ގޭދޮށު މާރުކޭޓް: ފަސޭހަޔާ އެކު ކަޅުބާޒާރެއް!

މަޖީދީ މަގުގައި ހުޅުވާފައިވާ ގޭދޮށު ލޯކަލް މާރުކޭޓަކުން މީހަކު ވިޔަފާރި ކުރަނީ -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ވެހޭހާ ވާރޭއެއްގައި، ދޭހާ އަތްވެއްގައި މާލޭ މީހުން އަގުހެޔޮކޮށް ދިވެހި އުފެއްދުންތައް ގަންނަން ދާން ޖެހިފައި ވަނީ، މާލޭ އުތުރު ފަރާތުން ބޮޑުތަކުރުފާނު މަގުގައި އޮންނަ މާރުކޭޓު ސަރަހައްދަށެވެ. އެ ސަރަހައްދުގައި ހިނގާ ވިޔަފާރި ހަރަކާތްތަކުން ކާރޫބާރޫކަން ބޮޑުވެ އެތަނަށް ބާޒާރުކޮށްލަން ދިޔުން އެއީ ވަރަށް ވެސް ބޮޑު ވޭނެކެވެ. ވެހިކަލްތަކުގެ "ހާލިން" ލައްކަ އުނދަގުލުން ތަންކޮޅެއް ހޯދައިގެން ޕާކު ކުރުމަށްފަހު މާރުކޭޓު ތެރެއަށް ވަންނައިރު މީހާ ހުންނަނީ ދެވަރުން އެއްވަރުވެފަ އެވެ. މިކަން އަދި އެންމެ ރަނގަޅަށް އިހުސާސު ކުރެވޭނީ ރޯދަ މަހު އެ ސަރަހައްދަށް ދިޔަ މީހަކަށެވެ. އެކަމަކު އެ ތަކުލީފާއި ވޭނަށް މިހާރު ނިމުމެއް އަތުވެއްޖެ އެވެ.

މާރުކޭޓު ސަރަހައްދުގައި މީހަކު މުދާ އުފުލަނީ: ކޮންމެ އަހަރެއްގެ ރޯދަ މަހަކީ މާރުކޭޓު ސަރަހައްދު އާދަޔާޚިލާފަށް ހަލަބޮލިވާ ދުވަސްވަރެއް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ދިވެހި އުފެއްދުންތަކާއި ތަރުކާރީ އަދި މޭވާ ވިއްކާ ވިޔަފާރިވެރިން މާލޭގެ އެއް ދިމާލަކަށް ޖަމާވެފައި ތިބޭ ތިބުން ނިމުމަކަށް އައިސްފި އެވެ. މާލޭގެ އެކި ދިމަދިމާލުގައި ކުދިކުދި މާރުކޭޓުތަކެއް ހެދި އެ ތަންތަނުގެ ދޮރު މި ވަނީ ހުޅުވާލައިފި އެވެ. އެ މާރުކޭޓުތަކުގައި ދިވެހި އުފެދުންތަކާއި ތަރުކާރީގެ ބާވަތްތައް ނަން ހުސްކޮށް އެބަ ހުއްޓެވެ. ބައެއް މާރުކޭޓުތައް ހުންނަ ތަންތަނުގެ ގޮތުން ގިނަ މީހުންނަށް އެއީ ހުންނަ ތަންތަންކަން ނުވެސް އެނގެ އެވެ.

ކުއްލިއަކަށް މާރުކޭޓުތައް އެތަން މިތަނަށް!

މަޖީދީ މަގާ ދިލްބަހާރު މަގާ ގުޅޭ ކަންމަތީގައި މާރުކޭޓެއް ހުޅުވާފައި ހުންނަތާ ދުވަސްގަނޑެއް ވެއްޖެ އެވެ. މިއީ މުޅި މާލޭގެ ވެސް އެންމެ ކާރުބާރު ބޮޑު މަގުގައި ހުންނަ ތަނަކަށް ވުމުން އެތަން، އާންމުންގެ ލޮލުގައި އަޅައިނުގަނެ ނުދެ އެވެ.

