ދަރިފުޅަށް ކާންދިން ޔޯގަޓު ތަށިތައް ހެދުމަކަށް

"ފަންނު އެކްސްޕޯ 2019"ގައި ޔޯގަޓް އިން ހަދާފައިވާ ހެދުން ދައްކާލުމަށް ބަހައްޓާފައި - ސަން ފޮޓޯ/ ފަޔާޒު މޫސާ

ދަރުބާރުގޭގައި ކުރިއަށް ދާ ފަންނު އެކްސްޕޯގެ އެތައް ހުނަރަކުން ލޮލުގައި އަޅައިގަތީ ވަރަށް ތަފާތު ހެދުމެކެވެ. ނަމަވެސް މިއީ އާދައިގެ ހެދުމެއް ނޫނެވެ. މި ހެދުން އެއްކޮށް ފަރުމާކޮށްފައިވަނީ ޔޯގަޓު ތަށީގެ ބައިތަކުންނެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުދީންގެ މޮޅު އުފެއްދުންތައް ދައްކާލުމަށް ތައްޔާރުކޮށްފައިވާ ސްޓޯލުގެ އެއް ފަރާތުގައި އެންމެނަށް ފެންނަގޮތަށް އެ ހެދުން ބަހައްޓާލާފައި ހުއްޓެވެ.

އެ ސަރަހައްދުން ގޮސްފި ނަމަ ހެދުމަށް ބަލައި ތައުރީފުކޮށް ނުލައި އެކަކުވެސްނުދެ އެވެ.

ހާއްސަ އެހީއަށް ބޭނުންވާ 11 އަހަރުގެ ކުޑަކުއްޖެއްގެ މަންމަ ކަމަށްވާ އައިމިނަތު ޒައީމާ، އެ ހެދުން ތައްޔާރުކޮށްފައިވަނީ ގިނަ ދުވަހެއްގެ ބުރަ މަސައްކަތުންނެވެ.

"ސަން" އާ ވާހަކަދައްކަމުން ޒައީމާ ބުނީ އެ ހެދުން ތައްޔާރުކުރުމުގެ މަސައްކަތް އަސްލު ފަށާފައިވަނީ ފަންނު އެކްސްޕޯއަށް ހާއްސަކޮށްގެން ނޫން ކަމަށެވެ.

ޔޯގަޓް ތަށި ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ހެދުން ނިންމުމަށް 500 އަށްވުރެ ގިނަ ތަށި ބޭނުންވި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

"އަސްލު މި ހެދުމުގެ މަސައްކަތް ފެށުނީ އެމްޑަބްލިއުއެސްސީ އިން މިދިޔަ އަހަރު ބޭއްވި ރިސައިކަލް ކުރާ ތަކެތިން އެއްޗެހި އުފައްދާ ތަކެތީގެ މައުރަޒަށްފަހުގައި،" އޭނާ ބުންޏެވެ.

ޒައީމާ ބުނީ އެމްޑަބްލިއުއެސްސީގެ ރިސައިކްސް މުބާރާތް މިއަހަރުވެސް އޮންނާނެ ކަމަށް އުއްމީދުކޮށް އެ މުބާރާތަށް ރެޑީވާން ހެދުން ތައްޔާރުކުރަން ފެށީ ކަމަށެވެ.

އެ ހެދުން ތައްޔާރުކުރުމަށް ބޭނުންކޮށްފައިވާ ޔޯގަޓު ތަށިތަކަކީ އޭނާގެ ދަރިފުޅަށް ކާންދިނުމަށް ބޭނުންކޮށްފައިވާ ޔޯގަޓު ތަށިތައް ކަމަށް ޒައީމާ ބުންޏެވެ.

"އަޅުގަނޑުގެ ދަރިފުޅަކީ ވަރަށް ބަލި ކުއްޖެއް. ޔޯގަޓު ކަހަލަ އެއްޗެހި އެކަނި ކެވެނީ. އެހެންވެ އެ ތަށިތައް އެއްކުރުމަށްފަހު ހެދުމުގެ މަސައްކަތް ފެށީ،" ޒައީމާ ކިޔައިދިނެވެ.

ޒައީމާ ބުނީ ޔޯގަޓް ތަށިތައް ފެނުމުންވެސް އެންމެ ފުރަތަމަވެސް އެ އުކާލުމުގެ ބަދަލުގައި ހެދުމެއް ހަދަން ވިސްނުމަށް އައި ކަމަށެވެ.

އެ ހެދުން ތައްޔާރުކުރުމަށް 500 އަށްވުރެ ގިނަ ޔޯގަޓު ތަށި ބޭނުންކޮށްފައިވާއިރު ހެދުން ފުރިހަމަ ކުރުމަށް ޒައީމާގެ ރަހުމަތްތެރީންގެ އެހީތެރިކަން ވަނީ ލިބިފަ އެވެ.

އެ ހެދުން ފަންނު އެކްސްޕޯއަށް ގެންދިޔައިރަށް ވިކިއްޖެއެވެ. ނަމަވެސް އެއީ ޒައީމާ ހީވެސް ކުރިގޮތެއް ނޫނެވެ.

ފަންނު އެކްސްޕޯގައި ހެދުން ބަހައްޓާފައި ހުރި ސަރަހައްދު ކައިރިއަށް ގިނަ ބަޔަކު އެއްވެފައި --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޒައީމާ ބުނީ އެ ހެދުން ވިކޭނެ ކަމަށް އުއްމީދެއް ނުކުރާ ކަމަށެވެ.

އިތުރު ދެ ތުއްތު ކުދީންގެ މަންމަ ޒައީމާ ދަރިން ބަލަމުން ގޭގައި ކުރަނީ ކްރިއޭޓިވް މަސައްކަތްތަކެވެ. އެގޮތުން އުކާލާ ތަކެތި ބޭނުންކޮށްގެން ތަފާތު އެއްޗެހި ޒައީމާ ހަދައެވެ. އެގޮތުން ދަރިން ބަލައި ލިބޭ ހުސްވަގުތުގައި ޒައީމާ ތަފާތު އެއްޗެހި ހެދުމަށް ވަގުތު ހުސްކުރެއެވެ. އޭގެތެރޭގައި ގޭގައި ބޭނުންކުރާ ބައެއް ކަހަލަ އެއްޗެހި ކަމަށްވާ ފަންސުރު – ގަލަން ފަދަ އެއްޗެހި އަޅާ އެއްޗެހި ހިމެނެ އެވެ.

comment ކޮމެންޓް