އިންޑިއާ ކެއުމަށް ހާއްސަ "ޕީޓާ ޕޭން" ރެސްޓޯރެންޓް ހުޅުވައިފި

އިންޑިއަން ފުުޑަށް ހާއްސަ ޕީޓާ ޕޭން ރެސްޓޯރެންޓް ހުޅުވުން --- ސަން ފޮޓޯ/ އަހުމުދު އަވްޝަން އިލްޔާސް

އިންޑިއަން ފުޑަށް ހާއްސަކޮށް، "ޕީޓާ ޕޭން"ގެ ނަމުގައި މާލޭގައި އާ ރެސްޓޯރެންޓެއް ހުޅުވައިފި އެވެ.

ކަށިމާ ހިނގުމުގައި ހުޅުވި އެ ރެސްޓޯރެންޓު ރަސްމީކޮށް ރޭ ހުޅުއްވައި ދެއްވީ ކޮމިނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓަރު މަލީހު ޖަމާލު އެވެ. އެތަން ހުޅުވުމުގެ ރަސްމިއްޔާތުގައި މަޝްހޫރު ފިލްމީ ތަރި މަރިޔަމް އައްޒަވެސް ބައިވެރިވި އެވެ.

ޕީޓާ ޕޭންގެ އޯނަރު "ސަން" އަށް ވިދާޅުވީ އެ ރެސްޓޯރެންޓު އިންޑިއާގެ ކާތަކެއްޗަށް ހާއްސަވާނެ ކަމަށެވެ. މާލޭގައި ހުރި އެހެން އިންޑިއަން ރެސްޓޯރެންޓްތަކާ ހިލާފަށް އެތަނުން އިންޑިއަން ފުޑްގެ އަސްލު ރަހަ ލިބިގެންދާނެ ކަމަށް އޯނަރު ވިދާޅުވި އެވެ.

އޭގެ އިތުރުން ދިވެހިން ބޭނުންވާ ގޮތަށް އެކި ގަޑިތަކުގައި ބޭނުންވާ ކަހަލަ ކާނާ ލިބޭނެ ކަމަށް ޕީޓާ ޕޭންއިން ބުނެ އެވެ. ހެނދުނު ގަޑިއަށް ދިވެހިން އެންމެ ގިނައިން ކައިއުޅޭ، ކުޅިމަހާއި ރޮށި އަދި އެކިވައްތަރުގެ މަސްހުންޏާއެކު ބުފޭ އޮންނާނެ ކަމަށް އެ ރެސްޓޯރެންޓުން ބުންޏެވެ. އަދި މެންދުރަށްވެސް އިންޑިއަން ކަރީގެ ރަހަތަކާއެކު ބުފޭ އޮންނާނެ ކަމަށް ބުންޏެވެ.

ޕީޓާ ޕޭން ރެސްޓޯރެންޓް ހުޅުވުން -- ސަން ފޮޓޯ/ އަހުމުދު އަވްޝަން އިލްޔާސް

އޭގެ އިތުރުން ހަވީރު ސަޔަށް ހެދިކާވެސް ލިބެން ހުންނާނެ ކަމަށް އެ ރެސްޓޯރެންޓުން ވަނީ ބުނެފަ އެވެ.

ރޭ އެ ރެސްޓޯރެންޓުން ކެއި މީހަކު ބުނިގޮތުން އެތަނަކީ އާއިލާއާ އެއްކޮށް ކެއުމަށް އިންސާފުކޮށްލަން އެންމެ އެކަށީގެންވާ މާހައުލެކެވެ. އަދި ކާތަކެތިވެސް މީރުކަން ވަނީ ފާހަގަކޮށްފަ އެވެ.

ތިމާވެއްޓާ ރަށްޓެހި، ހިތްގައިމު މާހައުލެއް

ޕީޓާ ޕޭން ރެސްޓޯރެންޓުން ފާހަގަ ކުރެވުނު އެންމެ ހާއްސަ ކަމަކީ އެތަނުގައި ޕްލާސްޓިކް ފުޅި ފަދަ ތަކެތި ބޭނުން ނުކުރާ ކަމެވެ. ކޮންމެ ކަސްޓަމަރަކަށް ވެސް ފެން ސާވް ކުރަނީ ބިއްލޫރި ފުޅީގަ އެވެ.

ރެސްޓޯރެންޓުން ބުނީ އެތަނުގައި އެއް ފަހަރު ބޭނުންކޮށް އުކާލާ ޕްލާސްޓިކް ބޭނުން ނުކުރުމަށް އަޒުމު ކަނޑައަޅާފައިވާ ކަމަށެވެ. ފެންވެސް ސާވް ކުރާނީ ބިއްލޫރި ފުޅީގައި ކަމަށާއި އަދި ކޮކާކޯލާ އާއި އެހެންވެސް ބުއިންތައް ބިއްލޫރި ފުޅީގައި ސާވް ކުރަން ގެންނަން ނިންމަފައިވާ ކަމަށް ބުންޏެވެ.

އެ ރެސްޓޯރެންޓުން މަހެއްހާ ދުވަހުގެ ތެރޭގައި ޑެލިވަރީ ސާވިސް ފަށަން ނިންމާފައިވާއިރު އެކަމަށް ހާއްސަކޮށް ބައޯޑިގްރޭޑަބަލް ތަކެތި ގެންނަން ރާވާަފައިވާ ކަމަށްވެސް ބުންޏެވެ.

ޕީޓާ ޕޭން ރެސްޓޯރެންޓް ހުޅުވުން -- ސަން ފޮޓޯ/ އަހުމުދު އަވްޝަން އިލްޔާސް

އޭގެ އިތުރުން ތަނުގެ މާހައުލު ހުރީ ގަސް އިންދައި ފެހިކޮށްލާފަ އެވެ. އައުޓްޑޯ ހާއްސަ ތަންކޮޅެއް ހަދާފައިވާ އިރު އެތަނުގައިވެސް ގިނަ އަދަދެއްގެ ގަސް ޖަހާފައި ހުއްޓެވެ.

ރެސްޓޯރެންޓުގެ އެތެރޭގެ އޭސީކޮށްފައިވާއިރު އެތަނުގައި އާއިލާތަކާއި ގިނަ ރަށްޓެހިންނަށް އެކުގައި ތިބެވޭނެ ގޮތަށް ބޮޑެތި މޭޒުތައް ޖަހާފައި ހުއްޓެވެ.

ރެސްޓޯރެންޓުން ބުނީ ކޮފީ ބޯލުމަށާއި އާއިލާއާއެކު ކާލުމަށް އެންމެ އެކަށީގެންވާ ތަނަކަށް އެ ރެސްޓޯރެންޓު ވެގެންދާނެ ކަމަށެވެ.

comment ކޮމެންޓް