މަޖީދީ މަގު މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލެ ސްކޮޔާއާއި އިންވެގެން ހުޅަނގަށް އޮންނަ ހުސް ޖާގައިގައި ހުޅުވާފައިވާ މާރުކޭޓަކީ އެ ސަރަހައްދުގައި ދިރިއުޅޭ މީހުން ފަރިތަ ތަނަކަށް ވާނެ އެވެ. މިތަން އޮންނަނީ ވިޔަފާރިވެރިންގެ ޖަމިއްޔާއިން ހިންގާ ފިހާރަ ބަރި އާއި މާލެ ސްކޮޔާއާ ދެމެދުގަ އެވެ.

ނަމަވެސް ކަޝިމާ ހިނގުމުގައި ހުންނަ ރަސްކަރަ ލޯކަލް މާރުކޭޓު ގިނަ އާންމުންނަށް ފާހަގައެއް ނުވެ އެވެ. ބުރުޒުމަގުން އައިސް ކަޝިމާ ހިނގުމަށް ވަދެގެންދާއިރު މަގުގެ ކަނާތްފަރާތުން މިތަން ފެންނާނެ އެވެ. މި މާރުކޭޓު ހުޅުވީ މިދިޔަ އޮކްޓޫބަރު މަހުގެ 10 ވަނަ ދުވަހު އެވެ. މިތަނުން ވެސް އާންމުކޮށް ފިހާރަތަކުން މޭވާއާއި ތަރުކާރީ ވިއްކާ އަގުތަކަށް ވުރެ މާ އަގުހެޔޮކޮށް އެތަކެތި ލިބެ އެވެ.

ރަސްކަރަ ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގަލޮޅުދަނޑުގެ އިރުމަތީ ފަރާތުން އޮންނަ ޝަބްނަމް މަގުގައި ވެސް ކުޑަވަރެއްގެ މާރުކޭޓެއް މިދިޔަ ހަފްތާ ހުޅުވައިފި އެވެ. މިއީ މި މަހުގެ 10 ވަނަ ދުވަހު ހުޅުވި މާރުކޭޓަކަށް ވުމުން އަދި މާ ގިނަ ބަޔަކަށް އެތަން ހުނަކަން އިނގޭހެން ހިޔެއްވެސް ނުވެ އެވެ. ތަން ކުޑަ ވިޔަސް، އެތަނުން ވެސް މޭވާ އާއި ތަރުކާރީ ވިއްކަނީ ރަށް ރަށުން ގެނެސްގެން ވަރަށް ހެޔޮ އަގުތަކެއްގަ އެވެ.

ގަލޮޅު ދަނޑު ކައިރީގައި ހުންނަ މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

ގޭދޮށު މާރުކޭޓް ސަޅިވެއްޖެ

ކުދި މާރުކޭޓުތައް ހުންނަކަން އެނގޭ މީހުންނަށް ވުރެ ނޭނގޭ މީހުން އަދި ގިނަ ނަމަވެސް، އެތަންތަނުން ވިޔަފާރި ކުރާ މީހުން ބުނާ ގޮތުން މިއީ ލިބުނު ފަސޭހައެކެވެ. ލޯކަލް މާރުކޭޓް ގޭބުޑަށް އައުމުން ވަގުތު ސަލާމަތްވެ އެވެ. އަދި އަންހެން ވެރިންނަށް ވެސް ސީދާ މާރުކޭޓަށް ގޮސް ތަކެތި ގަންނަން މާބޮޑަށް ފަސޭހަވެއްޖެ އެވެ.

