މަލީޝާ ހައްޖު ގުރޫޕްގެ ވެރިޔާގެ މައްޗަށް ކުށް ސާބިތުވެ އަށް އަހަރަށް ޖަލަށް

މަލީޝާ ގުރޫޕުގެ ވެރިޔާ އިސްމާއިލް އަބްދުލަތީފު: އޭނާގެ މައްޗަށް ވަނީ އަށް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވާފައި -- ސަންފައިލް ފޮޓޯ

ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ގިނަ ބައެއްގެ އަތުން ފައިސާ ނެގި މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް (މާލު)ގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޚިޔާނާތްތެރިވުމުގެ ކުށް ސާބިތުވެ އަށް އަހަރު ދުވަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މަލީޝާގެ ވެރިޔާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގައި ބުނެފައި ވަނީ ހައްޖަށް ގެންގޮސްދޭނެކަމަށް ބުނެ ގިނަ ބައެއްގެ އަތުން 8,626,000 ރުފިޔާ ނެގުމަށްފަހު އެ ފައިސާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށެވެ. އަދި އެ ދައުވާ ކޮށްފައިވަނީ 92 މީހަކު ތަހުގީގަށް ދީފައިވާ ބަޔާންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށްވެސް އެ ދައުވާގައި ބުނެފައި ވެއެވެ.

ދައުލަތުން މަލީޝާގެ ވެރިޔާ އިސްމާއިލް އަބްދުއްލަތީފުގެ މައްޗަށް އުފުލާފައިވާ ހިޔާނާތުގެ ދައުވާއަށް އޭނާ އިންކާރުކޮށްފައިވީ ނަމަވެސް ހައްޖަށް ގެންދިއުމަށް ގިނަބައެއްގެ އަތުން ފައިސާ ނެގިކަމަށް މާލު ވަނީ އެއްބަސްވެފައެވެ. މީގެ ކުރިން ހުލާސާ ބަޔާން ދެއްވަމުން މާލުގެ ވަކީލު ވިދާޅުވީ އެ ފައިސާ މާލު ނަގާފައިވަނީ ހައްޖަށް މީހުން ގެންދިއުމުގެ ހުއްދަ ލިބޭނެކަމުގެ ޔަގީންކަން އިސްލާމިކް މިނިސްޓްރީން ދިނުމުން ކަމަށާއި އެ ފައިސާ ނެގުމުގައި އެއްވެސް ނުބައި ނިޔަތެއް އޭނާގެ ނެތް ކަމަށެވެ.

މަލީޝާގެ ވެރިޔާގެ ހިޔާނާތުގެ މައްސަލައިގައި ހެކިބަސް ނެގުމަށް ކޯޓަށް ހާޒިރުކުރެވުނު އެންމެންވެސް ބުނެފައި ވަނީ ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު "ފައިސާ ލިބުނުކަމުގެ ލިޔުން" ވެސް މަލީޝާއިން އެމީހުންނަށް ދީފައިވާ ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މުހައްމަދު ސަމީރު މިއަދު ކުރި ހުމުގައި ބުނެފައިވަނީ، އެ ފަރާތްތަކުގެ އަތުން ފައިސާ ނެގުމަށްފަހު ހައްޖަށް ގެންގޮސްދީފައި ނުވާކަން ދެ ފަރާތުގެ ވާހަކައިން ވެސް އެނގެން އޮންނަ ކަމަށާއި، އެހެންކަމުން މާލުގެ އެ އަމަލަކީ ހިޔާނާތްތެރިވުމުގެ އަމަލެއް ކަމަށެވެ. އެ ކުށް މާލުގެ މައްޗަށް ސާބިތުވެފައިވާތީ ކުށުގެ އުގޫބާތެއްގެ ގޮތުން އަށް އަހަރަށް ޖަލަށްލުމަށް މިއަދު ވަނީ ހުކުމް ކޮށްފައެވެ.

ހައްޖަށް ގެންދިއުމަށް ކަމަށް ބުނެ ގިނަބައެއްގެ އަތުން ފައިސާ ނަގާފައިވީ ނަމަވެސް އޭގެތެރެއިން ގިނަ ބަޔަކު މިހާރު ވަނީ ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންގޮސްފަ އެވެ. އަދި މީގެ ކުރިން އެމީހުން އެއްބަސްވެފައި ވަނީ ޝަރީއަތުން އެ ފައިސާ އަނބުރާ ލިބުމުން ދައުލަތަށް އެ ފައިސާ ދެއްކުމަށެވެ.

comment ކޮމެންޓް