ކެފޭއެއްގެ ބިއްލޫރިގަނޑު ތަޅާލައި، އިންޒާރު ދީފި

މެރާކީގެ ބިއްލޫރިގަނޑު ބަޔަކު އެއްލި ގާބުރިއަކުން ޖެހި ތަޅައިގެން ގޮސްފައި --- ސަންފޮޓޯ/ މުހައްމަދު މުޒައްޔިނު ނާޒިމް

ގާބުރިއެއް އެއްލައި މެރާކީ ކޮފީ ރޯސްޓާސްގެ ބިއްލޫރި ގަނޑު ތަޅާލައި، އިންޒާރުގެ މެސެޖެއް އެ ކެފޭގެ ދޮރުގައި ތަތްކޮށްފި އެވެ.

މީގެ ކުޑައިރުކޮޅެއް ކުރިން އެމަގުން ދިޔަ ބަޔަކު އެ ކެފޭގެ ބިއްލޫރިގަނޑު ތަޅާލައި ވަނީ އިންޒާރުގެ މެސެޖެއް ގަނޑުކޮޅެއްގައި ލިޔެ އެތަނުގައި ހިއްޕާފަ އެވެ. އޭގައި ބުނެފައި ވަނީ "ފިރިހެނުން އަންހެން ނުވުމަށާއި. އަންހެނުން ފިރިހެން ނުވާން." ށެވެ.

މެރާކީ ވަންނަ ދޮރުގައި ތަތް ކުރި އިންޒާރުގެ މެސެޖް -- ސަން ފޮޓޯ/ މުޒައްޔިން ނާޒިމް

މަންޒަރުދުއް މީހަކު 'ސަން' އަށް ބުނީ ސައިކަލުތަކެއްގައި އައި ބަޔަކުގެ ތެރެއިން ކުރީ ސައިކަލުގައި ތިބި ދެމީހުން އެތަނަށް ގާބުރި އެއްލި ކަމަށެވެ. އަދި ފުރަތަމަ އެއްލި ގާބުރިން ބިއްލޫރިގަނޑު ތަޅައިގެން ނުދިޔުމުން އަނެއްކާވެސް އެއްލީ ކަމަށް އެމީހާ ބުންޏެވެ.

"އެރޮކްސް ސައިކަލެއްގައި އައި ދެ މީހަކު ފުރަތަމަ އެއްލި ގާބުރިން ތަޅައިގެން ނުދިޔުމުން، އަނެއްކާވެސް ކެފޭގައި ބޭރުގައި ހުރި ގޮނޑި މައްޗަށް އަރާ އެއްލީ. އޭރު އެ މީހާ ހުރީ މޫނުގަ އަތް އަޅައިގެން. އެ މީހުންނާ އެކު އައި އިތުރު ތިން ސައިކައިލު ފަހަތުގައި އޭރު މަޑުކޮށްލައިގެން ތިބި." އޭނާ ބުންޏެވެ.

މެރާކީ ކެފޭގެ ބިއްލޫރިގަނޑު ބަޔަކު ތަޅާލައިފައި --- ސަން ފޮޓޯ/ މުހައްމަދު މުޒައްޔިން ނާޒިމް

އޭނާ ބުނީ، އެއްލި ގާބުރިން ކެފޭ އެތެރޭގައި ހުރި މިހާގައިގައި ނުޖެހުނީ ހަމަ ކިރިޔާ ކަމަށެވެ. އޭނާ ބުނިގޮތުގައި، ގާ ބުރި އެއްލާލުމަށް ފިޔާތޮށި ކުލައިގެ ގަނޑުކޮޅުގައި ލިޔެފައި އޮތް އިންޒާރުގެ މެސެޖް އެ މީހުން ދޮރުގައި ތަތްކުރި އެވެ.

މިހާރު ފުލުހުން ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުންނެވެ.

މެރާކީގެ ބިއްލޫރިގަނޑު މިރޭ ބަޔަކު ތަޅާލައިފައި މިވަނީ، ދާދިފަހުން އަންހެނެއްގެ މައްސަލަ ޝޯޝަލް މީޑިއާގައި ހޫނުވެފައި ވަނިކޮށެވެ. މައްސަލަ ހޫނުވީ، އޭނާ ފިރިހެނުުން ހެދުން އަޅާގޮތަށް ހެދުން އަޅާ ކަމަށް ބުނެއެވެ.

comment ކޮމެންޓް