"ވަރަށް ފަހުން އެނގުނީ މިތަން ހުންނަ ކަން. މިހާރު ތަރުކާރީކޮޅެއް ގަންނަން ވިޔަސް މިތަނަށް މި އަންނަނީ. ފިހާރަތަކަށް ވުރެ އަގުހެޔޮ،" ކަށިމާހިނގުމުގައި ހުރި ރަސްކަރަ ލޯކަލް މާރުކޭޓުން ވިޔަފާރިކޮށްގެން ނިކުތް މީހަކު ބުންޏެވެ.

އާ ފެށުމެއް، އާ ފުރުސަތެއް

ގޭދޮށު މި މާރުކޭޓްތަކުގައި ތިބި ވިޔަފާރިވެރިން ބުނާ ގޮތުގައި އެންމެ އެކަށީގެންވާ ގޮތުގައި އެ ތަންތަނުގެ ވިޔަފާރި އަދި ހިނގައި ގަންނަ ގޮތެއް ނުވެ އެވެ. މައްސަލައަކަށް ވަނީ، އެ މާރުކޭޓްތައް ހުންނަކަން މީހުންނަށް އަދި މަޝްހޫރު ނުވުމެވެ. އެތަންތަން އިޝްތިހާރު ނުވުމެވެ. އެ މީހުންގެ ސޭލްސް އެކަށީގެންވާ ވަރަށް ނުދާތީ އެ މީހުން ތިބީ މާޔޫސްވެފަ އެވެ.

ރަސްކަރަ ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

"ވަރަށް ގިނައިން ދިމާވާ މައްސަލައެއް އަހަރެމެން މިތަނަށް ވިއްކަން ގެންނަ އެއްޗެހި ނުވިކި ހުއްޓާ ހުސްވާ މައްސަލަ. ދެން މިޖެހެނީ ނުވިކި ހުންނަ އެއްޗެހި ގިނަ ދުވަސްވެގެން އުކާލަން." ގޮޅިއެއްގައި ހުރި ވިޔަފާރިވެރިއަކު ބުންޏެވެ.

ގަލޮޅު ދަނޑު ކައިރީގައި ހުންނަ މާރުކޭޓުން ދެ ގޮޅި ނެގި ވިޔަފާރިވެރިއަކުވެސް ތަކުރާރު ކުރީ ހަމަ އެ ޝަކުވާ އެވެ.

"ހުޅުވި ދުވަހު ލިބުނީ 220 ރުފިޔާ. ދެން މިވީ ދުވަސް ކޮޅުގައި ދެ ދުވަހަކު ލިބުނު 1500، 1600 ވަރަކަށް ރުފިޔާ. އަނެއްކާ ވެސް ވިޔަފާރި ދަށްވަމުން އައިސް މިހާރު އެވްރެޖްކޮށް ލިބެނީ 550-600 ވަރަކަށް ރުފިޔާ،" އޭނާ ބުންޏެވެ.

އޭނާ ބުނީ ކުލީގެ ގޮތުގައި ގޮޅިއަކަށް މަހަކު ދޭން ޖެހެނީ 7000 ރުފިޔާ ކަމަށެވެ. ނަމަވެސް އާންމުންނަށް އެތަން އެނގި، ވިޔަފާރި ރަނގަޅު ކުރަން ފުރުސަތު ދިނުމުގެ ގޮތުން މާރުކޭޓުގެ ވެރިފަރާތުން ފުރަތަމަ ތިން މަހު ކުލީގެ ގޮތުގައި ނަގަނީ 5000 ރުފިޔާ ކަމަށް އޭނާ ބުންޏެވެ.

