މިއަދު އޭގެ ފައިދާ ކުރެ އެވެ. އުސާމާގެ މީނާޒް ވަނީ ހުނަރުން ފުރިގެން އެވެ.