ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ނުހެދޭތީ އާފިޔާގެ މައްސަލަ މަޑުޖެހިފައި

އާފިޔާ މުހައްމަދު މަނިކު، މުހައްމަދު އިބްތިހާލާ އެކު: އާފިޔާގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުހުން ހުއްޓިފައިވަނީ ހެކިބަސް ނެގޭނެ ގޮތެއް ނެތިގެން --

އަމިއްލަ ދަރިފުޅު މުހައްމަދު އިބްތިހާލް މަރާލި މައްސަލާގައި ވ. ރަކީދޫ އާފިޔާ މުހައްމަދު މަނިކުގެ މައްޗަށް އުފުލާފައިވާ ގަސްތުގައި ކުއްޖަކު މަރާލި ދައުވާއަށް ދައުލަތުން ހުށަހަށާފައިވާ ހެކިންގެ ހެކިބަސް ނުނެގި އަނެއްކާ ވެސް އެ މައްސަލަ ހުއްޓުމަކަށް އައިސްފި އެވެ. މިއަދު އޮތް އަޑުއެހުމުގައި ހެކިބަސް ނުނެގި ވަނީ، ރަކީދޫ ކޯޓުގައި ވީޑިއޯ ކޮންފަރެންސް ކުރެވޭނެ ގޮތް ނެތިގެންނެވެ.

ދެހާސް ފަނަރަ ވަނަ އަހަރު ހިނގި އެ ހާދިސާއާ ގުޅިގެން އާފިޔާގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ، ގަސްތުގައި ކުއްޖަކު މެރުމުގެ ދައުވާގެ އިތުރުން އަމުރަށް ނުކިޔަމަންތެރިކަން ދެއްކުމުގެ ދައުވާ އެވެ.

ދައުލަތުން ވަނީ ދައުވާ ސާބިތު ކުރުމަށް އާފިޔާ އާދެކޮޅަށް ނުވަ ހެއްކެއް ހުށަހަޅައިފަ އެވެ.

އޭގެ ތެރެއިން ގިނަ ހެކިވެރިން ދިރިއުޅެމުން ދަނީ ރަކީދޫގަ އެވެ. އަދި އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ހުރި ގޮތުން މާލެ އައިސް ހެކިބަސް ދިނުމަށް އުޒުރުވެރިވާ ކަމަށް މިއަދު އޮތް އަޑުއެހުމުގައި ޕީޖީގެ ވަކީލު ސީނިއާ ޕަބްލިކް ޕްރޮސިކުޓާ އައިޝަތު މުހައްމަދު ވިދާޅުވި އެވެ.

އެހެންކަމުން އެ ފަރާތްތަކުގެ ހެކިބަސް ނެގުމަށް ހަމަޖެހިފައި ވަނީ ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށްގެން ނެވެ. އެހެން ނަމަވެސް ރަކީދޫ މެޖިސްޓްރޭޓް ކޯޓުގައި އެފަދަ އިންތިޒާމެއް ހަމަޖެހިފައި ނެތުމުން އެ އަތޮޅުގެ ވެރިކަން ކުރާ ރަށް ފުލިދޫއަށް އެފަރާތްތައް ގެންގޮސް ހެކިބަސް ނެގުމަށް ނިންމާފައިވާ ކަން ޕީޖީގެ ވަކީލް ވަނީ ފަހާގަކުރައްވާފަ އެވެ.

އެކަމަށް ފުލުހުންގެ ފަރާތުން ވެސް އެހީތެރިކަމާއި އެއްބާރުލުން ލިބޭނެ ކަމަށް އައިޝަތު މުހައްމަދު ވަނީ ވިދާޅުވެފަ އެވެ. އަދި ކުރިއަށް ސުކޫލް ޗުއްޓީ އޮތުމާއި އެކަމަށް އެކަށީގެންވާ ވަގުތު ދެއްވުމަށް ވެސް ދައުލަތުން ވަނީ އެދިވަޑައިގެންފަ އެވެ.

އެހެން ކަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ އަންނަ މަހުގެ 10 ވަނަ ދުވަހު އެ މައްސަލައިގެ ހެކިބަސް ނެގުމުށް އަޑުއެހުމެއް ބޭއްވުމަށް ތާވަލު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ދުވަށް ހެކިން ހާޒިރު ނުކުރެވިއްޖެ ނަމަ ދެން އަޑުއެހުމަށް އޮންނާނީ އަންނަ އަހަރުގެ ޖެނުއަރީ 5 ވަނަ ދުވަހު ކަމަށް ގާޒި ވިދާޅުވި އެވެ.

މިއަދުގެ އަޑުއެހުން ނިންމަވާލެއްވުމުގެ ކުރިން މައްސަލަ ރައްދުވާ އާފިޔާ، އެއްވެސް އެއްޗެއް ބުނަން ބޭނުންތޯ ގާޒީ އެއްސެވި އެވެ. ކަޅު ކުލައިގެ ގަޔަށް ދޫ ހެދުމަކާއި ކަޅު ބުރުގަލެއް އަޅައިގެން ކުރިމައްޗަށް ބިޑު އަޅުވާފައި އިން އާފިޔާ މަޑު ރާގެއްގައި ބުނީ އެއްވެސް އެއްޗެއް ބުނަން ބޭނުން ނޫން ކަމަށެވެ.

comment ކޮމެންޓް