މެޑިސިން ކިޔަވަން ބޭނުންވާ ކުދިންނަށް އިތުރު ފުރުސަތުތަކެއް ދޭނަން: މިނިސްޓަރު

ހިލޭ ޑިގްރީއަށް ފެށުން އިފްތިތާހް ކުރުމަށް މިއަދު ގައުމީ ޔުނިވާސިޓީގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން--- ސަން ފޮޓޯ: ފަޔާޒު މޫސާ

މެޑިސިން ކިޔަވަން ބޭނުންވާ ކުދިންނަށް ލޯނާއި ސްކޮލަޝިޕްގެ އިތުރު ފުރުސަތުތަކެއް ދޭން ނިންމާފައިވާ ކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ މަޖިލީހުގައި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭގައި މެޑިސިން ކިޔަވައިދޭން ފެށިނަމަވެސް އެކަން އޮތީ ވަރަށް ޅަފަތުގައި އަދި އެކަމަށް ބޭރުގައި ކިޔަވަން ދޭ ސްޓޫޑަންޓް ލޯނުގައިވެސް މިހާރު އޮންނަނީ ވަރަށް މަދު ސްލޮޓްތަކެއް ކަމަށެވެ.

ކުރިއަށް އޮތްތަނުގައި މެޑިސިންއަށް ދޭ ސްލޮޓްތައް އިތުރުކުރަން ނިންމާފައިވޭތޯ މީކާއިލް ސުވާލުކުރެއްވުމުން ޖަވާބުގައި މިނިސްޓަރު ވިދާޅުވީ މެޑިސިންގެ ދާއިރާއިން ކިޔަވަން ބޭނުންވާ ދަރިވަރުންނަށް ލޯނު އަދި ސްކޮލަޝިޕް މެދުވެރިކޮށް އިތުރު ފުރުސަތުތައް ދިނުމުގެ ވިސްނުން އެބަހުރި ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ފުރަތަމަ ސްޓޫޑަންޓް ލޯނު ސްކީމް ހުޅުވާލިއިރު މެޑިސިން ހިމެނިފައި ނެތް ކަމަށެވެ. އެ ދާއިރާއިން ރާއްޖެއިން ބޭރަށް ކިޔަވަންދާން ލޯނުގެ ފުރުސަތު ދެވިފައި ނެތީީ އޭރު އަމަލުކުރަމުންދިޔަ އުސޫލުގެ ދަށުން މެޑިިސިންއަކީ ރާއްޖޭގައި ކިޔަވައިދޭ ދާއިރާއަކަށް ވާތީކަމަށް ވިދާޅުވިއެވެ.

"އެހެންނަމަވެސް އެފަހަރު ބޭނުންނުކުރެވުނު އަދަދުތަކަށް ދެވަނަ ފަހަރަށް އިއުލާނުކުރި އިރުގައި އަޅުގަނޑުމެންނަށް ތިކަން ފާހަގަކުރެވިގެން ނީޑް އޮތްކަމަށް ވަރަށް ބޮޑަށް ގަބޫލުކުރެވިގެން އަޅުގަނޑުމެން މެޑިސިން އެ ދާއިރާ ހިމެނީ. އެހެންނަމަވެސް އަޅުގަނޑުމެން އޭރު އިއުލާންކުރީ ބާކީ ހުރި ސްލޮޓްތައް ކަމަށްވާތީ އަޅުގަނޑުމެންނަށް އިއުލާންކުރެވުނީ ވަރަށް މަދު އަދަދަކަށް"

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ސްޓޫޑަންޓް ލޯންތައް ފަދަ ސްކީމްތައް ހުޅުވާލާއިރު މެޑިސިން ފަދަ ދާއިރާތަކަށް ވަރަށް ބޮޑަށް އިސްކަންދޭނެ ކަމަށެވެ.

މިއަހަރު ހުޅުވާލި ސްޓޫޑަންޓް ލޯނު ސްކީމްގެ ދަށުން މެޑިސިންއަށް ދީފައިވަނީ ދިހައަކަށްވުރެ މަދު ފުރުސަތެކެެވެ.

ގައުމީ ޔުނިވާސިޓީގައި ރާއްޖޭގައި މެޑިކަލް ސްކޫލެއް މިދިޔަ އަހަރު ފުރަތަމަ ފަހަރަށް ވަނީ އިފްތިތާހުވެސް ކޮށްފައެވެ. އަދި އާ ސަރުކާރުން ވެރިކަމާ ހަވާލުވެ ހިލޭ ޑިގްރީއަށް ކިޔަވައިދޭން ފެށުމުން މެޑިސިންވެސް ކިޔަވައިދެނީ ހިލެއެވެ. މިއަހަރު ވަނީ ސްކޫލްގެ މެޑިސިންގެ ދެވަނަ ބެޗެއްވެސް ކިޔަވަން ފަށައިފައެވެ.

comment ކޮމެންޓް