ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރު އަޅަން ދިރާސާކުރަން ފަށައިފި

ގާފަރާއި ކާށިދޫއާ ދެމެދު ކޭބަލް ކާރު އަޅަން ދިރާސާކުރަން އައި ދެ މާހިރުން--- ފޮޓޯ: ޑީއަރުޕީ

ކ.ގާފަރާއި އެ އަތޮޅު ކާށިދޫއާ ދެމެދު ކޭބަލް ކާރު އަޅަން ދިރާސާކުރަން ދެ މާހިރަކު ރާއްޖެ ވަޑައިގެންފިއެވެ.

ކާށިދުއާއި ގާފަރާ ދެމެދު ދަތުރުފަތުރުގެ ނިޒާމަކުން ގުޅުވާލުމަށް ކޭބަލް ކާރު އަޅާނެކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ނިމިގެންދިޔަ މަޖިލިސް އިންތިހާބުގެ ކެމްޕޭންތެރޭގައި ވަނީ ވައުދުވެ ވަޑައިގެންފައެވެ.

ޖާބިރުގެ ލީޑަރުކަމުގެ ދަށުން ހިންގަމުންދާ ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ)އިން މިރޭ ކުރި ޓުވީޓެއްގައި ބުނީ ކޭބަލް ކާރުއިން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީގެ އެންމެ ބޮޑު އެއް އިންޖިނިއަރުން ކުންފުނި ކަމުގައިވާ ސިންޓެކްނިއާ އިންޖިނިއަރިންގެ ރައީސް ލޫކާއާއި އެސޯސިއޭޓް އަދި މާކަސް ކާށިދޫއަށާއި ގާފަރަށް މިއަދު ވަޑައިގެންފައިވާ ކަމަށެވެ.

ޖާބިރު މިދޔަ މާޗްމަހު ވިދާޅުވީ އޭނާގެ ތަސައްވަރަކީ އަހަރެއް ތެރޭ ކާށިދޫ ދާއިރާއަށް 100 މިލިއަން ރުފިޔާ އިންވެސްޓުކުރުން ކަމަށެވެ.

މާލެކަރިއީގައި ހުންނަ ބޮޑެތި ބިންތައް ބޭނުންނުކޮށް ބޮޑެތިފަޅުތައް ހިއްކައި ހަދާތީ ޖާބިރު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވެސް ވިދާޅުވެފައެވެ. އަދި އޭގެން ދޭހަވަނީ ކާށިދޫ ފަދަ ރައްތަކަށް ސަރުކާރުން މާބޮޑަށް އަހައްމިއްޔަތުކަން ނުދޭކަން ކަމަށްވެސް ޖާބިރު ވަނީ ވިދާޅުވެފައެވެ.

ކާށިދޫއިން ގިނަ ބިންތަކެއް ޖާބިރު ބައްލަވައިގެންފައި ވާއިރު އެބިންތަކުގައި 10 ބުރީގެ ޖެނެރަލް ހޮސްޕިޓަލެއް ވެސް އެޅުމަށް ނިންމާފައިވާ ކަމަށްވެސް ޖާބިރު ކުރިން ވަނީ ވިދާޅުވެފައެވެ.

ކާށިދޫގައި އެއާޕޯޓެއް އެޅުމަކީވެސް ޖާބިރުގެ ތަސައްވަރުގައި ހިމެނޭ ކަމެކެވެ. ޖާބިރު ވިދާޅުވީ، އޭނާއަށް އެއާޕޯޓު އެޅުމުގެ ހުއްދަ ލިބުމާއެކު 18 މަސް ދުވަސްތެރޭ އެ އެއާޕޯޓު އަޅައި ނިންމައިދޭނެ ކަމަށެވެ.

comment ކޮމެންޓް