ކަންމަތީ ސޭޓްގެ ޝަކުވާބޮޑު

މި މާރުކޭޓުތައް ހުންނަ ސަރަހައްދުތަކުގެ ކައިރީގައި ހުންނަ ކުދި ފިހާރަތައް ހިންގާ ވިޔަފާރިވެރިންގެ ހުރީ ޝަކުވާ އެވެ. އެ މީހުން ބުނާ ގޮޔުގައި މާރުކޭޓުން ވިއްކާ އަގުތަކުގައި ފިހާރަތަކުން މޭވާއާއި ތަރުކާރީ ނުވިއްކޭތީ ވިޔަފާރި ދަށްވާ މައްސަލަ ބޮޑެވެ. އޭގެ ސަބަބުން އެ މީހުން ކަހަލަ ކުދި ވިޔަފާރިތަކަށް އަސަރު ކުރެ އެވެ. ހާއްސަކޮށް ތަރުކާރީ މޭވާ ފަދަ އެއްޗެހި އެ ފިހާރަތަކުން ވިކޭލެއް މަދެވެ. ސަބަބަކަށްވީ، ގޭދޮށު ލޯކަލް މާރުކޭޓްތައް އުފެދުމެވެ.

"މިހާރު އެކަހަލަ ބާވަތްތައް ވަރަށް ސޭލްސްދަށް. އެއީ އެތަންތަނުގައި ވަރަށް ކުޑަ ކުއްޔެއްގައި އުޅޭ މީހުން އެ މީހުންނަކީ. އެ މީހުންނަށް ހެޔޮ އަގެއްގައި ވިއްކުނަސް އަޅުގަނޑުމެންނަކަށް ނުވިއްކޭ،" ކަންމަތީ ފިހާރައެއްގެ ސޭޓަކު ޝަކުވާ ކުރި އެވެ.

އެހެން ނަމަވެސް، ބައެއް ވިޔަފާރިވެރިން ބުނާ ގޮތުގައި އެ މީހުންގެ ވިޔަފާރިއަށް މާބޮޑު އަސަރެއް ނެތެވެ. މީގެ ކުރިން ވެސް ތަރުކާރީ އާއި މޭވާ ވިއްކަނީ އެ ނޫން ގޮތެއް ނެތިގެން އެވެ. އެއީ އާންމު މުދާ ގަންނަން އަންނަ މީހުން އެތަކެއްޗަށް ޑިމާންޑު ކުރުމެވެ. އެކަމަކު ލޯކަލް މާރުކޭޓްތައް ރަށު ތެރެއަށް އައުމުން އެ މީހުން ވިއްކާ އާންމު މުދާ ވިއްކުމަށް މިހާރު ފޯކަސް ކުރެވެ އެވެ.

"އަޅުގަނޑުމެންނަށް އާންމު މުދާ ވިއްކަމުން އުނދަގޫވޭ މޭވާ ތަރުކާރީ އެއްޗިހި ވިއްކަން. އޭގައި ވަރަށް ކުޑަކުޑަ އެއްޗެއް އޮންނަނީ. މި މާރުކޭޓްތައް އައިމާ މީހުން އެތަނުން އެ ޒާތުގެ ތަކެތި ގަނެފައި އާންމު މުދާ ގަންނަން ހަމަ މި ތަންތަނަށް އެބަ އާދޭ،" ސޭޓަކު ބުންޏެވެ.

ލޯކަލް މާރުކޭޓްގެ ނިވަލުގައި ކަޅު ބާޒާރެއްތަ؟

މާރުކޭޓުތަކުން ގޮޅި ނަގާ މީހުން އެތަންތަން ބިދޭސީންނަށް ކުއްޔަށް ދޭ ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ތުހުމަތު ކުރެ އެވެ. މިއީ ތާއަބަދުމެ ކަން ހިނގާ ގޮތެވެ. މީގެ ކުރިން ލޯކަލް މާރުކޭޓްގައިވެސް އެއީ ފަދަ އެވެ. ގިނަ ގޮޅިތައް ހިންގައިގެން ފައިދާ ނަގަނީ ބިދޭސީންނެވެ.

