ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަރު ކޮމިޝަނުން އެކުލަވާލި ތަހުގީގު ރިޕޯޓު ދިރާސާކޮށް، މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ސަބް ކޮމިޓީން ރިޕޯޓު ފާސްކުރީ ސަބް ކޮމިޓީގެ މުގައްރިރު ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އިންނަވައިގެން ކަމަށް އެ ކޮމިޓީގައި ދެން ހިމެނިވަޑައިގަންވާ ދެ މެމްބަރުން ވިދާޅުވި ވާހަކަތައް ދޮގުކޮށްފިއެވެ.
އެ މައްސަލައިގައި މިރޭ ބޭއްވި މައި ކޮމިޓީގެ ބައްދަލުވުމުގެ ރިޔާސަތުގައި އިންނެވި ހުޅުމާލޭ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ، އެކަން ހިނގައިދިޔަ ގޮތް ސާފުކޮށްދިނުމަށް ހަސަން ލަތީފުގެ ކިބައިން އެދިވަޑައިގެންފައެވެ.
ރިޕޯޓް ދިރާސާކުރުމަށް 241 ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީގައި ތިއްބަވަނީ ހަސަން ލަތީފްގެ އިތުރުން މަޑުއްވަރީ ދާއިރާގެ އާދަމް ޝަރީފް އުމަރާއި ފަރެސްމާތޮޑާ ދާއިރާގެ ހުސައިން މުހައްމަދު ލަތީފެވެ.
އެކަން ތަފްސީލުކޮށްދެއްވަމުން ހަސަން ލަތީފް ވިދާޅުވީ ސަބް ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އޮތީ މިމަހުގެ 18 ވަނަ ދުވަހު ކަމަށާއި އެ ބައްދަލުވުމުގައި ބައިވެރިވީ މެމްބަރު އާދަމް ޝަރީފް އާދެމީހުން ކަމަށެވެ. އަދި ސަބް ކޮމިޓީގެ ދެވަނަ ބައްދަލުވުމުގެ ވެސް ހާޒިރީއަކީ އެ ދެ މެމްބަރުން ކަމަށެވެ. ތިން މެމްބަރުންގެ ކޮމިޓީއެއްގައި ދެ މެމްބަރުން ބައިވެރިވުމުން ކޯރަމް ހަމަވާނެއެވެ.
ދެވަނަ ބައްދަލުވުން ބޭއްވީ ރޭގަނޑު ކަމަށާއި، ރިޕޯޓުގެ މަސައްކަތް މުޅިން ނިންމާލަން މަސައްކަތްކުރި ނަމަވެސް ބައްދަލުވުން ނިންމާލީ މާބޮޑަށް ލަސްވުމުންކަމަށް ހަސަން ލަތީފް ވިދާޅުވިއެވެ. އެހެންކަމުން ރިޕޯޓުގެ މަސައްކަތް ގޭގައި ކުރުމަށް ހުށަހެޅުއްވި ކަމަށެވެ.
ސަބް ކޮމިޓީން ރިޕޯޓު ދިރާސާ ކުރީ ހަތަރު އިދާރީ މުވައްޒަފުންނާވެސް އެކުއެވެ. އެ މުވައްޒަފުން މައްސަލައިގައި ފާހަގަކުރި ކަންކަމުގެ ކޮޕީއެއްވެސް އަނެއް ދެ މެމްބަރުންނަށް އަރުވާފައި ވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ސަބް ކޮމިޓީން ބޭއްވީ ތިން ބައްދަލުވުމެކެވެ. އެ ބައްދަލުވުމުގައި ހަސަން ލަތީފްއާއެކު ބައިވެރިވެވަޑައިގަތީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރެވެ.
"އެ ބައްދަލުވުމުގައި ކުރި މަސައްކަތަކީ ސަބް ކޮމިޓީގެ ރިޕޯޓު ކޮމިޓީގެ މެމްބަރުންނާ ހިއްސާކޮށް، އެ ރިޕޯޓަށް އެއްވެސް ބަދަލެއް ގެންނަން ފެނޭތޯ މަޝްވަރާކުރުން. އަދި ކޮމިޓީ ރިޕޯޓުގައިވާ ނަންބަރުތައް ތަރުތީބުން ބަލައި ނިންމުން،" ހަސަން ވިދާޅުވިއެވެ.
ހަސަން ވިދާޅުވީ އިދާރީ މުވައްޒަފުން ގުޅިގެން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓުގައިވާ ހުރިހާ ކަމެއް އަކުރުން އަކުރަށް، މެމްބަރަށް ކިޔައިދީފައިވާނެ ކަމަށެވެ. މައި ކޮމިޓީއަށް ރިޕޯޓު ފޮނުވުން އެންމެ ރަނގަޅުތޯވެސް ސާފުކޮށްފައިވާނެ ކަމަށް ވިދާޅުވިއެވެ.
އަދި އެ ރިޕޯޓު އިތުރަށް ފުރިހަމަކޮށް، މައި ކޮމިޓީއަށް ފޮނުވަން ނިންމީ ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު އެކަމަށް އެއްބަސްވެވަޑައިގަތުމުން ކަމަށެވެ.
"އެހިސާބުން ފަރެސްމާތޮޑާ މެމްބަރު ފޯނު ނަންގަވައިގެން ވަކި އެއްޗެއް ވިދާޅުނުވެ ކޮމިޓިން ނުކުމެވަޑައިގަތީ. އަޅުގަނޑަކަށް އެނގިފައެއް ނެތް ކޮމިޓީ ދޫކުރައްވައި ވަޑައިގަތީކަމެއް ނޫނީ އެނބުރި ވަޑައިގަންނަވާ ގޮތަށް ވަޑައިގަތީ ކަމެއް. އެހެން ނަމަވެސް ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ކޮމިޓީގައި އިންނަވައިގެން މި ދެންނެވި ރިޕޯޓު ފައިނަލްކުރައްވައި ހުރިހާ ކަމެއް ކުރައްވާފަ ދެން އަޅުގަނޑު ދެންނެވީ އިދާރީ ބޭފުޅުން ދެން ގެންނަން ޖެހޭ އިސްލާހުތައް ގެނެސްފައި، [ރިޕޯޓު] އޮތް ގޮތަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ މައި ކޮމިޓީއަށް ފޮނުވާނީ އޭ،" ހަސަން ލަތީފު ވިދާޅުވިއެވެ.
އެއީ ވަރަށް އަވަހަށް ނިންމަންޖެހޭ މަސައްކަތަކަށް ވާތީ އިދާރީ ބޭފުޅުން ތައްޔާރުކުރެއްވި ރިޕޯޓުގެ އެނެކްސްގައި ހިމަނަންޖެހޭ ނަންތައް ހިމެނުމަށް ފަހު ރިޕޯޓުގައި ސޮއިކޮށް ސަލާމަތީ ހިދުމަތްތަކާ ބެހޭ މައި ކޮމިޓީއަށް ހަމަ އެރޭ ރިޕޯޓު ފޮނުއްވި ކަމަށް ހަސަން ލަތީފު ވިދާޅުވިއެވެ.
ކޮމިޓީއެއްގެ އެއްވެސް ރިޕޯޓަކީ ކޮމިޓީގެ ހުރިހާ މެމްބަރުން ސޮއިކުރައްވާ އެއްޗެއް ނޫން ކަމަށާއި ރިޕޯޓުތަކުގައި ސޮއިކުރައްވާނީ މުގައްރިރުކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި ކޮމިޓީގައި ކަމެއް ނިންމާނީ ވޯޓަށް އަހައިގެން ކަމަށާއި ނުވަތަ އިއުތިރާޒް ކުރައްވާ ބޭފުޅަކު ނެތްކަމަށް ވާނަމަ އެ ނިންމުމަށް އެއްބަސްވީކަމަށް ބެލެވޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"އެހެންވީމަ މީކީ ޕްރެސް ކޮންފަރެންސްގައި އެ މެމްބަރުވެސް އަދި އެހެން ބޭފުޅުން ވެސް އެ ވިދާޅުވާގޮތަށް އެއިން މެމްބަރަކު އެބޭފުޅުން ބައިވެރިވަޑައިނުގަނެ ހަދާފައި އޮތް ރިޕޯޓެއްކަމަށް ވިދާޅުވާނެ އެއްވެސް ޖާގައެއް ނެތް،" އޭނާ ވިދާޅުވިއެވެ.
އިއްޔެ ހެނދުނު އޮތް ބައްދަލުވުމުގައި މައި ކޮމިޓީން ނިންމީ ސަބް ކޮމިޓީގެ ރިޕޯޓުގައި އިތުރު ރެކޮމެންޑޭޝަންތަކެއް ހިމެނުމަށެވެ. އަދި އެ ބައިތައް ހިމެނުމަށްފަހު މައި ކޮމިޓީން މިހާރު ވަނީ ރިޕޯޓު ފާސްކޮށް އާންމުކޮށްފައެވެ.
މައި ކޮމިޓީގެ ރިޕޯޓު ފާސްކުރި އިރު، ކޮމިޓީގެ ރިޔާސަތުގައި އިންނެވީ އެ ކޮމިޓީގެ ނައިބު މުގައްރިރު ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ލަތީފެވެ. އަދި އެ ރިޕޯޓު ފާސްކުރަން އިދިކޮޅު ޕީއެންސީއަށް ނިސްބަތްވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވަނީ ވޯޓުވެސް ދެއްވައިފައެވެ.
ސަބް ކޮމިޓީގެ ރިޕޯޓުގެ މައްސަލަ ހޫނުވީ ސަލަފް ޖަމިއްޔާއަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތެއްގެ ގޮތުގައި ހިމަނައި އެ ޖަމާއަތަށް ފިޔަވަޅު އަޅަން ރިޕޯޓުގައި ހިމަނާފައިވާތީއެވެ.
މިރޭ އޮތް ކޮމިޓީ ބައްދަލުވުމުގައި އިދިކޮޅުން ވަނީ ސަބް ކޮމިޓީގެ ރިޕޯޓު އަލުން މުރާޖައާ ކުރުމަށް ހުށަހަޅައިފައެވެ. ނަމަވެސް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ މި މައްސަލަ އިތުރަށް ދިގު ދަންމަން ނުޖެހޭ ކަމަށާއި ހަރުކަށި ފިކުރު ފަތުރާ ކަމަށް ރިޕޯޓުގައި ބުނާ ޖަމާއަތްތަކުގެ ކިބައިން ސަލާމަތްވާން ޖެހޭ ކަމަށެވެ.