ޝިޔާމްއާއި ސައީދު ވަދެ 241 ކޮމިޓީ ހޫނުކޮށްލައިފި

2019 ވަނަ ރައްޔިރުން މަޖިލީހުގެ ޖަލްސާގެ ތެރެއިން -- ފޮޓޯ/ މަޖިލިސް

ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް، ނައިފަރު ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަދެ، މިރޭ އޮތް ކޮމިޓީގެ ބައްދަލުވުން ހޫނުކޮށްލައިފިއެވެ.

ޝިޔާމް އަދި ސައީދަކީ އެ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ދެ މެމްބަރުންނެއް ނޫނެވެ.

ކޮމިޓީގައި ނުހިމެނޭ މެމްބަރުން ވެސް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ކޮމިޓީ ބައްދަލުވުންތަކަށް ވަދެ، އަޑުއެހުމަކީ ކުރާ ކަމެކެވެ. އެހެން ނަމަވެސް ޝިޔާމް އާއި ސައީދު ވަނީ މިރޭގެ ކޮމިޓީގައި އަޑުގަދަކޮށް، ކޮމިޓީއަށް ހުރަސްއަޅައިފައެވެ.

މިރޭ ކޮމިޓީގެ ބައްދަލުވުން ބާއްވާފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމާ ގުޅޭ ގޮތުން މަރު ކޮމިޝަންގެ ރިޕޯޓް ދިރާސާކުރަން އެކުލަވާލި ސަބް ކޮމިޓީން ފާސްކުރި ރިޕޯޓަކީ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު އެކަނި އިންނަވައި ފާސްކުރެއްވި ރިޕޯޓެއް ކަމަށް، ސަބް ކޮމިޓީގައި ދެން ތިއްބަވާ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އަދި ފަރެސްމާތޮޑާ ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ލަތީފް މީޑިއާތަކަށް މައުލޫމާތު ދީފައިވާތީ އެވެ.

ކޮމިޓީ ހޫނުވީ، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ދެއްކެވި ވާހަކައާ ގުޅިގެންނެވެ. އާޒިމް ވިދާޅުވީ ރިޕޯޓާ ގުޅިގެން ކޮމިޓީގެ ބައްދަލުވުން ސިއްރުކޮށްގެން ކުރިއަށް ގެންދެވީ ދާދިފަހުން ސްރީލަންކާގައި ހިނގި ފަދަ ކަމެއް ރާއްޖޭގައި ހިނގިޔަ ނުދިނުމަށް ކަމަށެވެ.

ނަމަވެސް އެ މަގުސަދުގެ ނާޖާއިޒް ފައިދާ، އިދިކޮޅު ފަރާތްތަކުން ސިޔާސީ ބޭނުމަކަށް ނަގަމުން އަންނަ ކަމަށާއި، އެގޮތަށް އެކަން ނުކުރުމަށް އާޒިމް އެދިވަޑައިގަތެވެ.

"ތިބޭފުޅުން އަޅުގަނޑުމެންނާ ވާދަވެރިވިޔަސް އަޅުގަނޑުމެން ރައްޔިތުންގެ ހައްގުގައި ކޮންމެސް ކަމެއް ކުރަން އެބަޖެހޭ. ހަމައެކަނި ވެރިކަން ބޭނުންވެގެން އުޅުމެއް ނޫން ތިބޭފުޅުންގެ ބޭނުމަކަށް ވެސް ވާން ޖެހޭނީ، ޔާމީންގެ ބޭނުމަކަށް ވެސް ވާން ޖެހޭނީ، އެހެން ބޭފުޅެއްގެ ބޭނުމަކަށް ވެސް ވާނެ ޖެހޭނީ،" އާޒިމް ވިދާޅުވިއެވެ.

ކޮމިޓީ ހޫނުވީ އާޒިމް މިހެން ވިދާޅުވުމުންނެވެ. އާޒިމްގެ ވާހަކަ ކުރިއަށް ދަނިކޮށް ޝިޔާމް ވަނީ ވާހަކަ ދައްކަން ފަށައިފައެވެ. ޝިޔާމް ވާހަކަ ދައްކަން ފެށުމުން އާޒިމް ވަނީ ޝިޔާމް ކޮމިޓީ ދޫކުރައްވައި ނުކުމެވަޑައިގަތުމަށް އަންގައިފައެވެ.

އެހެން ނަމަވެސް ޝިޔާމް ވަނީ ވާހަކަ ކުރިއަށް ގެންދަވައިފައެވެ. ޝިޔާމް ވަނީ ސަބް ކޮމިޓީން ރެކޮމެންޑޭޝަންގެ ގޮތުގައި ރިޕޯޓުގައި ހިމަނާފައިވާ ކަންކަމަކީ އޮޅުވާލައިގެން، އެމްޑީޕީ ބޭނުންވާ ގޮތަށް ކަމަށް ބުނެ އަޑުގަދަކޮށްފައެވެ.

ޝިޔާމްގެ އަމަލުތަކާ ގުޅިގެން ކޮމިޓީގެ މުގައްރިރުގެ ގޮތުގައި މިރޭ އިންނެވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒް ވަނީ ޝިޔާމަށް ނަސޭހަތްދޭން ތަކުރާރުކޮށް މަސައްކަތް ކުރައްވައިފައެވެ.

ނަމަވެސް ޝިޔާމް ވަނީ އެބޭފުޅާގެ ވާހަކަތައް ކުރިއަށް ގެންގޮސް، ބައްދަލުވުން ކުރިއަށްދާ ކޮޓަރި ތެރޭގައި ކޮޅަށް ތެދުވެ މެމްބަރުންނާ ޒުވާބުކޮށްފައެވެ.

ޝިޔާމްގެ ތުހުމަތުތަކާ ގުޅިގެން އެމްޑީޕީ މެމްބަރުން ވިދާޅުވީ ރިޕޯޓު ފާސްކޮށްފައި ވަނީ ސަބް ކޮމިޓީގައި ތިއްބެވި ތިން މެމްބަރުން ކަމަށެވެ. އަދި ކޮމިޓީއަށް ހުރަސް އަޅަނީ ކޮން ކަމެއް ހާމަވެދާނެތީތޯ އިދިކޮޅު މެމްބަރުން ވަނީ ސުވާލު ކުރައްވައިފައެވެ.

މިހާރު ޝިޔާމް އާއި ސައީދު ބޭރުކޮށް، ކޮމިޓީ ބައްދަލުވުން އަނެއްކާވެސް ވަނީ ފަށައިފައެވެ.

އަދި މިހާރު ރިޔާސަތުގައި އިންނެވީ ކޮމިޓީގެ ނައިބު މުގައްރިރު ހުސެން މުހައްމަދު ލަތީފެވެ. އޭނާ ވިދާޅުވީ ސަބް ކޮމިޓީގެ ރިޕޯޓުގައި ހިމަނާފައިވާ ރެކޮމެންޑޭޝަންތައް މައި ކޮމިޓީ އަށް ފޮނުވުމުގައި އޭނާ ބައިވެރިނުވާ ކަމަށެވެ. ނަމަވެސް ރެކޮމެންޑޭޝަންތައް ފާސްކުރި އިރު މެމްބަރު އާދަމް ޝަރީފް އިންނެވި ކަމަށެވެ.

comment ކޮމެންޓް