"މިނިސްޓްރީން ހުއްދަ ނަގައިގެން މި މީހުން [ދިވެހިން] މި ހަދާ އެއްޗަކީ ފައިދާއެއް ލާފައި ބޭރު މީހުންނަށް ކުއްޔަށް ދެނީ. މިކަން ބެލޭނެ ގޮތެއް ނޯވޭ. ގޮޅީގައި ހުންނަ ބިދޭސީ މީހާ ކައިރީގައި އަހާލާއިރަށް ބުނަނީ ތިމަންނާ މީ މިތާ ގެންގުޅޭ މީހެކޭ." ވިޔަފާރިވެރިއަކު ބުންޏެވެ.

ގޭދޮށު މާރުކޭޓްތަކުގައި ވިޔަފާރި ހިންގަން ތިބީ، 99 ޕަސެންޓް ބިދޭސީންނެވެ. "ސަން"އިން އޭގެ ތެރެއިން ބައެއް ބިދޭސީންނާ ސުވާލު ކުރުމުން، ގިނަ މީހުން ބުނީ އެއީ އެ މީހުންގެ ގޮޅިތައް ކަމަށެވެ. އަނެއް ބައި ބިދޭސީން އެއްޗެކޭ ނުބުނެ މަޑުން ތިބެނީ އެވެ.

ރަސްކަރަ ލޯކަލް މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މަޖީދީމަގުގައި ހުންނަ މާރުކޭޓު ގޮޅިއެއްގައި ހުރި ބިދޭސީއަކު ބުނި ގޮތުގައި އެތަން އަސްލު ނެގި ދިވެހި މީހާ ވިޔަފާރި އޭނާޔާ ހަވާލުކޮށްފައި ގޮސް ދިރިއުޅެނީ ރާއްޖެއިން ބޭރުގަ އެވެ. އޭނާ މަހުން މަހަށް ދިވެހި މީހާއަށް ފައިސާ ފޮނުވަނީ އެވެ. އެހެން ގޮޅިއެއްގައި ހުރި ބިދޭސީއަކު ކިޔައިދިން ގޮތުގައި އޭނާގެ ވެރިޔަކީ މިސްރު މީހެކެވެ. އަދި އެ ގޮޅީގައި މުޅިން ވެސް އޭނާ ވިއްކަނީ ރާއްޖޭން ބޭރުން ގެނެސްފައިވާ ބާވަތްތަކެވެ.

ގޭދޮށު މާރުކޭޓުތަކާ މެދު ވިޔަފާރިވެރިންގެ މިފަދަ ޝަކުވާތަކެއް ހުރި ނަމަވެސް ޖުމްލަކޮށް އާންމުން އެކަމާ ހިތްހަމަޖެހެ އެވެ. މި ގޭދޮށު މާރުކޭޓްތަކުން ތޮއްޖެހިފައިވާ މާލޭގެ ބާޒާރު މައްޗަށް މީހުން ކުރި ދަތުރުތަކަށް ނިމުމެއް ގެނެސްދީފި އެވެ.

ބައެއް ތަންތަނަކީ އަދި ދާދި އިހަކަށް ދުވަހު ހުޅުވި ތަންތަނަށް ވުމުން، އަދި ވިޔަފާރި އޮތީ ފިރުކޭ ހިސާބު އެވެ. ގޭދޮށު މާރުކޭޓަކީ ހަމަ ބަރާބަރު އެއްވަނައިގެ ކޮންސެޕްޓެކެވެ. ދިވެހި އުފެއްދުންތައް ވިއްކާ މީހުންގެ ވިޔަފާރި އާ ހަރުފަތަކަށް މި މާރުކޭޓްތަކުން އުފުލައިލަދެ އެވެ. އެކަމަކު އެކަން ކުރަން ޖެހޭނީ ހިފެހެއްޓުންތަކާއި އެކު އެވެ. ނޫނީ މިއީ އަނެއްކާ ވެސް، ހަމަގެއްލިފައި އޮންނަ ކަޅު ބާޒާރަކަށް ވާނެ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް